މަނޯޖް ބަޖްޕާއީ އާއި ސިދާދު މަލޯތުރާގެ "އައްޔާރީ" އަކީ މިއަހަރުގައި އެފިލްމެއްގެ ވާހަކަ ވަރަށް ދެކެވުނު ފިލްމެކެއެވެ. އެކި ފަހަރު މަތިން އެކި ސަބަބުތަކާހުރެ ލަސްކުރުމަށްފަހު އެންމެ ފަހުން އެ ފިލްމް އަލުވާފައި މިވަނީ ފެބްރުއަރީ 16 ގައެވެ.

ނަމަވެސް ފިލްމްގެ ފުރަތަމަ ދުވަހު ހީކުރި ވަރަށް މި ފިލްމަށް ތަރުހީބެއް ނުލިބުނެއެވެ. 1750 ސިނަމާއެއްގައި މި ފިލްމް އަޅުވައިގެން ފުރަތަމަ ދުވަހު މި ފިލްމަށް ލިބިފައި މިވަނީ އެންމެ 3.36 ކުރޯޑް ރުޕީސްއެވެ. ގިނަ ސަރަހައްދުތަކުން ފިލްމަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ.

ސިދާތު ކުރިން ކުޅުނު ފިލްމް ތަކާއި އަޅާބަލާއިރު މިއީ އޭނާގެ ފިލްމަކަށް މިހާ ކުޑަ ތަރުހީބެއް ލިބުނު ފުރަތަމަ ފިލްމެއެވެ. އޭނާގެ "ޖެންޓްލް މޭން" އާއި "އިއްތިފާގް" ވެސް ވަނީ 4 ކުރޯޑަށް ވުރެ ގިނަ ރުފިޔާ ފުރަތަމަ ދުވަހުން ހޯދާފައެވެ.

ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި ކުރިޔަށް އޮތް ތާންގައި ވެސް މި ފިލްމަށް މާ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ލަފާއެއް ނުކުރެއެވެ. ސިދާތު އާއި މަނޯޖް ބަޖްޕާއީ ވަރަށް އުންމީދާއިއެކު ނެރުނު މި ފިލްމް ފޮލޮޕް ވުންވެސް އެކަށީގެންވާކަމަށް ބައެއް ފަރާތް ތަކުން ބުނެއެވެ.

"އައްޔާރީ" އާއި އެއްދުވަހެއްގައި އިންޑީޔާގެ ސްކްރީން ތަކުގައި އެޅުވި އިނގިރޭސި ފިލްމް، މާވަލްގެ "ބްލެކް ޕެންތާ" އަށްވެސް ވަނީ "އައްޔާރީ" އަށްވުރެ ރަނގަޅު ތަރުހީބަކާއި އާންމުދަނީ އެއް ލިބިފައެވެ. 1000 ސިނަމާއެއްގައި އަޅުވައިގެން "ބްލެކް ޕެންތާ" އިން ވަނީ 5.60 ކުރޯޑް ރުޕީސް ހޯދާފައެވެ. މިކަމާ ބައެއް މީހުން ތިބީ ހައިރާންވެފައެވެ.