އެކްޓްރެސް ކަރީނާ ކަޕޫރް ޚާނާއި އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރް އަކީ ދުނިޔެއައުމުގެ ކުރިންސުރެވެސް މީޑިއާގެ ސަމާލުކަން ލިބިފައިވާ ކުއްޖެކެވެ. މަންމައާއި ބައްޕަގެ މަޝްހޫރް ކަމުން، މީޑިއާގެ ސަމާލުކަން ތައިމޫރަށް ލިބިގެންގޮސް ފައިވާއިރު، އެ ކުޑަކުޑަ ކުއްޖާ ކިތަންމެ ކުޑަކުޑަ ކަމެއް ކޮށްލިޔަސް އޮންނަނީ މީޑިއާގެ ސަމާލުކަން ލިބިފައެވެ. މިފަހަރުވެސް މިއޮތީ ތައިމޫރް އޭނާގެ ޕްލޭސްކޫލްގައި ވަގުތު ހޭދަކުރަމުން ދަނިކޮށް މީޑިއާގެ ސަމާލުކަން ހޯދާފައެވެ.

މިކަމާއި ގުޅިގެން ތައިމޫރްގެ މަންމަ ކަރީނާ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، އަބަދު ތައިމޫރްއަށް ފޮލޯ ނުކުރުމަށް މިޑީއާ ތަކަށް ގޮވާލާފައެވެ.

"އަހަރެމެން ބޭނުންވަނީ ތައިމޫރްއަށް ވަރަށް ނޯމަލް ލައިފް އެއް ހޯދަދޭން. އޭނާގެ އެންމެ ކުޑައިރު އޭނަވެސް ބޭނުންވާނެ ވަރށް ފްރީޑަމްގަ އުޅެން. އެކަމަކު މީޑިއާގެ ސަމާލުކަން ހޯދާ ވަރުން ނޯވޭ ޕަބްލިކަކަށް ނުކުމެ އެހެން ކުދިން އުޅޭހެން އުޅެވޭކަށްވެސް. އަހަރެން ބޭނުމެއް ނޫން ތައިމޫރްގެ މި ދުވަސްތަކުގެ ވާހަކަތައް ޑޮކިއުމެންޓް ކުރެވޭކަށް. އެހެންވެ ކޮންމެ ކޮންމެ ކަމެއް ކޮށްލާއިރަށް އެ ވާހަކަ ނުފެތުރުމަށް މީޑިއާތަކަށް ގޮވާލަން. އެއީ އަދި އެންމެ 17 މަހުގެ ކުއްޖެއް. ކުޑަކުއްޖެއް" ކަރީނާ ބުނެފައިވެއެވެ.

"ތައިމޫރްގެ ބައްޕަ އެ ދަނީ އޭނާއަށް ކްރިކެޓް ކުޅެން ދަސްކޮށްދެމެމުން އޭނާގެ އުމުރާއި ގުޅޭ ގޮތުން. ދެމީހުން ބެލެންސް ކޮށްގެން ތައިމޫރްއަށް ކަންތައްތައް ދަސްކޮށްދެނީ. އަހަރެން ފިލްމެއްގެ ޝޫޓިންގައި ބިޒީ ވެއްޖެޔާ ސައިފް ހުންނާނެ އަބަދުވެސް އޭނަ ކައިރީގަ. މިހާރު ދެން ސައިފް ޝޫޓިންގައި އުޅޭތީ އަހަރެން އަބަދުވެސް ތައިމޫރް އާއިއެކު މިދުވަސްކޮޅު މިއުޅެނީ" ކަރީނާ އިތުރަށް ބުނެފައިވެއެވެ.

ތައިމޫރް އުފަންވެފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.