ވޭތުވެ ދިޔަ އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ރިލީޒްކުރި ކާމިޔާބު ފިލްމު ‘ނޯޓީ40’ ގެ ދެވަނަ ބައި ‘ފޯރޓީ ޕްލަސް’ މިއަހަރު އޮގަސްޓް 01 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.

ޔޫސުފް ޝަފީޢު ( ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "40 ޕްލަސް" އަކީ ގިނަ ފިލްމީ ތަރިންތަކެއް އެއް ފިލްމަކުން ފެނިގެންދާނެ ފިލްމެކެވެ.

ކޮޅުމަޑުލު ބުރުނީ ގައި ފިލްމުގެ ލަވަތައް ފިޔަވައި ހުރިހައި މަންޒަރެއް ޝޫޓް ކޮށްފައިވާއިރު، ލަވަތައް ޝޫޓްކުރަން ނިންމާފައިވަނީ މާލެ އާއި މާލެ ކައިރީ ރަށްތަކުގައެވެ.

ފިލްމުގެ ޑައިރެކްޓަރު ޔޫއްޕެ ބުނީ އޮގަސްޓު އެއް ވަނަ ދުވަހު ފިލްމު އޮލިމްޕަހުގައި އަޅުވާނެ ކަމަށެވެ، ނަމަވެސް އެ ދުވަސްވަރު ސިޔާސީ ގޮތުން މާލެ ހަލަބޮލިވެފައިވާ ނަމަ ތާރީހަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ޔޫއްޕެ ބުނެފައިވެއެވެ.

"40 ޕްލަސް" ގެ ލީޑު ރޯލުންޔޫއްޕެ، ސީޒަން، އަހުމަދު ސައީދު އާއި މުހައްމަދު މަނިކް ފެނިގެންދާއިރު މީގެއިތުރުން އަލީ އާޒިމް (ދޮންއައްޔަ)، ފާތުމަތު އާޒިފާ (އަޒޫ) ފަދަ ތަރިން ވެސް ފެނިގެން ދާނެ އެވެ. މީގެ އިތުރުން މުޅިން އަލަށް ފިލްމީ ދުނިޔެއަށް ނުކުތް ބައެއް ތަރިންވެސް ފެނިގެންދާނެއެވެ.

"40 ޕްލަސް" އަކީ ހެއްވާ މަޖާ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމުގެ ތަރިން ބުނެއެވެ.