ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓްގެ އިންސްޓަގްރަމް ފޮލޯވަރުންގެ އަދަދު 50 މިލިއަނަށް އަރައިފިއެވެ.

އާލިއާގެ އިންސްޓަގްރަމްގެ ފޮލޯވަރުންގެ އަދަދު މިހާ މައްޗަށް އެރުމާ ގުޅިގެން، އޭނާގެ ފޭނުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އާލިއާ ޝުކުރު އަދާކޮށްފައި ވަނީ އޭނާގެ ފަހުގެ ފޮޓޯއެއް އިންސްޓަގްރަމްގައި އާންމު ކުރުމަށް ފަހުއެވެ.

"މިއަދަކީ އަގުވަޒަން ކުރާ ދުވަސް. ޝުކުރު އަދާ ކުރަން އަހަރެންގެ އާއިލާ އަށާއި، އެންމެންނަށް. މިއަދު ތި ދިނީ 50 މިލިއަން މީހުންގެ ލޯބި. ތަރިތައް ފަދަ އިން އަހަރެން އެންމެން ދެކެ ލޯބިވޭ. އަހަރެން ބޭނުން އަހަރެންނަށް މި ވޭތުވެދިޔަ މަސްތަކުގައި ދަސްވި ކަމެއް ހިއްސާ ކުރަން. އެއީ މީސްމީޑިއާއަކީ އެންމެންނާ ގުޅޭ އެއްޗެއް. އެއީ މީހުން ޝައުގުވެރި ކުރުވާ ތަނެއް. އަދި މުނިފޫހިފިލުވާ ތަނެއް،" އާލިއާގެ މެސެޖްގައިވެއެވެ.

ބޮލީވުޑްގެ އެކްޓަރުން ތެރެއިން އިންސްޓަގްރާމުގައި އެންމެ ފޮލޯވަރުން ގިނައީ ޕްރިޔަންކާ ޗޯޕްރާގެއެވެ. އޭނާއަށް 58 މިލިއަން މީހުން ފޮލޯކުރެއެވެ. ދެ ވަނައިގައި ޝްރައްދާ ކަޕޫރު 56 މިލިއަނުގައި އޮތް އިރު ތިންވަނާގައި އޮތް ދީޕިކާ އަށް 52 މިލިއަން މީހުން ފޮލޯކުރެއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އާލިއާ ބަޓް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ސްޓޫޑަންޓް އޮފް ދަ އިޔާ"، "ޑިއާ ޒިންދަގީ"، "ރާޒީ"، "ވެލްކަމް ޓު ނިއުޔޯކް" ފަދަ ފިލްމުތައް ހިމެނެއެވެ.