ކިތަންމެ އަގު ބޮޑު އެއްޗެއް ވިޔަސް ބައެއް މީހުންނަށް އަންނަ ރުޅީގެ ސަބަބުން އެ އެއްޗެއް ހަލާކުކޮށްފާނެއޭ ބުނެވޭ ވާހަކަ އެއީ އާ ވާހަކައެއް ނޫނެވެ. އަންނަ ރުޅީގައި އެއްޗެހި ތަޅައި އަންދާލުމަށް ބައެއް މީހުން ޖެހިލުން ނުވާ އިރު އެފަދަ ވަގުތަކު ފަހުން ލިބޭނެ ގެއްލުމަކާ މެދު ވިސްނާނުލެވޭނެއެވެ.

މިފަދަ ހާދިސާއެއް ރަޝިއާގައި މި ފަހުން ވަނީ ހިނގައިފައެވެ. ރަޝިއާގެ ޔޫޓިޔުބާއެއް މިވަނީ އޭނާ އަލަށް ގަނެފައިވާ 160،000 ޑޮލަރުގެ ކާރެއް އަންދާލައިފައެވެ.

ރަޝިއާގެ މަޝްހޫރު ޔޫޓިޔުބާ މައިކަލް ލިޓްވިން މިވަނީ އޭނާ ގަނެފައިވާ އަގު ބޮޑު މާސީޑީސް ކާރެއްގައި ހުޅު ޖަހައި ރޯކޮށްލާ އަދި ޔޫޓިޔުބަށް ވީޑިއޯ ލައިފައެވެ. ނުވަ މިލިއަނެއްހާ މީހުން އެ ވީޑިއޯ ބަލާފައިވާ އިރު އެ ވީޑިއޯ ވެގެންދާނީ މި އަހަރުގައި ވެސް ހިނގި އެފަދަ އެންމެ ތަފާތު އެއް ހާދިސާ އަށެވެ.

ޔޫޓިއުބާ ބުނެފައިވާ ގޮތުން ކާރު ގަނެގެން މައްސަލަ ޖެހެން ފެށުމުން މިހާތަނަށް ފަސް ފަހަރެއްގެ މަތިން އޭނާ އުޅޭ ސަރަހައްދުގެ މާސިޑީސް ކުންފުންޏަށް ވަނީ ދައްކައިފައެވެ. އެ ކުންފުނިން ވެސް ވަނީ އިތުރަށް އެ ކާރު ނެހެދޭނެ ކަމަށް ބުނެފައެވެ. ކަން މިހެން ހުރުމާއެކު އޭނާއަށް ފެނުނު އެންމެ ރަނގަޅު ހައްލަކަށް ވީ މީހުން ދިރިނޫޅޭ ސަރަހައްދަކަށް ގޮސް ކާރު ނައްތާލުމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔޫޓިޔުބާ މީކާއިލް ލިޓްވިން ވަނީ ކާރު ހެދުމަށް 40 ދުވަސް ވަންދެން ދީފައެވެ. އަދި އެހެން ގާއުމުތަކުން ކާރަށް ބޭނުންވާ ސްޕެއާ ޕާޓްސް ވެސް ގެނެސް އެޅުވުމުންވެސް ކާރު ރަނގަޅުވާ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު