ޓިކްޓޮކްގައި އެ ލަވަތައް އިވެމުން ދަނީ ބައިބަޔަށެވެ. ދިވެހިން އެ ލަވަތައް ބޭނުންކޮށްގެން ތަފާތު ވީޑިއޯތައް ކުޅެ އާންމު ކުރަމުން ދެއެވެ. މި ލަވަތަކުގެ ބައިތައް ލާތީ މީހުން، ލަވައެއްކޮށް ލިބިދާނެތޯ އަހާފައިވެސް އެބަ ހުއްޓެވެ. އެ ލަވަ ކިޔާފައިވާ ފަރާތެއްގެ އަޑުގެ ރީތިކަމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. މި ދައްކަނީ މިހާރު ދިވެހިންގެ ތެރޭގައި އެންމެ ހިޓް ލަވަތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ، "ޔާރާ"، އާއި "މަންމާ" އަދި "އެކަމެއް ނުވިޔޭ" ފަދަ ލަވަތަކުން ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ ރ. އަލިފުށީ މުހައްމަދު ޝިފާއު 21އ، ގެ ވާހަކައެވެ.

އޭނާ އަދި މިހާތަނަށް ރެކޯޑް ކުރީވެސް އެންމެ ތިން ލަވައެވެ. ޝިފާއު އަލަށް ލަވަތަކެއް ރެކޯޑްކޮށް، ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދީ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ހާއްސަކޮށް ޓިކްޓޮކް ޕްލެޓްފޯމްގައި މި ލަވަތައް ވެގެން ގޮސްފައި ވަނީ އެންމެ މަޝްހޫރު ލަވަތަކަށެވެ.

ޝިފާޢުގެ އިތުރުން ލަވަ ކިޔުމުގެ ހުނަރު ހުރި އޭނާގެ ބައްޕައާއި ދައްތަ އަދި ކޮއްކޮގެ އަޑުގެ ޖާދޫގައިވެސް އެތައް ބަޔަކު ޖެހުނެވެ. އެ މީހުން ލަވަކިޔުމުގެ ދާއިރާއަށް ކުރިއަށް ގޮސްފައި މި ވަނީ ބައްޕަގެ ސަބަބުންނެވެ. މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރު ވެގެން ދިޔަ ޝަޒާ އަކީ ޝިފާއުގެ ދައްތަ އެވެ. އެއީވެސް ތަފާތު އަޑެއްގެ ވެރިއަކަށް ވާއިރު، ޝިފާއު އަޑުވެސް އެހާމެ އަހާލަން ފަސޭހައެވެ.

ޝިފާއު މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުވި އޭނާގެ ދައްތަ ޝަޒާއާއެކު

ޝިފާއު ލަވަ ކިޔުމުގެ ދާއިރާއަށް ވަނުން

ޝިފާއު ބުނިގޮތުގައި، އޭނާ ހަނދާން ހުންނަން ފެށީއްސުރެ އޭނާއަކީ ލަވަ ކިޔާ އުޅޭ މީހެކެެވެ. އަސްލު އެކަން ފެށުނުގޮތަކީ ބައްޕައަކީ ލަވަކިޔާ މީހަކަށްވާއިރު، ބައްޕަގެ ފަރާތުން އެ ލިބުނު ހުނަރު އޭނާވެސް ކުރިއަރުވަން ބޭނުންވީ އެވެ.

"ބައްޕަައަކީވެސް ވަރަށް ރީއްޗަށް ލަވަ ކިޔާ އުޅޭ މީހެއް، އެކަމަކު މަޝްހޫރެއް ނުވާނެ، ދެން އަނެއްކާ ދައްތައަކީ ލަވަކިޔާ މީހެއް. ދެން އެހެންވީމަ ބައްޕަ އާއި ދައްތައާ ދެ މީހުން ލަވަކިޔާތަން ފެނިފައި ކުރިއަށްދާން ވިސްނީ، ދެން ކުރީގެ ޓޮއިލެޓް ސިންގާއެއް އަހަރެންނަނީ" އޭނާ ބުންޏެވެ.

ޝިފާއު އޭނާގެ އާއިލާ މީހުންނާއެކު، އޭނާގެ ބައްޕަ އާއި ދައްތަ އަދި ކޮއްކޮވެސް ލަވަ ކިޔާ އުޅޭ

ޝިފާއު ބުނީ، އޭނާގެ ލަވަތައް ރެކޯޑް ކުރަން ބޭނުންވީ ދައްތަ، ޝަޒާއަށް ލަވަތައް ލިބި އޭނާވެސް ލަވަތައް ރެކޯޑް ކުރި ހިސާބުން ކަމަށެވެ. އަދި ކޮއްކޮ ޝިނާންވެސް ސްކޫލަށް ލަވައެއް ރެކޯޑް ކޮށްފައިވާނެ ކަމަށާއި، އެހެންވެ އޭނާވެސް ލަވަ ރެކޯޑް ކުރަން ބޭނުންވީ ކަމަށް ޝިފާއު ބުންޏެވެ.

