ކުރީގެ މޮޑެލް، ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިއެއްގެ ގޮތުގައި ވެސް މަޝްހޫރު އިނގިރޭސިވިލާތައް ނިސްބަތްވާ ކެޓީ ޕްރައިސް ބަނގުރާޓް ވެފައިވާކަމަށް ކަނޑައަޅަން އިނގިރޭސިވިލާތުގެ ކޯޓެއްގައި ކުރިއަށް ގެންދާ ޝަރީޢަތުގައި އޭނާ ބައިވެރިވާނީ "ޒޫމް" މެދުވެރިކޮށް ވީޑިއޯ ކޯލަކުން ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކެޓީ ބަނގުރާޓް ވެފައިވާކަމަށް ކަނޑައަޅަން އޭނާ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ނަމަވެސް އޭގެ ފަހުން އޭނާ ވަނީ އެކިތަންތަނުގައި ހަފަހަރެއްގެ މަތިން ޗުއްޓީ ހޭދަކޮށްފައެވެ. މިހާރު އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދަނީ ވެސް ކޮންމެ ރެއަކަށް 1400 ޕައުންޑް ހޭދަކޮށްގެން ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް ތިރީހަކަށް ހާސް ރުފިޔާއެވެ.

ކެޓީ އޭނާ އަކީ ބަނގުރޫޓް ވެފައިވާ މީހެއްކަމަށް ކަނޑައަޅަން ކޯޓަށް މައްސަލަ ހުށަހެޅީ "އާފެށުމަކުން ހުރިހާކަމެއް ފަށަން" ކަމަށް އޭނާ ކުރިން ބުނެފައި ވެއެވެ. އޭނާ މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހު އޭނާ އަކީ ބަނގުރޫޓް ވެފައި ހުރި މީހެއް ކަމަށް ކޯޓުން ނިންމައިފިނަމަ އޭނާގެ މުދާ ވިއްކާލައިގެން ދަރަނިތައް ދެއްކުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.

އަދި އަލުން ވިޔަފާރިތައް ފެށުމަށް އޭނާ އަށް އިތުރު ބައެއް ލުއިތައް ވެސް ލިބިގެންދާނެއެވެ.

ބަނގުރޫޓް ވެފައިވާކަމަށް ނިންމަން ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ކެޓީ އަގުބޮޑު ޗުއްޓީތައް ހޭދަކުރަމުން ގެންދާތީ އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް އެފާޑުކިޔުންތަކަށް ރައްދުދެމުން އޭނާ ބުނެފައި ވަނީ ޗުއްޓީތަކަށް ހޭދަކުރަމުން ގެންދަނީ އޭނާގެ ލޯބިވެރިވާ ކާލް ކަމަށެވެ.