ބޮލީވުޑުގެ ފުރަތަމަ އަންހެން ސުޕަރސްޓަރ، ސްރީ ދެވީ މަރުވެފައި އޮއްވާ ފެނުނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލާގެ ކައިވެންޏަކަށް ދުބާއީއަށް ގޮސް ހުއްޓާ، ބާތުޓަބެއްގެ ތެރެއިން ސްރީ ދޭވީ ފެނުނުއިރު، އޭނާގެ މަރާ ބެހޭގޮތުން އޭރުން ފެށިގެން ދަނީ އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.

އެގޮތުން، އެއީ ރާވައިގެ ކުރި ކަމެއްކަމަށް ކުރީގެ ފުލުހަކުވެސް ބުނެފައިވެއެވެ. ހަމައެހެންމެ، މިކަމަށް ބާރު ލިބޭ އެހެން ކަމެއް، އިންޑިޔާ ފުލުހުންގެ ކުރީގެ އެސިސްޓަންޓް ކޮމިޝަނަރަކުވެސް ވަނީ ހާމަކޮށްފައެވެ.

ރިޓަޔާ ކޮށްފައިވާ އޭސީޕީ ވޭދް ބުޝާން ބުނެފައިވާ ގޮތުގައި ސްރީ ދޭވީގެ މަރާ، އަންޑަވޯލްޑްގެ ބޮޑު ގޭންގްސްޓާރެއް ކަމުގައިވާ ދާއޫދު އިބްރާހީމާ ގުޅުމެއްވާކަމަށް ތުހުމަތުކުރެވެއެވެ. ސަބަބަކީ، އެއީ ދުބާއީގެ ގިނަ ކަންކަމާ ގުޅުން އޮންނަ، ގިނަ ކަންކަމަށް ބާރު ފޯރުވާ މީހެއްކަމަށް ވާތީއެވެ.

މިހާރު ޕްރައިވެޓް އިންވެސްޓުގޭޝަން އެޖެންސީއެއް ހިންގަމުންދާ ބުޝާން ބުނެފައިވާ ގޮތުގައި، އެކަންކަން އިތުރަށް ބެލުމަށްޓަކައި އޭނާވަނީ ސްރީ ދެވީ ދުބާއީގައި ހުރި ހޮޓަލުގައިވެސް ހުރެފައެވެ. އެތަނުގައި ހުރެގެން ބެލި ބެލުމުން، އެހޮޓަލަކީ ދާއޫދާ ގުޅުން އޮންނަ ތަނެކެވެ. އެހެންކަމުން، އެފަދަ ކަމެއް ކުރުމަކީ ދަތިކަމަށް ނުވާނެކަމަށް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އިންޑިޔާގެ މީޑިޔާތަކަށް މައުލޫމާތު ދެމުން އޭސީޕީ ބުނެފައިވަނީ ސްރީ ދޭވީގެ ލޭގެ ސާމްޕަލްގެ ރިޕޯޓާއި އޭނާގެ ފުއްޕާމެއަށް ފެން އެޅިފައި ހުރި މިންވަރު އަންގައިދޭ ރިޕޯޓު ދިނުމަށް، އެޤައުމުގެ ފުލުހުންގެ ކިބައިން އެދުމުން އެފަރާތްތަކުންވަނީ އެކަންކަމަށް ދެކޮޅު ހަދާފައެވެ. އަދި، ދީފައިވަނީ ހަމައެކަނި ޕޯސްޓްމޯޓަމް ރިޕޯޓުކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސްރީ ދޭވީގެ މަރާ ގުޅިގެން އަނެއްކާވެސް މިފަދަ ސުވާލުތަކެއް އުފައްދާފައިވާއިރު، ސްރީ ދޭވީގެ މަރުގެ ތަޙުޤީޤު އަލުން މުރާޖަޢާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށް ބުޝާން ބުނެފައިވެއެވެ.