އޭނާ ފާހަގަކުރިގޮތުގައި، ބައްޕައަކީ ރީތި އަޑެއްގެ ވެރިއެއް ނަމަވެސް ބައްޕަ ލަވަ ކިޔާކަން ގިނަބަޔަކަަށް ނޭނގޭނެއެވެ. އެހެން ނަމަވެސް ދައްތަ، ކޮއްކޮ އާއި އޭނާއަށް ލަވަ އާއި މަދަހަ ކިޔުމުގެ ހުނަރު ދަސްކޮށް ދިނީ ބައްޕަ އެވެ.

"ރަށުގެ މަދަހަ މުބާރާތެއް އޮތަސް، ބައްޕަ ކައިރިން ދަސް ކުރާނީ، ބައްޕަ ކައިރިން ޓްރެއިން ވަނީ ދައްތަޔާ މަށާ ކޮއްކޮއާވެސް". ޝިފާއުގެ އައިޑޮލްއަކީވެސް ބައްޕަ ކަން ފާހަގަކުރަމުން ބުންޏެވެ.

ޖުމްލަ ތިން ލަވަ ރެކޯޑް ކުރި، ތިން ލަވައަށްވެސް ބޮޑު މަގްބޫލުކަމެއް!

ޝިފާއު ބުނީ، އޭނާ މިހާތަނަށް ޖުމްލަ ތިން ލަވައެއް ރެކޯޑް ކޮށްފައިވާނެ ކަމަށެވެ.

"އަހަންނަށް ހީވަނީ ބޮޑަށް މީހުންނަށް އަޅައިގަތީ އެންމެ ފުރަތަމަ ކީ ލަވަހެން. އެއީ މަންމަ ލަވަ. ދެން އޭގެ ފަހުން ޓިކްޓޮގައި މަޝްހޫރުވެގެން ދިޔައީ "ޔާރާ" ލަވަ. ދެން އިންނާނީ "އެކަމެއް ނުވިޔޭ".

"މަންމަ" ލަވައާއި "ޔާރާ" ގެ ޅެން ތައްޔާރުކޮށްފައި ވަނީ އަބްދުﷲ ޒައިދު ނަމަކަށް ކިޔާ އޭނާގެ ރައްޓެއްސެކެވެ. އަދި އޭނާ ރެކޯޑް ކުރި ތިން ލަވައިގެވެސް މިއުޒިކް ތައްޔާރުކޮށްފައި ވާނީ އަބްދުﷲ ޝާފިއު (ޝާ) އެވެ.

ޝިއާފު ފުރަތަމަ ރެކޯޑް ކުރި ލަވަ، މަންމަ

އޭގެ ވީޑިއޯ ކްލިޕްތައް ޓިކްޓޮކްގައި ވައިރަލްގެ ދިވެހިން އެތައް ބަޔަކު އޭނާގެ އަޑު ގެންގުޅޭ ގޮތަށް ތައުރީފްކޮށް ވާހަކަދައްކާފައި ވެއެވެ. އޭނާ ބުނީ، 'މަންމަ" ލަވައަކީ އޭނާ ރަށުގައި އެއްވެސް ކަމެއް ނެތިފައި ހުރި ދުވަސްވަރެއްގައި ރެކޯޑް ކުރި ލަވައެއް ކަމަށެވެ.

ޝިފާއު ހުރީ ލަވަ ކިޔުމާއިގެން ކުރިއަށްދާން ހިތްވަރު ލައިގެން،

ޝިފާއު ކިޔާފައިވާ "މަންމަ"، ޓިކްޓޮގައިވެސް ވަރަށް ބޮޑަށް ވައިރަލް ވެގެން ދިޔައެވެ. އެކި މީހުން ވީޑިއޯ ކްލިޕްތައް މި ލަވަ ހިމަނައިގެން އާންމުކުރިއެވެ. އަދި ސައުންޑްކްލައުޑްގައި އެ ލަވަ ލިތާ ފަސް މަސް ވެފައިވާއިރު، އެލަވައަށް 2000 އަށްވުރެ ގިނަ ލައިކް އާއި 200 އަށްވުރެ ގިނަ ކޮމެންޓްެގެ އިތުރުން 91،000 އަށްވުރެ ގިނަ ފަހަރަށް އެ ލަވަ އަޑުއަހާފައިވާ ކަމަށް ދައްކައެވެ.

