އުދުހޭ ކާރު އުފައްދާ އަހަރެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބި އިރު މީގެ އަހަރުތަކެއް ކުރިން އެންމެ ގިނަ ބަޔަކު ހީކޮށްގެން ތިބީ 2020 ވަނަ އަހަރު އުދުހާ ކާރު އުފައްދައި އެ ކާރުތައް ދުއްވާލަން ލިބޭނޭ ކަމަށެވެ. 2020 ވަނަ އަހަރު ފެށިގެން ދިޔައިރު ދުނިޔޭގެ ހާލަތު ގޯސްވުމުގެ ސަބަބުން މިފަދަ ކަންކަމަށް ދެކެވުނު ހުރިހާ ހުވަފެނެއް ވެއްޔަށް ވެގެން ދިޔަހެން ހީވިއެވެ. ނަމަވެސް މިހާރު މިވަނީ މިފަދަ އުދުހޭ ކާރެއްގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް އިތުރު ހިތްވަރެއް ލިބި ދެކެމުން އައި ހުވަހެން ހަގީގަތަކާއި ދިމާލަށް މިސްރާބު ޖަހާފަ އެވެ. މިހާރު މިވަނީ ކުންފުންޏަކުން އުދުހޭ ކާރެއް އުފައްދައި އެ ޓެސްޓުވެސް ކޮށްފަ އެވެ.

އުދުހޭ ކާރެއްގެ އިތުރުން މި ކާރަކީ މަގުމަތީގައި ދުއްވާލެވޭ ސްޕޯޓްސް ކާރެކެވެ. މަގުމަތީގައި ދުއްވާލެވޭއިރު 3 މިނިޓް ތެރޭގައި ކާރަށް ކުޑަ ބަދަލެއް ގެނެސް އުދުހޭ ކާރަކަށްވެސް މި ކާރު ބަދަލުކޮށްލެވޭއިރު މި ކާރު މިހާރު ވަނީ ސްލޯވާކިޔާގެ 1،500 ފޫޓު މަތިން ޓެސްޓު ދަތުރެއް ކޮށްފަ އެވެ. ސްލޯވާކިޔާގެ ކްކެއިން ވިޝަން ފާމުން އުފެއްދި މި ކާރަކީ އަމިއްލަ ދަތުރުތައް ކޮށްލުމުގެ އިތުރުން ކޮމާޝިއަލް ދަތުރުތައް ކޮށްލުމަށްވެސް ރަނގަޅު ކާރެއް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ކާރު ވިއްކަން ހުންނާނެ އަގެއް އަދި ކަނޑައަޅާފައި ނުވާއިރު މި ކާރުން އެއްފަހަރާ 620 މޭލަށް ދަތުރުކުރެވޭނެ އެވެ. މި ކާރު އަންނަ އަހަރު މަގުމަތިންނާއި އުދުހެމުން ދާތަން ފެންނާނެ ކަމަށް މީޑިޔާ ރިޕޯޓު ކުރެއެވެ. މި ކާރު ޢީޖާދުކުރި ފަރާތުން ބުނަނީ މި ކާރުން 1،500 ފޫޓު މައްޗަށް ދެފަހަރެއްގެ މަތިން ޓެސްޓު ދަތުރުތައް ކުރެވިފައިވާ ކަމަށާއި ކޮމާޝިއަލް ފްލައިޓު ތަކާއި އަރައި ހަމަކުރެވޭނެ ކަމަށެވެ.

ކާރުތައް ބަރުވިޔަސް ފްލައިޓުތައް ލުއިވާންޖެހޭއިރު މި ކާރު ޢީޖާދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަށް ދިމާވީ އެކަންތައް ކަމަށް ކާރު އުފެއްދުމުގައި މަސައްކަތް ކުރި ފަރާތްތަކުން ބުނެއެވެ.

އަދި ވަރަށް ވިސްތުންތެރިކަމާއި އެކު އުފައްދާފައިވާ މި ކާރަކީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ކާރުތައް އުފައްދާ ފަރާތްތަކަށް ނަމޫނާއެއް ކަމަށް ދެކެވި އެފަރާތްތަކަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ ކަމަށް ގިނަ ތަޖުރިބާ ކާރުން ގަބޫލު ކުރެއެވެ.

އުދުހޭ ކާރު ޢީޖާދުކުރި ފަރާތުން ބުނީ ކާރު ފަރުމާކޮށްފައިވާގޮތުން ކޮންމެ ޕައިލަޓަކަށްވެސް އުދުހޭ ކާރު ދުއްވާލެވޭނެ ކަމަށާއި އުދުހޭ ކާރު ދުއްވުމަށް ވަކި ހާއްސަ ޓްރެއިނިންގ އެއް ހަދާކަށް ނުޖެހޭނެ ކަމަށެވެ. އެފަރާރުން ބުނީ ޓެސްޓު ބުރުތައް ޖަހައި ކާރަށް އިތުރު ފުރިހަމަކަމެއް ގެނެސް ހަމަހެއްހާ ދުވަސް ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު