ތަޣައްޔަރުވެފައި ނުވަތަ ރަނގަޅަށް ރޯ ނުފިލުވައި ހުންނަ މަސް ކެއުމަށް ބޭނުންކުރުމުން ދިމާވާ ސިއްޙީ ހާލަތެއްގެ ނުރައްކާ އެމެރިކާގެ ބައެއް ހިސާބުތަކުގައި ބޮޑުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލިސްޓްރިއާ މޮނޯސައިޓޮޖެންސް ނަމަކަށް ކިޔާ ޖަރާސީމެއްގެ ސަބަބުން ޖެހޭ އިންފެކްޝަނަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާގެ ގިނަ ބަޔަކު ފަރުވާ ހޯދާފައިވާއިރު، އޭގެތެރެއިން ބައެއް މީހުންނަށް އެޑްމިޓްކޮށްގެން ވެސް ފަރުވާދޭން ޖެހުނު ކަމަށް ނޫސްތައް ބުނެއެވެ. އަދި މިކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ފްލޮރިޑާއިން މިހާތަނަށް މީހަކު މަރުވެފައިވާ ކަމަށްވެސް އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފައިވަނީ، މިހާރު ނުރައްކާ ބޮޑުވަމުންދާ ލިސްޓްރިއާ އިންފެކްޝަނާއި ގުޅިފައިވާ ގިނަ ބާވަތްތަކަކީ އިޓަލީން އެތެރެކޮށްފައި ހުރި މަހުގެ ބާވަތްތައް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މި އިންފެކްޝަނަށް މެދުވެރިވާ ޖަރާސީމު ހުރީ ވަކި ބާވަތެއްގައި ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ލިސްޓްރިއާ މޮނޯސައިޓޮޖެންސް ޖަރާސީމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ މާބަނޑު އަންހެނުންނާއި ތުއްތު ކުދިންނަށެވެ. މީގެ އިތުރުން ހަށިގަނޑުގެ ދިފާޢީ ބާރު ދަށް މީހުންނަށްވެސް މި ޖަރާސީމުގެ ނުރައްކާ ބޮޑުވެއެވެ.

މީގެ ކުރިންވެސް ޔޫރަޕުގެ ބައެއް ޤައުމުތަކުން އެހެން ހިސާބުތަކަށް ފޮނުވާފައި ހުރި މަހުގެ ބާވަތްތަކުން މި ޖަރާސީމުގެ އަސަރު ފެނުނު މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. މި ޖަރާސީމުން އިންފެކްޓުވުމުން ގަދަޔަށް ހުން އައުމާއި ބޭރަށް ހިނގުން ފަދަ ސިއްޙީ ހާލަތުތައް މެދުވެރިވެއެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކު ދުނިޔެއިން 2000 އާއި ގާތްކުރާ އަދަދަކަށް މީހުންނަށް މި އިންފެކްޝަން ޖެހިގެން ފަރުވާ ކުރެއެވެ. މިދިޔަ އަހަރު މި ބައްޔަށް ފަރުވާކުރި 260 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.