"އަހަރެން މިހާރު މި މަރުވަނީ. އަހަރެންގެ ދަރިން ރަނގަޅަށް ބަލާތި" މިއީ ކެރެލާއަށް ނިސްބަތްވާ ނަރުހަކު އޭނާގެ ފިރިމީހާއަށް ލިޔުނު ސިޓީގައިވާ ކުޑަ ތަންކޮޅެކެވެ. އެ ނަރުހަކީ މިހާރު އިންޑިއާގައި ހަލުވިކަމާއެކު ފުތުރެމުންދާ ނިފާހް ވައިރަސް (އެންއައިވީ) ޖެހުނު އެންމެ ފުރަތަމަ މީހާއަށް ފަރުވާ ދިނުމުގައި ވަރަށް ގާތުން ހަރަކާތްތެރިވި މީހެކެވެ.

އެ ވައިރަހަކީ ވާލާއި އޫރުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ވައިރަސްއެކެވެ.

ލިނީ ނަމަކަށް ކިޔާ 31 އަހަރުގެ އެ އަންހެން މީހާއަކީ ޕެރަމްބަރާ ހޮސްޕިޓަލުގައި ނިފާހް ބަލި ޖެހިގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދިޔަ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ނަރުހެކެވެ. ލިނީ ވަނީ އެ މީހުންނަށް ފަރުވާދެމުން ދަނިކޮށް އެ ބަލި ޖެހިފައެވެ. އަދި އޭނާއަށް އިއްޔެ ވަނީ ފަރުވާދޭން ފަށާފައެވެ. އޭނާ މަރުވީ އެ ބައްޔަށް ފަރުވާދެމުން ދަނިކޮށެވެ.

އޭނާ މަރުވުމުގެ ކުރިން ވަނީ ފިރިމީހާއަށް ސިޓީއެއް ލިޔެފައެވެ.

"ސާޖި ޗެއްތާ، އަހަރެން މިހާރު މި މަރުވަނީ. އަހަންނަށް ހިއެއް ނުވޭ ދެން ފެނިދާނެހެން. އަހަންނަށް މައާފް ކުރޭ. އަހަރެމެންގެ ދަރިން ރަނގަޅަށް ބަލާތި. އަހަރެމެންގެ ބައްޕަހެން އެ ކުދިން އެކަނިކޮށްނުލާތި. ވަރަށް ލޯބިވޭ". ލިނީ ލިޔުނު އެ ސިޓީ މިހާރު ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ. އެތައް ބަޔަކަށް އެ ސިޓީ ފެނިފައި ވަނީ ރޮއްވާލިއެވެ.

މި ވައިރަސް މިހާރު އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދަނީ އިންޑިއާގެ ދެކުނުގެ ސްޓޭޓް ކަމަށްވާ ކެރެލާގައެވެ.