ޝިފާއު ފާހަގަކުރިގޮތުގައި، އޭނާ ދެވަނައަށް ކީ ލަވަ "ޔާރާ" ރިލީޒްކުރުމާއެކު ގިނަ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންވެސް އޭނާއަށް ތައުރީފްކޮށްފައި ވާހަަކަދެއްކިއެވެ.

ޝިފާއުގެ ޔާރާ ލަވަ

"އެބަހުރި އައްޑޫ ހިސާބުންވެސް ޓިކްޓޮކް ކުޅޭ މީހުންވެސް ޔާރާ ލަވަ ބޭނުންވެގެން މެސެޖްކޮށްފައި ގުޅާފައިވެސް". އެހެން ނަމަވެސް އެ ލަވައަކީ ވީޑިއޯއާއެކު ނެރެން ނިންމާފައިވާ ލަވައަކަށް ވުމުން، އޭނާ އެ ލަވަ އެއްވެސް މީހަކަށް ދޭން ބޭނުން ނުވާ ކަމަށް ޝިފާއު ބުންޏެވެ. އެ ލަވައަށް ވީޑިއޯ ކުޅުމަށް ފުރުސަތު ލިބިފައި ވަނީ މަނިކް އާޓްސްގެ ފަރާތުން ކަމަށް އޭނާ ބުންޏެވެ.

އަދި އޭނާ ކިޔުނު އެ ލަވަތަކުގެ ސަބަބުން ބައެއް މީހުން ގުޅާފައި ފުރުސަތުތައްވެސް ދީފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޝިފާއުގެ "ޔާރާ" ލަވައަކީ މިހާތަނަށް ސައުންކްލައުޑްގައި އޭނާގެ ލަވަތަކުގެ ތެރެއިން އެންމެ ހިޓްވި ލަވައެވެ. މީގެ ހަތަރު މަސް ދުވަސް ކުރިން ސައުންޑްކްލައުޑަށް ލި އެ ލަވައަށް 5000 އަށްވުރެ ގިނަ ލައިކް ލިބުނުއިރު، 150 އަށްވުރެ ގިނަ ކޮމެންޓްސް ލިބިފައި ވެއެެވެ. އަދި ސައުންޑް ކްލައުޑްގައި އެ ލަވަ ޕްލޭކޮށްފައިވާ އަދަދު 191،000 އަށް އަރައެވެ.

އޭނާ އެންމެ ފަހުން ރެކޯޑް ކޮށްފައިވާ "އެކަމެއް ނުވިއޭ" އެ ލަވައިގެ މިކްސިންގ އާއި ރެކޯޑްކޮށްފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް އަލީ (ކުޑަ އިއްބެ) އެވެ. އޭގެ ކުރިން ރެކޯޑްކުރި ދެލަވައިގެވެސް ހުރިހާ ކަމެއް ކޮށްފައި ވަނީ ޝާކަން އޭނާ ފާހަގަކޮށްފައި ވެއެވެ.

ޝިފާއު އެންމެ ފަހުން ރެކޯޑް ކުރި ލަވަ އެކަމެއް ނުވިއޭ

ޝިފާއު "އެކަމެއް ނުވިޔޭ" ލަވަ ސައުންޑް ކްލައުޑަށް ލާފައި ވަނީ މީގެ ދެ މަސް ކުރިންނެވެ. ސައުންޑްކްލައުޑްގައި އެ ލަަވަައަށް 2000 އަށްވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ. އަދި އެތައް ސަތޭކަ ކޮމެންޓްސް ލިބިފައިވާއިރު، 61،000 އަށްވުރެ ގިނަ ފަހަރު އެ ލަވަ ޕްލޭކޮށްފައިވާ ކަމަށް ސައުންކްލައުންޑްއިން ދައްކަ އެވެ.

ޝިފާއު ވަނީ ލަވަކިޔުމުގެ ކަންތައްތަކުގައި ކުޑައިއްބެ އޭނާއަށް އެހީތެރުވެދޭކަންވެސް ފާހަގަކޮށްފައެވެ.

ވިސްނުން ހުރީ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދާން!

ޝިފާއު ބުނީ، އޭނާގެ ވިސްނުން ހުރީ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދާށެވެ. އެގޮތުން ބަޖެޓްގެ ދަތިކަމާއި ހެދި އަދި އޭނާއަށް ކުރިއަށްދެވެން ނެތް ކަމުގައިވިޔަސް، ބަޖެޓް ހަމަޖެހުނުހާ އަވަހަކަށް އޭނާގެ ވިސްނުން ހުރީ ދާއިރާއިން ކުރިއަށް ދާށެވެ.

"އަސްލު ބޭނުންވަނީ އޮފިޝަލީ ލަވަކިޔަން ފަށަން، އަސްލު އަނދަގޫވާނެ ބަޖެޓް ކަންތައް މި ދުވަސްކޮޅު ހަމަޖައްސަން، އަމިއްލައަށް ރެކޯޑް ކުރާތީ، ބައެއް ލަވަތައް އަދިވެސް ޕެންޑިންގގައި ހުރީ. ވަރަށް ބައިވަރު މީހުން އޮފަރވެސްކޮށްފައި އެބަހުރި، ވަރަށް ބައިވަރު މީހުންނަށް ކިޔާވެސް ދީފައި ހުންނާނެ ލަވަ. ވަރަށް ފަހުން ގިގްއަކަށްވެސް ގޮސްފައި އިންނާނީ" ދެން ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝިފާއު ބުންޏެވެ.

ޝިފާއުގެ ވިސްނުން ހުރީ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދާން

ޝިފާއު ބުނީ، އެގޮތަށް "އޮފާ" ތައް ލިބެމުންދާނަމަ އެކަމުގައި އުޅޭނެ ކަމަށެވެ. އަދި އޭނާގެ ވިސްނުން ހުރީ ލަވަކިޔުމުގެ ދާއިރާގައި އާއި ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާންކަން އޭނާ ފާހަގަކުރިއެވެ.

އޭނަގެ ވިސްނުން އަމިއްލަ އަލްބަމަކާއި ދިމާލަށްވެސް އެބަ އޮތެވެ. އަމިއްލަ ރާގުތަކާއި ބައެއް ކޮޕީ ރާގުތައް ހިމަނައިގެން އަމިއްލަ އަލްބަމެއް ނެރުމަކީ އޭނާގެ ވިސްނުން ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުގައި ލަވަކިޔާ މީހުންގެ ފަރާތުން އޮފަރ ލިބެމުންދާކަން އޭނާ ވަނީ ފާހަަގަކޮށްފައެވެ.

އަދި ފިލްމަކަަށް ލަވައެއް ކިޔަން ފުރުސަތެއް ލިބިއްޖެ ނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެކަންވެސް ޝިފާއު ވަނީ ފާހަގަކޮށްފައެވެ.

"މިހާރުވެސް އެކަކު އެބައިން ބުނެފަ، ތިމަންނަ ދެން ނެރޭ ފިލްމަށް ލަވަކިޔަން ގުޅާނަމޭ. އަދި ނަން ހާމަ ނުކުރިޔަސް ރަނގަޅުވާނެ ކަންނޭނގެ".

ޝިފާއު ހުރީ ލަވަ ކިޔުމާއިގެން ކުރިއަށްދާން ހިތްވަރު ލައިގެން،

މިފަދަ ހުނަރު ހުރި ޒުވާނުން، އެކަމައިގެން ކުރިއަށް ދެވޭނީ ގިނަބައެއްގެ އެއްބާރުލުމާއި، ހިއްވަރު ލިބިގެންނެވެ. އާންމުގޮތެއްގައި މިފަދަ ދާއިރާތަކުން ނިކުންނަ ޒުވާނުންނަށް މާބޮޑަށް އަޅާނުލެވުމުގެ ސަބަބުން، ދާއިރާއާ މުޅިން ދުރަށް ގޮސްފައިވާ ހުނަރުވެރިންވެސް މަދެެއް ނޫނެވެ.

ޝިފާއު ބުނީ، އޭނާއަށް މި ދާއިރާއިން ކުރިއަަށް ދިއުމަަށާއި، ދާއިރާއަށް ވަނުމަށް އެންމެ ބޮޑު އެހީއަށް ވެދިން ބަޔަކީ ހައުސް އޮފް މިއުޒިކް ކަމަށެވެ. އޭނާ ވަނީ އެ މީހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދި ޝަމްވީލް ގާސިމް (ބަރޯ)ވެސް އޭނާގެ ލަވަތަކާއި ގުޅޭގޮތުން ވާހަކަދައްކާ ކޮމެންޓް ކުރި ކަމަށާއި، އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އާއި ލަތީއްބެގެ އިތުރުން ކުޑައިއްބެވެސް ވަރަށް ރަނގަޅު ކޮމެންޓްސްތައް ދިން ކަން އޭނާ ފާހަގަކުރިއެވެ.

