ދުނިޔެ ވަށައިގެން ދައުރުވާ ހަނދުގައި ފެންހުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ނާސާގެ ސައިންސްވެރިން ވިދާޅުވެއްޖެ އެވެ.

ސައިންސްވެރިންގެ ޓީމަކުން ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދިޔަ ދިރާސާއަކަށްފަހު މިކަން ހާމަކޮށްފައި ވާއިރު، އެފަރާތްތަކުން ވިދާޅުވާގޮތުން ހަނދުގައި ފެން ހުރީ ހަނދުގެ އަނދިރި ފަޅީގައެވެ. މިއީ ދުނިޔެ ވަށައިގެން ހަނދު ދައުރުވާއިރު ހަނދުގެ ދުރު ފަޅިއެވެ. އަދި އިރުގެ އަލިކަން އެއްވެސް ވަރަކަށް މި ފަޅިޔަކަށް ނުލިބެއެވެ.

ސައިންސްވެރިން ޤަބޫލުކުރާ ގޮތުން ހަނދުގެ ދެކުނު ތަނޑިން ދުރު ފަޅީގައި 40,000 ސްކެއާ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ދުނިޔޭގައި ވާފަދައިން ފެން ހުންނާނެއެވެ. އަދި އެ ފަޅީގެ އާދަޔާއި ޚިލާފު ފިނިހޫނުމިނުގެ ސަބަބުން ފެން ހުންނާނީ ގަނޑުފެނުގެ ގޮތުގައި ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

މީގެ ކުރިންވެސް ހަނދުގައި ފެން ހުރިކަމަށް ހެކިދޭ ބައެއް ހޯދުންތައް ހޯދާފައި ވެއެވެ. ނަމަވެސް އޭރުގެ ދިރާސާތަކުން އެއީ ފެން ކަމެއް، ނުވަތަ ފެނާއި އެއްގޮތް ސިފަތަކެއް ލިބިފައިވާ ހައިޑްރޮކްސީލް ކަމެއް ޔަޤީން ކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިއީ ހަނދުގައި ފެންހުރިކަން ސައިންސްގެ އަލީގައި ހޯދައި އެކަން ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ.

ހަނދުގެ އަނދިރި ފަޅީގައި ފެންހުރިކަން ހާމަވާ ހެކިތަކެއް ލިބުމުން، އިރުގެ އަލިކަން ލިބޭ އަދި ދުނިޔެއަށް ފެންނާން ހުންނަ ފަޅީގެ ބިންފަދަ ފަށަލައިގެ އަޑީގައިވެސް ފެން ހުރެދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. ސައިންސްވެރިން ވިދާޅުވާގޮތުން ފެން ހުރުމުގެ ފުރުސަތު އެންމެ ބޮޑީ ހަނދުގައި އުފެދިފައި ހުންނަ ބޮޑެތި ވަޅުގަނޑުތަކާއި ދިމާލުގައި ކަމަށެވެ.

