އައިފޯނަށް ލޯބިކުރާ ފަރާތްތަކަށް ދާދިފަހުން އައިފޯންގެ އެންމެ ފަހުގެ މޮޑެލްތައް ނެރުން ވެގެންދިޔައީ އީދަކަށެވެ. އެޕަލް އިން މިއަހަރު ނެރޭ އައިފޯނުގެ ގިނަ މޮޑެލްތައް ދައްކާލާފައި ވާއިރު އޭގެތެރޭގައި އައިފޯން 12 މިނީ އާއި އައިފޯން 12 އާއި އައިފޯން 12 ޕްރޯގެ އިތުރުން އައިފޯން 12 ޕްރޯ މެކްސް ހިމެނެއެވެ.

ޤައުމުތަކުން އައިފޯންގެ އާ މޮޑެލްގެ ވިޔަފާރިއަށް މިހާރު ތައްޔާރުވަމުން އަންނައިރު މި މޮޑެލްތައް ވިއްކަން ފަށަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ ކުރީކޮޅުއެވެ. އެޕަލް އިން ކުރިން ނެރުނު އައިފޯނުގެ މޮޑެލްތަކުގެ އަގު، އާ އައިފޯނު ނެރުމާއެކު ކުޑަކޮށްފައި ވާއިރު، އެ ކުންފުނިން އައިފޯން 12 ޕްރޯ ވިއްކަން ނިންމާފައި ވަނީ 999 ޑޮލަރަށެވެ.

އައިފޯން ވިއްކަން ޤައުމުތަކުން ތައްޔާރުވަމުން އަންނައިރު، އާ މޮޑެލް އެންމެ އަގުބޮޑުވާނީ އިންޑިއާގައި ކަމަށް ބެލެވިފައި ވެއެވެ. މިގޮތުން އެޤައުމުގައި ފޯނު ވިއްކާ އަގުތައް އޭގެ އަސްލު އަގުތަކާއި ބަލާއިރު އެތައް ގުނައެއް ބޮޑެވެ. އިންޑިއާގައި އައިފޯން 12 ޕްރޯގެ 128 ޖީބީގެ އަގު އުޅެނީ އެޤައުމުގެ 119,000 ރުޕީސްއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ދުބާއީން މި މޮޑެލް ވިއްކާ އަގަށްވުރެ 35,000 ރުޕީސްގެ ފަރަގު ބޮޑު އަގެކެވެ.

އެހެންކަމުން އިންޑިއާއިން އައިފޯން ޕްރޯއެއް ގަތުމަށްވުރެ ދުބާއީއަށް ދެކޮޅު ޓިކެޓް ނަގައިގެންގޮސް މި ފޯނު ގަތަސް މާ އަގުހެޔޮވާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ދުބާއީއަށް އިންޑިއާގެ އިންޑިގޯ އެއާލައިންސް އިން ދެކޮޅު ޓިކެޓް އުޅެނީ 17929 ރުޕީސް އަށެވެ. ދުބާއީން އައިފޯން 12 ޕްރޯ 128 ޖީބީގެ އަގު 84000 ރުޕީސް އަށް އުޅޭއިރު، އެޤައުމަށް ދިއުމަށްފަހު ކުރަންޖެހޭ އިތުރު ޚަރަދުތަކުގެ ގޮތުގައި ދިހަހާސް ރުޕީސް ކެނޑުމަށްފަހު ވެސް، އެޤައުމުން މި ފޯނު ގަނެފިނަމަ 8,000 ރުޕީސް ސަލާމަތްކުރެވެއެވެ.

މިކަމާއި ގުޅޭގޮތުން ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ، އިންޑިއާގައި އައިފޯނުގެ އަގު އެހާ ބޮޑުވަނީ އެޤައުމަށް ވިޔަފާރީގެ ބޭނުމުގައި އެތެރެކުރާ ފޯނުން ނަގާ ޓެކްސް އާއި ޑިއުޓީ ބޮޑުވުމުން ކަމަށެވެ. މިގޮތުން އައިފޯން 12 ގެ މޮޑެލްތަކަށް ކޮންމެ ފޯނަކަށް އެޤައުމުން ގާތްގަނޑަކަށް 24,000 ރުޕީސްގެ ޓެކްސް އެއް ނަގާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އިންޑިއާއަކީ އެޕަލްގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް އޮތް ޤައުމެކެވެ. އެހެން ނަމަވެސް މިފަހަރު ނެރޭ ފޯނުގެ އަގު އިންތިހާއަށް ބޮޑުވާނެތީ އެޤައުމުން ފޯނު ގަންނަ ނިސްބަތް ދަށްވާނެ ކަމަށް ބެލެވެއެވެ.

ފުރަތަމަ ބާޒާރަށް އައިފޯން ނެރޭއިރު އޭގެ އަގު ބޮޑުވިނަމަވެސް ކުރިޔަށް އޮތްތަނުގައި އަގު ދަށްވާނެ ކަމަށް ޤަބޫލުކުރެވެއެވެ. މިގޮތުން ކުރިން ނެރުނު ބައެއް އައިފޯނުތައްވެސް ނެރުނުތާ ކައިރީގައި އަގުބޮޑުވި ނަމަވެސް ފަހުން ވަރަށް ބޮޑުތަނުން އަގު ދަށްވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަނީރުގެ

    މި ފޯނު ރާއްޖެއިން ގަތުމަށްވުރެ ޓިކެޓެއްނަގައިގެންގޮސް އިންޑިއާ އިން ގަތަސް އަގު މާބޮޑުތަނުން ހެޔޮވާނެ

    22
    9
  2. އަންނި

    ޓިކެޓު ނަގައިގެން އެމެރިކާއިން ގަތަސް ރާއްޖެއިން ގަތުމައްވުރެ ރަނގަޅުވާނެ.