ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕީކާ ޕަޑުކޯނުގެ މެނޭޖަރ ކަރިޝްމަ ޕްރަކާޝްގެ ގެއަށް ރަސްމީ އިދާރާތަކުގެ އޮފިޝަލުން ވަދެ ފާސްކޮށް އެގެއިން މަސްތުވާތަކެތި ހޯދައިފިއެވެ.

ކަރިޝްމާގެ ގެ ފާސްކުރީ މިދިޔަ ޖޫން މަހު ދަންޖެހިފައި ހުއްޓާ ފެނުނު ސުޝާންތު ސިންގ ރާޖްޕޫތްގެ މަރާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހިންގާ ތަޙްޤީޤުގައެވެ. ކަރިޝްމާ ހޯދުމުގެ މަސައްކަތް އިންޑިއާގެ ނާކޮޓިކްސް ބިއުރޯއިން ދަނީ ކުރަމުންނެވެ.

އެ ގެއިން 1.8 ގްރަމްގެ ހަޝިޝް އޮއިލް ވަނީ ފެނިފައެވެ. އެހެންކަމުން އެންސީބީއިން ވަނީ އަނެއްކާވެސް އޭނާ އާއި ސުވާލުކުރުމަށް ނިންމާ އޭނާ އެންބީސީގެ އޮފީހަށް ހާޒިރުކުރަން ނިންމާފައެވެ.

މިދިޔަ އަހަރު ބޮލީވުޑުގެ ގިނަ ފަންނާނުންތަކަކާއިއެކު ކަރަން ޖޯހަރުގެ ގޭގައި ބޭއްވި ޕާޓީއެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުތަކަކާއިއެކު ޕާޓީގެ ވީޑިއޯއެއް މީސްމީޑިޔާގައި ފެތުރުނެވެ. އަދި އެކަމާއި ގުޅުން ހުރި ޗެޓްލޮގްތަކެއް ވެސް ވަނީ ދައުރުވެފައެވެ.

ދާދި ފަހުން ބޭއްވި ޕާޓީއެއްގައި ކަރަން ޖޯހަރުގެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފައެވެ. މިފަހުން ބޭއްވި ޕާޓީގައި ވިކީ ކޯޝަލް، ދީޕިކާ ޕާޑުކޯން، ޝާހިދު ކަޕޫރު، ރަންބީރު ކަޕޫރު، މަލައިކާ އަރޯރާ، އަރުޖުން ކަޕޫރު، ވަރުން ދަވަން، ޒޯޔާ އަޚްތަރު، އަޔާން މުކަރްޖީ، މީރާ ރާޖުޕޫތު، ޝަކުން ބަތުރާފަދަ ބޮލީވުޑުގެ ފާހަގަ ކޮށްލެވޭ ފަންނާނުންތަކެއް މި ޕާޓީގައި ބައިވެރިވިއެެވެ.

އެހެންނަަވެސް އެންސީބީ ފޮރެންސިކް ޓީމުން ބުނީ ހަމައެކަނި ވީޑިއޯއަކުން ފެންނަ ކަމަކަށް ބަލައިފައި އެ ޕާޓީގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާކަމަށް ނުނިންމޭނެ ކަމަށެވެ.

މި ވީޑިއޯ މީސްމީޑިޔާގައި އާއްމުވި ދުވަސްވަރު ވެސް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ޑައިރެކްޓަރ ޖެނެރަލް އަޝޯކް ޖެއިން ބުނެފައިވަނީ އެ ބިއުރޯއިން މި މައްސަލަ ނުބަލާނެކަމަށެވެ. އެއީ މަސްތުވާތަކެތި ބޭނުން ކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ވެސް އަޝޯކް ބުނެފައިވެއެވެ.