ގަސް އިންދުމަކީ ދަރިން ބެލުން ކަހަލަ ކަމެކޭ މީހުން ބުނެ އުޅެއެވެ. މިހެން ބުނަނީ އެކަމަށް ދޭން ޖެހޭ ވަގުތާއި އެކަމަށް ހޭދަކުރަން ޖެހޭ ޚަރަދަށް ބެލުމަށް ފަހުގައެވެ. އަދި ބައެއް ފަހަރު ގަސް އިންދާ އިރު އެތައް އުނދަނގުލަކާވެސް ދިމާވެއެވެ. އަދި ގަސްތައް މަރުވާ މައްސަަލައަކީ ގަސް އިންދާ މީހުން އެންމެ ދެރަވާ އެއް މައްސަލައެވެ.

ގަސް މަރުވާ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ މާ ގިނައިން ގަހަށް ފެން ދިނުމެވެ. ގަހަށް ކޮންމެ ދުވަހަކު ފެންދިނުމަކީ ރަނގަޅު ކަމެކޭ ހިތަށް އަރާފާނެއެވެ. އެކަމަކު ގިނަ ގަސްތައް މަރުވަނީ ބޭނުންވާ ވަރަށް ފެން ނުލިބިގެނެއް ނޫނެވެ. އެ ގަސްތައް މަރުވަނީ މާ ގިނައިން ފެން ދެވުމުންނެވެ.

ގޭތެރޭގައި އިންދާ ގަސްތައް ބަލަހައްޓަން މާ ފަސޭހަ ވާނެއޭ ބެލެވިފައި އޮވެދާނެއެވެ. އެއީ އެފަދަ ގަސްތަކަށް އާއްމުކޮށް ފެން ދޭން ޖެހެނީ ފަސް ދުވަހުން އެއް ދުވަހު ކަމަކަށް ވާތީއެވެ. އެކަމަކު ގޭތެރޭގައި އިންދާ ގަސްތަކާ މެދު މައުލޫމާތު އެއްކޮށް އެ ގަހަކަށް ފެން ބޭނުންވާ މިންވަރު ދެނެގަތުން ވަރަށް މުހިންމެވެ.

މާ ގިނައިން ފެން ދެވުމުން ގަހުގެ މޫތަށް ކުނިވާ ގޮތްވެއެވެ. އެއީ ފެން ގަހުގެ މުލުގައި ތާށިވުމުންނެވެ. ގަހުގައި ހުންނަ ފަހުގެ މަތި ހިކިކޮށް ހުރި ނަމަވެސް ދުވަސްވީ ފަހުގެ ތިރީގައި ތެތްކަން ހުރުމުންވެސް މިހެން ދިމާވެދާނެއެވެ. މިކަން ނުވާކަން ޔަގީން ކުރަން ގަސް ވަށީގައި ފެން ދާނެހެން ލޯވަޅު އަޅާފައި ހުރިކަން ޔަގީން ކުރާށެވެ.

މާ ބޮޑަށް އަވި ދިނުމަކީ ވެސް ގަސް މަރުވާ ކަމެކެވެ. ގަހަށް އިރުގެ އައްޔާއި ފެން ބޭނުންވި ނަމަވެސް ސީދާ އިރުގެ އަލިކަން ލިބޭ ގޮތަށް ބެހެއްޓުމުން ކުދި ގަސްތައް މުށި ކުލައަށް ބަަލުވެ، މުރަނަވާ ގޮތްވެއެވެ.

މީގެ އިތުރުން ގަސް ވަކިވަރަކަށް ހެދި ބޮޑުވުމުން އެ ގަސް އެހެން ވަށްޓަކަށް ބަދަލު ނުކުރާ ނަމަ ގަސް މަރުވުން ވަރަށް ގާތެވެ. ވަށްޓެއްގައި ގަހެއް ބެހެއްޓޭނީ ދެ ވަރަކަށް އަަހަރު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއަށް ފަހު ފަސް ބަދަލު ކޮށްލަން ވާނެ ކަމަށް ވެސް އެ މީހުން ފާހަގަކުރެއެވެ.

މާ ގިނައިން އެއްތަނުން އަނެއް ތަނަށް ގެންދިއުމުން ވެސް ގަސް މަރުވާން މެދުވެރިވެއެވެ. ގަހަކީ ދިރުން ހުންނަ އެއްޗެއް ކަމުން އެއްތަނުން އަނެއް ތަނަށް މާގިނައިން ގަސް ގެންދިއުމަކީ ގަހަށް ސްޓްރެސް ލިބި އެ ގަސް މަރުވާން މެދުވެރިވާ ސަބަބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަށްފުށު މާމަ

    😪 މިހާރު ތިކަން ހުއްޓާލައިފިން😪 ގަސް ހައްދަން އުޅޭ އުޅެ އެކަމެއް ނުވި😪 ލައްކަވަރުން ގަހާބެހޭ މަޢުލޫމާތު ހޯދައިން ބުނާގޮތް ހެދިޔަސް ވަނީ މަރު😪 އަގުބޮޑުކޮށް ގަސް ގަނެ ގަސް ހައްދަން އުޅެ އުޅެ ފަގީރުވެއްޖެ ތޯއްޗެ😩

    9
    1
    • ހަގީގަތް

      ތީ ތެދެއް. ގަސް މަތިން ވެސް ފޫހި ވެއްޖެ. ކޮންމެ ގޮތެއް ހެދިޔަސް ގަސް މަރު ވަނީ. ގިނައިން ފެން ނުދިނަސް

      2
      1
  2. ޚަލްމް

    މާގިނައިން ފެން ދިނުމުގެ ސަބަބުން މަގޭ މިރުސް ގަސްތައް މަރުވި...

    14
    2