ދުނިޔޭގެ އެކި ހިސާބުތަކުގައި ބިއުޓީ ބްލޮގާއިން އެމީހުންގެ ބިއުޓީ އުކުޅުތައް އޮންލައިންކޮށް އާއްމުންނާއި ހިއްސާކޮށް، އާއްމުން ވެސް ދަނީ އެ އުކުޅުތައް ބޭނުން ކުރަމަށް ހިތްވަރުދެެއެވެ. އަދި އާއްމުން އެފަދަ ގޮަތަކަށް ތައްޔާރުވެ ފޮޓޯއާއި ވީޑިއޯވެސް ހިއްސާ ކުރެއެވެ.

ނަމަވެސް ޗިކާގޯގެ މޮޑެލް އަދި ބިއުޓީ ބްލޮގާއެއް ކަމަށްވާ ބްރިއާނާ ކްރިސްޓިއާންސަން އޭނާގެ ޓިކްޓޮކުގައި ހިއްސާކޮށްފައިވާ ބިއުޓީ އުކުޅަކީ ނުވަތަ ކަމަކީ އާއްމުން ގަޔާވާ ކަމަކަށް ނުވިއެވެ. އަދި ވަކީން ހާއްސަކޮށް އިންޑިޔާ މީހުންނަށް މި މަންޒަރު ބެލުން ވެސް ވީ އުދަނގޫ ކަމަކަށެެވެ.

ބްރިއާނާގެ މި ވީޑިއޯއިން ފެންނަނީ އޭނާގެ ތުންފަތް އޮރެންޖު ކުރުމަށް ތުންފަތުގައި ހީނާ އުނގުޅާ މަންޒަރެވެ. އިންޑިޔާ މީހުންނަށް މި މަންޒަރު ބަލަން އުދަނގޫވެފައިވަނީ ހީނާއަކީ އެމީހުންގެ ޘަގާފަތުގެ ތެރޭގައި ވެސް ހިމެނޭ އެއްޗަކަށް ވާތީއެވެ. ވަކީން ހާއްސަކޮށް ކައިވެނި ހަފުލާތަކުގައި އަތުގައި ތަފާތު ޑިޒައިންތަކަށް ހީނާ އަޅައެވެ. ނަމަވެސް އެ ހީނާ ތުންފަތުގައި ބޭނުން ކުރުންވީ ގަބޫލު ނުކުރެވޭ ކަމަކަށެވެ.

ބްރިއާނާ ތުންފަތުގައި ހީނާ އުނގުޅާ ވީޑިއޯ ޓިކްޓޮކްގެ އިތުރުން ޓްވިޓާގައި ވެސް ވަނީ ހިއްސާކޮށްފައެވެ. މި ވީޑިއޯއަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެއްބަޔަކަށް މި ކަމަކީ ވަރަށް ފަކުރު ކަމަކަށްވިއެވެ. އަނެއް ބަޔަކަށް މި ކަންވީ ގަބޫލު ކުރަންދަތި ކަމަކަށެވެ. ތުންފަތުގައި ހީނާ އުނގުޅީ ކީއްކުރަންތޯ ވެސް އެއްބަޔަކު ސުވާލު އުފައްދައެވެ.

ހީނާގައި އެކުލެވޭ ގިނަ ކެމިކަލްތަކުގެ ސަބަބުން މިއީ މޫނުގައި އަދި ވަކީން ހާއްސަކޮށް އަނގަ ކައިރީގައި ބޭނުން ކުރުން ރަނގަޅު ނޫން އެއްޗެއްކަން ބްރިއާނާ އެެނގުނީ އޭނާގެ ތުންފަތް އެލާޖިކް ވުމުންނެވެ. އަދި މި އެލާޖީ ދެ ދުވަހެއް ވަންދެން ހުރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.