މިދިޔަ އަހަރު ބޮލީވުޑުގެ ގިނަ ފަންނާނުންތަކަކާއިއެކު ކަރަން ޖޯހަރުގެ ގޭގައި ބޭއްވުނު ޕާޓީއެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތަކަކާއިއެކު ޕާޓީގެ ވީޑިއޯއެއް މީސްމީޑިޔާގައި ފެތުރުނެވެ.

ވިކީ ކޯޝަލް، ދީޕިކާ ޕާޑުކޯން، ޝާހިދު ކަޕޫރު، ރަންބީރު ކަޕޫރު، މަލައިކާ އަރޯރާ، އަރުޖުން ކަޕޫރު، ވަރުން ދަވަން، ޒޯޔާ އަޚްތަރު، އަޔާން މުކަރްޖީ، މީރާ ރާޖުޕޫތު، ޝަކުން ބަތުރާފަދަ ބޮލީވުޑުގެ ފާހަގަ ކޮށްލެވޭ ފަންނާނުންތަކެއް މި ޕާޓީގައި ބައިވެރިވިއިރު، މި ޕާޓީގައި މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް މަަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ފެށިއެވެ.

މި ވީޑިއޯގައި ހުދު ކުލައިގެ ރޮނގެއްހެން ފެންނަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ފޮރެންސިކް ޓީމުގެ އޮފިޝަލަކު ބުނެފައިވަނީ ހުދު ކުލައިގެ ރޮނގެއްހެން އެ ފެންނަނީ އެ ތަނުގައި ހުރި ހޮޅިބުރިއެއްގެ އަލީގެ ދަޅަ ކަމަށް އެންޑީޓީވީގެ ރިޕޯޓްގައިވެއެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް މަޢުލޫމާތުދެމުން ފޮރެންސިކް އޮފިޝަލު ބުނެފައިވަނީ ހަމައެކަނި ވީޑިއޯއަކުން ފެންނަ ކަމަކަށް ބަލައިފައި އެ ޕާޓީގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމަށް ނުނިންމޭނެ ކަމަށެވެ.

މި ވީޑިއޯ މީސްމީޑިޔާގައި އާއްމުވި ދުވަސްވަރު ވެސް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ޑައިރެކްޓަރ ޖެނެރަލް އަޝޯކް ޖެއިން ބުނެފައިވަނީ އެ ބިއުރޯއިން މި މައްސަލަ ނުބަލާނެކަމަށް ބުނެފައެެވެ. އެއީ މަސްތުވާތަކެތި ބޭނުން ކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ވެސް އަޝޯކް ބުނެފައިވެއެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުތަކާއި ގުޅިގެން ބޮލީވުޑާއިމެދު މީހުން ދެކޭގޮތް ވަނީ ތަފާތުވެފައެވެ. ފޮރެންސިކްގެ މި ނިންމުމާއިއެކު ބޮލީވުޑާައިމެދު މީހުން ދެކޭގޮތް ބަދަލުވެދާނެބާއެވެ؟