ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހެ ކާއްކަރު އާއި ލަވަކިޔުންތެރިޔާ ރޯހަން ޕްރީތް މިދިޔަ ހޮނިހިރު ދުވަހު ކައިވެނި ކުރި ޚަބަރާއި އެކު މުޅި މީސްމީޑިއާގައި ދައުރުވަނި މި ދެ ތަރިންގެ ފޮޓޯތަކެވެ.

ދިއްލީގައި ބޭއްވި ކައިވެނީގެ ހަފްލާގައި އެ ދެ ތަރިންގެ ގާތް މީހުންނާއި، ބޮލީވުޑްގެ ތަރިންގެ އިތުރުން އާއިލާގެ އެތައް ބަޔަކު ބައިވެރިވިއެވެ.

އާއްމުކޮށް އިންޑިއާގައި ކައިވެނިތައް ބާއްވަނީ ވަރަށް ކުލަގަދަކޮށެވެ. ކައިވެނީގެ ހަފްލާގެ އިތުރުން ޚާއްސަ ރިސެޕްޝަނެއް ވެސް އެ ދެ ތަރިން ވަނީ ބާއްވާފައެވެ. ބަލާބެލުމަށް ނޭހާ އާއި ރޯހަން ޕްރީތް އާއި އުމުރުގެ ގޮތުން މާބޮޑު ތަފާތެއް ހުރެދާނެހެން ހީނުވެދާނެއެވެ.

ނޭހާ އަށް އުމުރުން 32 އަހަރެވެ. ރޯހަން އަށް 25 އަހަރެެވެ. އެހެންކަމުން އެ ދެތަރިންގެ މެދުގައި އުމުރުގެ ގޮތުން 7 އަހަރުގެ ތަފާތެއް އެބަހުއްޓެވެ.

އިންޑިއާގައި ކައިވެނި ކުރާ އަންހެން މީހާ އުމުރުން ދޮށިވުމަކީ އަދިވެސް ވަރަށް މަދުން ނޫނީ ނުވާކަމެކެެވެ.

އެހެންނަމަވެސް އެކަމުގެ ސަބަބުން އެ ދެ މީހުންގެ ލޯބީގެ ގުޅުމަށް ބަދަލެއް ނާންނަކަމަށް ނޭހާ ވަނީ ބުނެފައެވެ.

"އަހަރެން ޤަބޫލުކުރާ ގޮތުގައި އުމުރުން ބޮޑު މީހެއް ހޯދަން ހަދައިގެން ރަނގަޅު ބައިވެރިޔަކު ގެއްލުން މާދެރަ. އެންމެ މުހިންމީ ގުޅޭ ބައިވެރިޔަަކަށް ވުން. އަހަރުމެންގެ ލޯބި ކުޑައެއް ނުވޭ. އެއީ މައްސަލައެއްވެސް ނޫން. " ނޭހާ ޒޫމް އަށް ދިން އިންޓަރވިއުއެއްގައި ބުންޏެވެ.

މީގެ ކުރިން ނޭހާ ވަނީ އޭނާގެ ކައިވެންޏަށް ތައްޔާރު ވުމަށްޓަކައި ބޭއްވި ހަލްދީ ހަފްލާއާއި އަދިވެސް އެކިއެކި ހަފްލާތަކުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އެހެންނަމަވެސް ނޭހާގެ ނޭހާ ދި ވިއާ އަލްބަމްވެސް ނެރެން ތައްޔާރުވަމުން އައުމުން، ފޭނުންނަށް އެއީ އޭނާގެ ކައިވެނީގެ އަސްލު ފޮޓޯތައް ކަން ދެނެއެއްނުގަނެވުނެވެ.

ނޭހާ އާއި ރޯހަންޕްރީތްގެ ގުޅުން ނޭހާ އިއުލާން ކުރީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ އާއި ލަވަކިޔުންތެރިޔާ އަދިއްތިޔަ ނާރަން އާއި ލޯބީގެ ގުޅުން އޮތް ކަމަށް އަޑު ފެތުރުނެވެ. އަދި ކައިވެނި ކުރާ ވާހަކަވެސް ދެކެވުނެވެ.

ކިޔުންތެރިންގެ ހިޔާލު