އިންޑިއާގެ މަސްވެރިންތަކެއް ބަރުދަނުގައި 750 ކިލޯ ހުރި މަޑިއެއް އަތުލައިގެންފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މަޑި އަތުލައި ގަނެފައިވަނީ މަސްބާނަން ނުކުމެ އުޅުނު އެގައުމުގެ ބޯޓަކަށެވެ. އެ މަޑި ފެނިފައިވަނީ މަލްޕޭ ޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭގެ ދަލުގައި ޖެހިފައި އޮއްވާ ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

އެގޮތުން ބެލި ބެލުމުން އޭގައި 750 ކިލޯ ހުރި ކަމަށްވެސް ބޯޓުގައި ތިބި މަސްވެރިންނާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މަލްޕޭ ޕޯޓަކީ އިންޑިއާގެ ބެންގަލޫރުއާއި 405 ކިލޯ މީޓާރު ދުރުގައި އޮންނަ ޕޯޓެކެވެ.

ދަލުގައި ޖެހިފައި އޮތް މަޑި ފެންމަތިން ތިލަ ކޮށްފައިވަނީ ކެރޭނެއްގެ އެހީގައި ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މި މަޑި ހިފާފައިވާ ފަރާތުން ބުނެފައިވަނީ އާންމު ގޮތެއްގައި އެގޮތަށް ހިފާ މަސްތައް މަރުނުވާ ނަމަ ކަނޑަށް ދޫކޮށްލާ ކަމަށެވެ. އެހެން ނަމަވެސް އެ ދަލުގައި ޖެހި، މަރުވެފައިވާތީ ކަނޑަށް ދޫ ނުކުރާ ކަމަށް ވަނީ ބުނެފައެވެ.

މަޑި ފަދަ ތަކެއްޗަކީ އިންޑިއާގައި އާންމު ގޮތެއްގައި ހިފައި އުޅޭ އެއްޗެކެވެ. ކެއުމުގެ އިތުރުން އެކްސްޕޯޓް ކުރުމަށްވެސް މަޑި ފަދަ ތަކެތި އިންޑިއާގައި ހިފައި އުޅެއެވެ.

އެ މަޑީގެ ފޮޓޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން އެމަޑިއަށް ވަނީ ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު