ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބަރުދަން އިތުރުވުމުގެ މައްސަލަ އާއި ކުރިމަތިވާ މީހުންގެ ނިސްބަތް އިތުރުވެ، އިތުރު ނުރައްކަލަކަށް ދުނިޔެ ހުށަހެޅެމުން އަންނަ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޔޫރަޕިއަން ބިއުރޯއިން ވިދާޅުވެއްޖެ އެވެ.

ދާދިފަހުން ކުރިޔަށްގެންދިޔަ ދިރާސާ ރިޕޯޓަކަށް އަލިއަޅުވާލަމުން އެ ބިއުރޯއިން ވިދާޅުވެފައި ވަނީ، ބަރުދަން ހުންނަން ޖެހޭ މިންވަރަށް އިތުރުވުން ނުވަތަ "އޮބޭސް" ވުމަކީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ހިރާސް ބޮޑު (ހައި ރިސްކް) ކެޓެގަރީގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ބަރުދަން އިތުރު މީހުން މި ބަލީގައި މަރުވުމުގެ ފުރުސަތުވެސް ބޮޑުކަން ދިރާސާތަކުން ހާމަވާ ކަމަށް އެފަރާތްތަކުން ވިދާޅުވިއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގައި ބަރުދަން އިތުރު މީހުންގެ ނިސްބަތް މަތިވަމުން ދަނީ ކޮވިޑް-19 ގެ ސަބަބުން އާންމު ދިރިއުޅުމުގެ ހާލަތު ބަދަލުވެ، މަސައްކަތްތައް ހުއްޓި ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުންނެވެ. އަދި ގޭގައި ތިބޭއިރު ގިނައިން ކެއުމާއެކު ކަސްރަތުކުރުމާއި ދުރުވުމަކީވެސް މި މައްސަލަ އިތުރުވާން ދިމާވާ ސަބަބެއް ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.

އެހެންކަމުން ޑަބްލިއުއެޗްއޯ އިން ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، ބަރުދަން އިތުރު މީހުންގެ ނިސްބަތް ދުނިޔޭގައި އިންތިހާއަށް އިތުރުވެ ބަލިމަޑުކަމެއްގެ ނުރައްކަލާއި އެއްވަރަށް އެ މައްސަލަ ބޮޑުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރުވުމަކީ އެކަމުގެ ސަބަބުން އެހެން ބަލިތަކަށް ވަރަށް ފަސޭހައިން ހުށަހެޅޭ ކަމެކެވެ. މިގޮތުން ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރުބަލިފަދަ ނުރައްކާތެރި ސިއްޙީ ހާލަތުތައް މެދުވެރިވުމަކީވެސް ބަރުދަން އިތުރުވުމުން ފަސޭހަކަމާއެކު މެދުވެރިވެދާ ސިއްޙީ ހާލަތުތަކެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މީގެ އިތުރުން މިއީ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރުކުރާ ކަންކަމަށް މަގުފަހިވާ ކަމެއްކަން ދިރާސާތަކުން ހާމަވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ބަރުދަން އިތުރުވުމުގެ މައްސަލަ އާއި ކުރިމަތިވާ މީހުންގެ ނިސްބަތް އިތުރުވެ، އިތުރު ނުރައްކަލަކަށް ދުނިޔެ ހުށަހެޅެމުން އަންނަ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޔޫރަޕިއަން ބިއުރޯއިން ވިދާޅުވެއްޖެ އެވެ.
    —————————————————————————-
    އަނެއްކާ އަނެއްފަހަރު ފުރަބަންދުކުރަން ވީނު!
    މިހާރު ބިލްގޭޓްސް ހުއްނާނީ އޭނާގެ ވިހަ ވެކްސިން ތައްޔާރުކޮއްގެން ހަދިހަ މިލިޔަން ޑޮލަރު ހަދިޔާކޮ 70 ބިލިޔަން ޑޮލަރުގެ ފައިދާ ދަމައިގައްނަން ރާވައިގެންނެވެ.
    މިހާރު އެއްމެބާރަށް ހިންގާ ވިއަފާރި އަކީ ސިއްޙިބިރުވެރިކަން އުފައްދައިގެން ބޭހައި ވެކްސިން އުފައްދާ ވިއްކުމުގެ ލާއިންސާނީ ވިއަފާރި އެވެ.