ހަނދުގައި ފެން ހުރުމަކީ އޭގެ ބޭނުން އެކި ގޮތްގޮތުން ހިފިދާނެ ކަމެއް ކަމަށް ސައިންސްވެރިން ދެކެއެވެ. މިގޮތުން ރޮކެޓް ފިއުލް އުފެއްދުމާއި، އޮކްސިޖެން އުފެއްދުމާއި، ޖައްވަށްކުރާ ދަތުރުތަކުގެ ޚަރަދު ކުޑަކުރުމަށް ކުރާ ބައެއް ކަންކަމުގައިވެސް މި ވަސީލަތް ބޭނުންކުރެވޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ހަމައެހެންމެ ހަނދުގެ ދިރާސާތައް ކުރުމުގެ މިޝަންތަކުގައި އެސްޓްރޮނޯޓުން ހަނދަށް ފޮނުވާއިރު މި ފެން ބޭނުންކުރެވިދާނެ ކަމަށް ވެސް ޤަބޫލުކުރެވިފައި ވެއެވެ. ނަމަވެސް މި ފެނަކީ ދުނިޔޭގައިވާ ފެނާއި ސީދާ އެއްގޮތް، އިންސާނުންނަށް ބޭނުންކުރެވިދާނެ ފެނެއްތޯ އިތުރަށް ޔަޤީންކުރުމަށް އިތުރު ދިރާސާތައް ކުރިޔަށްގެންދަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދިރާސާތަކުން ހާމަވެފައިވާ ގޮތުން އިރުގެ އަލިކަން ހަނދަށް ނުލިބޭ އަނދިރި ފަޅީގައި އާންމުގޮތެއްގައި ފިނިހޫނުމިން ހުންނަނީ މައިނަސް 127 ޑިގްރީ ސެލްޝިއަސް އާއި މައިނަސް 183 ޑިގްރީ ސެލްޝިއަސް އާއި ދެމެދުގައެވެ. އެހެންކަމުން އެ ފަޅީގައި ފެން ހުއްޓަސް ހުންނާނީ ގަނޑުފެނުގެ ގޮތުގައި ކަމަށް ކުރިންވެސް ޤަބޫލުކުރެވިފައި ވެއެވެ.

ދުނިޔެ ވަށައިގެން ދައުރުވާ ހަނދު ފިޔަވައި މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގެ އެހެން ގުރަހަ (ޕްލެނެޓް) ތަކުގެ ވަށައިގެން ދައުރުވާ ބައެއް ހަނދުތަކުންވެސް މީގެ ކުރިން ފެނާއި އެއްގޮތް މާއްދާތަކެއް ފެނިފައި ވެއެވެ. މިގޮތުން މި ސޫރުދަ ނިޒާމުގެ އެންމެ ބޮޑު ގުރަހަ، މުޝްތަރީ (ޖުޕިޓާ) ގެ 67 ހަނދުގެ ތެރެއިން ހަނދެއް ކަމަށްވާ ޔޫރޮޕާ ފާހަގަކޮށްލެވެއެވެ.

ޔޫރޮޕާއަކީ ގަނޑުފެނުން ބިންފަދަ ފުޅާ ފަށަލައެއް އުފެދިފައިވާ ހަނދެކެވެ. މި ހަނދުގެ ބިންފަދަ ފަށަލައިގެ އަޑީގައި ވަނީ މާ ކަނޑެއް ކަމަށް ދިރާސާތަކުގެ އަލީގައި ސައިންސްވެރިން ކުރިން ވިދާޅުވެފައި ވެއެވެ. މިއީ މި ނިޒާމުގެ ހަވަނައަށް އެންމެ ބޮޑު ހަނދެވެ. ޔޫރޮޕާގެ ދިރާސާތައް ކުރުމަށް ސައިންސްވެރިން މިހާރުވެސް މިހާރުވެސް މަސައްކަތް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރައްބު

    އެތައްގަރުނެއްވީއިރުބެސް މިކާއިނާތާބެހޭ ގޮތުން ހާދަހާ ކުޑަ މިންވަރަކޭ އިންސާނުންނަށް މިއެނގެނީ! މިހުރިހާ ކަމެއް އެނގެންދެން ދުނިޔެ އޮންނާނެބާ؟!

    18
    2
  2. ސަންފައްތަ

    ހަނދުގައި ފެންހުރިކަމުގެ ހެކި ފެނުނީ. އަދިވެސް ފެނެއް ނުފެނޭ.

    14
  3. ހުސޭނުބޭ

    ކަމެއްގެ ހެތްކެއްގެ ގޮތުގައި ލަފާކުރުމާއި ތޯތޯވާހަކަ ފުދޭނެތަ؟ ތީ ހަދަ ހެއްވާ ހެތްކެކޭ؟

    11
  4. މުލާ

    ދެން ހުރިހާ ހެކިތަކާ އެކު ދައުވާކުރަނ ޕީޖީ އަށް ފުނުވަބަލަ