ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ދަރިންގެ އަމިއްލަ އެއްޗެހި ވެސް އެތައް އިރެއް ވަންދެން ހޯދައި ނުފެނުނު ނަމަވެސް މަންމަ އެ ހޯދާކަށް މާ ގިނައިރެއް ނުނަގައެވެ. މިކަމާ ގުޅޭ ގޮތުން ތަފާތު މީމްސްތައް ވެސް ވަރަށް ގިނައިން އިންޓަނެޓުން ފެނެއެވެ. ނަމަވެސް ދަރިންނަށް ހޯދައި ނުފެނުނު އެއްޗެއް ފަސޭހަކަމާއިއެކު މަންމައަށް ފެންނަނީ ކީއްވެތޯ އުފެދޭ ސުވާލަކީ އަދިވެސް ޖަވާބު ލިބިފައި ނެތް ސުވާލެކެވެ.

ޖަވާބު ލިބިފައި ނެތް މި ސުވާލަށް މަންމައަކު މިވަނީ ޖަވާބު ދީފައެވެ. މި ޖަވާބަކީ މަޖާ ޖަވާބެއްގެ ގޮތުގައި ގިނަ ބަޔަކަށް ފާހަގަ ކުރެވުނަސް މިއީ އަސަރުން ފުރިގެންވާ ޖަވާބެކެވެ.

''މަދާވިތްސައިން''ގެ ނަމުގައި އިންސްޓަގުރާމު އެކައުންޓުން ޕޫނަމް ސަޕްރާ ނަމަކަށް ކިޔާ އަންހެނަކު ޕޯސްޓަރެއް ހިފަހައްޓައިގެން އިންދައި ކޮށްފައިވާ ޕޯސްޓުގެ ކެޕްޝަންގައި ބުނެފައިވަނީ އިސްޓާކީން، ތަޅުދަނޑި، ޓީޝާޓް، ވޮލެޓް، މި ހުރިހާ އެއްޗެއް ވެސް ބެހެއްޓުމުގެ ކުރިން އެ ބަހައްޓާ ތަންތަން މަންމައަށް އެނގޭނެ ކަމަށެވެ.

މި ފޮޓޯގައި ޕޫނަމް ހިފަހައްޓައިގެން ހުރި ޕޯސްޓަރުގައި ލިޔެފައިވަނީ ތިމާ ހޯދައި ނުފެންނަ އެއްޗެހި މަންމައަށް ފެންނަ ސަބަބަކީ ތިބާއަކީ ކާކުކަން ވަރަށް ރަނގަޅަށް މަންމައަށް އެނގުމެވެ.

މި ޕޯސްޓަށް ވަނީ 25،000 ލައިކްސްއާއި އެތައް ކޮމެންޓެއް ލިބިފައެވެ. މި ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ ބައެއް މީހުން ބުނެފައިވަނީ މިއީ ވަރަށް ބޮޑު ތެދެއް ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ މަންމަ ހޯދުމުން ނޫނީ އެއްޗެހި ކުދިންނަށް ނުފެންނަނީ ކަމަށެވެ.