ޕިލިޕީންސްގައި ދެ ހާ ތޮޅުމުގެ މުބާރާތެއްގެ ތެރެއިން ފުލުހަކަަށް އަނިޔާވެ، އެ މީހާ މަރުވެއްޖެއެވެ. އެމީހާ މަރުވެފައިވަނީ ދެ ހާލުގެ ތެރެއިން ހާލެއްގައި އައްސާފައިވާ ތިލައަކުން އެ މީހާގެ ފަލަމަސްގަނޑުގެ ލޭނާރެއް ބުރިވެގެންނެވެ.

ޖަނަވާރުން ތަޅާފޮޅާ މުބާރާތަކީ މަނީލާގައި ވަރަށް މަޝްހޫރު ކުޅިވަރެކެވެ. ކުލަކުލައިގެ ދޫނި، އެ ދޫނިތަކުގައި ފައިގައި ތިލައެއް އެއްސުމަށްފަހު ދެ ދޫނި ތަޅާފޮޅާ މި މުބާރާތުގައި، މޮޅުވާަނެ ދޫންޏަކަށް ބެޓް ކުރުމަކީ ވެސް މި ގައުމުގެ މީހުން ވަރަށް ފޯރިއާއިއެކު ކުރާ ކަމެކެވެ.

ޖަނަވާރުންގެ ތަޅާފޮޅުންތަކުގައި ވެސް ހުއްދަ އަދި ހުއްދަނޫން މުބާރާތްތައް ވެސް ހުރެއެވެ. ނަމަވެސް މި ފުލުސް މީހާ މަރުވެފައިވަނީ ހުއްދަ ނޫން ތަޅާފޮޅުމުގެ މުބާރާތެއް ކުރިއަށް ދަނިކޮށް އެކަން ހުއްޓުވަން އުޅުމުގެ ތެރެއިންނެވެ.

އޮފިސަރ މަރުވެފައި ވަނީ ހުއްދަ ނޫން މި މުބާރާތް ކުރިއަށް ދަނިކޮށް އެކަމާއި ދެކޮޅަށް ހެކި ހޯދުމުގެ ގޮތުން މުބާރާތުގެ އެއް ހާ އޭނާގެ އަތަށް ނެގުމުގެ ތެރޭގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި،ކްރިސްޓަން ބޮލޮކް ނަމަކަށް ކިޔާ އެ ފުލުސް އޮފިސަރުގެ ފަލަމަސްގަނޑުގެ ލޭނަރެއްގައި ހާަލުގެ ފައިގައި އައްސާަފައިވާ ތިލައަކުން ޖެހި ވަރަށް ބޮޑަށް ކަނޑައިގެން ދިޔައެވެ.

އަދި އޭނާގެ ފައިން ވަރަށް ބައިވަރު ލޭ އައިކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ. އޭނާ މަރުވުމަށް ދިމާަވި ސަބަބަކީ ލޭ މަނާ ނުކުރެވި މާ ގިނައިން ލޭ އައުންކަމުގައި ވެސް ޕްރޮވިންޝިއަލް ޕޮލިސް ޗީފް ކޮލޮނަލް އާނަލް އެޕަޑް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.