އިންގްލޭންޑުގައި ހިންގާ ޕާކެއްގައި ގެންގުޅޭ ގުރާތަކެއް ހުތުރުބަސްތައް ބޭނުންކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.

އިރުމަތީ އިންގްލޭންޑުގެ ލިންކޮލިންޝިއާ ވައިލްޑްލައިފް ޕާކުގައި ގެންގުޅޭ ގުރާތައް، އެ ޕާކަށްދާ މީހުންނާއި ދިމާލަށް ހުތުރު ބަހުން ވާހަކަ ދައްކާ ޝަކުވާތައް ގިނަވުމާއި ގުޅިގެން ޕާކުން ވަނީ އެ ގުރާތައް އާންމު ތަންތަނުގައި ނުބަހައްޓަން ނިންމާފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން މި ޕާކުގައި ކަސްޓަމަރުންނާއި ދިމާލަށް ހުތުރު ބަހުން މުޢާމަލާތު ކުރަމުން ދިޔައީ އެފްރިކަން ގްރޭ ގުރާތަކެކެވެ. މި ގުރާތަކަށް ހުތުރު ވާހަކަތައް ދަސްކޮށްދިނީ ޕާކަށް ޒިޔާރަތްކުރި ބައެއް ކަމަށްވެސް އޮފިޝަލުން ތުހުމަތު ކުރެއެވެ.

ޕާކުގެ އޮފިޝަލުން ބުނެފައިވަނީ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ މިފަދަ ޕާކުތަކުގައި ހުންނަ ގުރާތަކަށް ހުތުރު ވާހަކަތައް ދަސްކޮށް ދިނުމަކީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ. މިގޮތުން ދަސްކޮށްދޭ ބަސްތައް ކުޑަކުދިންނާއި ދިމާލަށް ވެސް ގުރާތައް ބޭނުންކުރާތީ، ކުދިން ގޮވައިގެން ޕާކަށްދާ ގިނަ ބަޔަކު ކަންބޮޑުވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

"ގުރާތައް އާންމުކޮށް ޕާކު ތެރެއިން ފެންނަން ހުރިއިރު، އޭގެ ހުނަރުތައް ފެނިފައި ގިނަ ބަޔަކަށް އުފާވެރިކަން ލިބޭ. އެކަމަކު މިހާރު އެ ގުރާތައް އާންމު ތަނެއްގައި ބެހެއްޓެން ނެތުމީ މުޅި ޕާކަށާއި، ޕާކަށް ޒިޔާރަތްކުރާ މީހުންނަށްވެސް އިހުސާސްކުރެވޭނެ ފަޅުކަމެއް،" އޮފިޝަލަކު ބުނެފައި ވެއެވެ.

އެފްރިކަން ގްރޭއަކީ ގުރާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ވައްތަރެވެ. އެކި އަޑުއަޑުން ގިނަ ވާހަކަތައް ދެއްކުމުގެ ޤާބިލްކަން ލިބިފައިވާ މި ދޫންޏަކީ އާންމުކޮށް ޕާކުތަކާއި ޒުލުގައި ގެންގުޅޭ ދޫންޏެކެވެ. މިގޮތުން 2019 ވަނަ އަހަރު އިނގިރޭސިވިލާތަށް އެކަނިވެސް އެފްރިކަން ގްރޭގެ 1.1 މިލިއަން ދޫނި އެތެރެކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަހުރަބު

    އިނގިރޭސީންތަ ، އަވަހަށް އިސްލާމީ ޤައުމެއް ސުންނާފަތިކޮށްލާ !

    10
    4