ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުން 17 ވަަރަކަށް ސަމުސާގެ ހަކުރު ދުވާލެއްގެ މައްޗަށް ކެވޭ ނަމަ އެއީ އެ މީހެއްގެ ހަށިގަނޑަށް ބޭނުންވާ ހަކުރަށް ވުރެ އިތުރު އަދަދެކެވެ. އެންމެ ގިނަވެގެން ވެސް މީހަކު ކާން ރަނގަޅީ 12 ސަމްސާގެ ހަކުރެވެ. އެއީ 200-250 ކެލަރީސް އެކުލެވޭ މިންވަރެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ހަކުރު ލިބޭ މިންވަރު ކުޑަ ކުރުން ވަަރަށް މުހިންމެވެ. ދެހާސް ސަތާރައިގައި ބީއެމްޖޭއިިން ކުރި ދިރާސާއަކުން ދައްކާ ގޮތުން ކާބޯތަކެއްޗަށް ހަކުރު އެއްކޮށްފައިވާ ނަމަ އެ ތަކެތި ކެއުމާއި ދުރުވާން 20 އިންސައްތަ މީހުން މަސައްކަތް ކުރެއެވެ. އެހެންކަމުން 2035 އަންނަ އިރު ކޮންމެ 100،000 މީހަކުން 20 މީހުންނަށް ޓައިޕް ދޭއްގެ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ދަށް ކޮށްދެއެވެ. އަދި 10 މީހުންނަށް ހިތުގެ މަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ހަކުރު ކެވޭ މިންވަރު ދަށްކުރެވިދާނެ ބައެއް ގޮތްތަކަަކީ މިހުރީއެވެ.

ހަށިގަނޑަށް ރަނގަޅު ހަކުރާއި އެ ނޫން ހަކުރު ދެނެގަތުން

ހަކުރު ކާ މިންވަރު ދަށްކޮށްލުމުގެ ކުރިން ހަށިގަނޑަށް ބޭނުންވާ ހަކުރުގެ މިންވަރު ދެނެގަންނާށެވެ. ހުރިހާ ހަކުރުގެ ބާވަތްތަކަކީ ގުދުރަތީ އެއްޗެއް ނޫނެވެ. އެގޮތުން މޭވާގައި ހިމެނޭ ފްރުކްޓޯސް އަދި ޑެއިރީގެ އުފެއްދުންތަކުގައި ހިމެނޭ ލެކްޓޯސް އަކީ ގުދުރަތީ ހަކުރެވެ. އޭގައި ވިޓަމިން އާއި މިނަރަލް އެކުލެވޭ އިރު އެއީ ހަށިގަނޑަށް ބޭނުންތެރި މާއްދާތަކެވެ.

ނަމަވެސް ޕެކްކޮށްފައި ހުންނަ ކާނާގައި ގިނަ އަދަދަކަށް ހަކުރު ހުރެއެވެ. އެތަކެތި ކާނަމަ ހަޖަމް ކުރުމުގެ ނިޒާމަށް އަސަރުކޮށް، މީހާ ފަަލަ ވުމާއި، މާޔޫސްވުމާއި ގާތްކޮށްދެއެވެ.

އަދި އެކި ކަހަލަ ސިރަޕްތައް އާދަވެގެން ބޭނުން ކުރުން ވެސް އެހާ ރަނގަޅެއް ނޫނެވެ.

ހަކުރު އެކުލެވޭ ތަކެތި ކެއުން ދަށް ކުރާނީ ކިހިނެތް؟

  • ކޮންމެ ދުވަހަކުވެސް ކާ އެއްޗެހި ދެނެގަންނާށެވެ. ކާތަކެތީގެ ލޭބަލް ބަލާ ހަށިގަނޑަށް ހަކުރު އެތެރޭ މިންވަރު ވަޒަން ކުރާށެވެ. އޭރުން ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ކެއުންތަކާއި ދުރުވާނެއެވެ.
  • ކުދި ކުދި ބަދަލުތަކުން ފަށާށެވެ. ހަކުރު ކެއުން މަދު ކުރަން ވާނީ މަޑުމަޑުންނެވެ. އެހެން ނޫނީ ކުއްލިއަކަށް ހަކުރު އެކުލެވޭ މާއްދާތައް ކާހިތްވާ މިންވަރު އިތުރުވެ، މާ ގިނައިން އެފަދަ ތަކެތި ކާން ފެށިދާނެއެވެ. އެހެންކަމުން މަޑު މަޑުން ކެއުމުގައި ހަކުރު ހިމެނޭ މިންވަރު ދަށްކުރާށެވެ.
  • އާޓިފިޝަލް ހަކުރާއި ދުރުވާށެވެ.
  • ފޮނި ކާތަކެއްޗަށް ބަޖެޓެއް ކަނަދައަޅާށެވެ. މިހެން ކަންތައް ކުރުމުން އައިސްކްރީމް، ޗޮކްލެޓް ފަދަ ފޮނި ކާތަކެތި ކާ މިންވަރު ބޮޑު ތަނުން ދަށްވެގެން ދެއެެވެ.