ޝިފާއު ބުނީ، އޭނާގެ ލަވަތައް ދިވެހިން ބަލައިގަނެ، އެކަމުގައި ކުރިއަށްދިއުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ރައްޔިތުމީހާ

  އެންމެނަށޭ ... ހަމަގައިމުވެސް މަށަކަށް ކަމަކުނުދޭ ....

  18
  21
 2. އަރީ

  ޝިފާއުގެ ލަވަކިޔާގޮތް ވަރަށް ރީތީ. އަދި އަޑުވެސް އެހާމެރީތި. ވަރަށް ކަމުދޭ

  25
  14
 3. ާއަހުމަދު

  ޙަރާމް

  26
  3
  • ހުމޭ

   ބައެއް ފިގުހު އިލްމުވެރިން ވިދާޅުވޭ ބައެއްކަހަލަ މިއުޒިކާ ލަވައޭ ޙަރާމީ. އިލްމުވެރިންގެ މެދުގަ ޙިލާފްހުރި ފިގުހީ މައްސަލަތަކުގަ ދެގޮތުންކުރެ ކޮންމެ ގޮތެއްގަވެސް ހިފިދާނެ. ޙިލާފު ގެ މާނައަކީ ޙިލާފް. އެމީހަކު އެދޭގޮތަކަށް އެމީހަކު ކަންކުރީމަ ރަގަޅުވާނެ. ހަގުރާމަކޮއް ޒުވާބުކުރުމުގެ ބޭނުމެއްނެތް. ޅަފަތުގާ އުގެނެމާ ލަވަ ކިޔައިގެން އެއަޑުއަހައިގެން ދީނުންބޭރުވާކަމެއްނޭގެ އަދި ޝިފާއުގެ ލަވަ އަޑުއަހައިގެންވެސް ކުފުރުވާ ޙިޔާލެއް ނުވަތަ ޒިނޭކުރާ ހިޔާލެއް ނާދެ.

   12
   9
 4. ރީޝާ

  ހެޔޮ ވިސްނުން ދެއްވާށި

  12
  2
 5. ޢަޒްރާ ޢަލީ

  އާޚިރަތްދުވަހު މޮޅުސުވާލެއް ކުރެވޭނެ ޖަވާބް ދެވޭނެތަ؟

  11
  1
  • ޒިހުނީ

   އެޖެހުނީ ބޮޑުތާ

   5
   4
 6. ޑައިވަރޭ

  ބޮޑެތި އަގުނަގާގެން ލަވަކިޔާފައި ލަވަ ކުޅެފައި ދުވަސް ކޮޅަކުން ހުއްޓާލިޔަސް މީހުން ލަވަ އަޑުއަހާ ބަލާނެ ކަން ހަނދާނުގައި ބަހައްޓާތި،...

  7
  2
 7. ކަމަނަ

  ރީއްޗެއް ނޫން. ކަމަކުނުދޭ. މީނަ ހެޔޮ ދުވަހަކު ލަވަ ނުކިޔަސް.

  6
  4
  • ދޮނޭ

   އަސްލުވެސް "ލަވަ" މީނަ ނުކިޔަސް ހެޔޮ. މަށަށް ރީއްޗެއްނޫނޭ، ހުތުރޭ، ހަޑިއޭ، ކަމަކު ނުދެޔޭ، ފޫއްސޭ، ނުކިޔާށޭ އާދޭސްކޮށްފައޭ މިބުނީ ހުއްޓަލާށޭ.

  • ވަރަށް ފައްކާ

   ކަލޭ ކޮންމެ އެއްޗެއް ކިޔަސް އޭނަ އަކީ މިހާތަނަށް އެންމެ ރީއްޗަށް ލަވަކިޔާފައިވާ މޮޅު ހުނަރުވެރިއެއް

   • ޝިފާއު

    އޭނަ މޮޅެއް ނޫން. އެކަމަކު ޅެންވެރިކަން މޮޅު. ލަވައެއް ރީތި ވަނީ ޅެންވެރިކަން މޮޅުވީމަ

 8. ައަހުމަދު

  ދީނުގަ ހުއްދަ ނޫން ކަންތައް ހިޓް ވާނެ ފަހުޒަމާނުގަ.

 9. ހަންނަ

  ހުސް ހިންދީ ކޮޕީ ލަވަ ކިޔައިގެން މަޝްހޫރުވެފަ... ދިވެހި އަމިއްލަވަންތަކަމެއް ނެތް