އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ކޮވިޑް-19 އަށް ޚާއްސަކޮށްގެން އުފައްދާ ވެކްސިން، ކުޑަކުދިންނަށް ދީގެން ތަހުލީލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ބުނެފައިވަނީ، ކުޑަކުދިންނަށް ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ކުރީން ބަލަން ޖެހޭ ގިނަ ކަންކަން ހުންނާނެ ކަމަށާއި، އެހެންކަމުން މިހާރު ކުރިޔަށްދަނީ އެކަމުގެ ތައްޔާރީތައް ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންގެ މި ތަހުލީލުތަކުގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނެވެ. މި ތަހުލީލުތައް ރައްކާތެރިކަން ޔަޤީން ކުރެވުމުން އެއަށްވުރެ އުމުރުން ހަގު ކުދިންނަށްވެސް ވެކްސިން ޓެސްޓު ކުރާނެ ކަމަށް ޖޯންސަން އެންޑް ޖޯންސަން އިން ވަނީ ބުނެފައެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ދާއިރު، އެ ކުންފުނިން އުފައްދާ ވެކްސިން މީގެ ކުރިން ތަހުލީލު ކުރުމަށް 60 ހާހަށްވުރެ ގިނަ މީހުންނަށް ވަނީ ދީފައެވެ.

މި ތަހުލީލުތަކުން ރަނގަޅު ނަތީޖާތަކެއް ދައްކަމުން ދަނިކޮށް، ވެކްސިން ދިން މީހަކަށް ގޮތްނޭނގޭ ހާލަތެއް މެދުވެރިވުމުން ތަހުލީލު މެދުކަނޑާލާފައި ވެސް ވެއެވެ. ނަމަވެސް އެކަމުގެ ތަހުޤީޤެއް ހިންގުމަށްފަހު އަނެއްކާވެސް މިހާރު ވަނީ ތަހުލީލުތައް ފަށާފައެވެ.

ޖޯންސަން އެންޑް ޖޯންސަން އިން ކުޑަކުދިންނަށް ވެކްސިން ދީގެން ތަހުލީލުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ކުދިންނަށް އެކަށީގެންވާ ވެކްސިނެއްގެ ތަހުލީލުތައް އެހެން ގިނަ ކުންފުނިތަކުން އަދި ނުވެސް ފަށައެވެ. އެހެންކަމުން ބޮޑެތި މީހުންނަށްދޭ ވެކްސިނެއް އުފެއްދުނު ނަމަވެސް ކުޑަކުދިންނަށް ވެކްސިނެއް ލިބެން އަދި ގިނަ ދުވަސްތަކެއް ހޭދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވަމުން ދެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުން މިވަގުތު ސަތޭކައަށްވުރެ ގިނަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. އޭގެތެރެއިން ފަހުގެ މަރުޙަލާތައް ކުރިޔަށްދާ 9 ވެކްސިނެއް ހިމެނެއެވެ.