ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުން މަސައްކަތް ކުރެއެވެ. އަވަށްޓެރި ޤައުމުތަކުން ފެށިގެން ގޮސް މެދުއިރުމައްޗާއި ޔޫރަޕު ޤައުމުތަކުގެ ޑޮކްޓަރުންވެސް ރާއްޖޭގައި މަސައްކަތް ކުރެއެވެ. ބަލިމީހުންގެ ޙާލަތު، މި ފަރާތްތަކަށް ރަނގަޅަށް އަންގައިދިނުމަށް، ހޮސްޕިޓަލުތަކުގައި ތަރުޖަމާނުން މަސައްކަތް ކުރެއެވެ. އެނަމުގައި، ހާއްސަ މަގާމެއްވެސް ހޮސްޕިޓަލުތަކުގައި އޮވެއެވެ.

އެހެންނަމަވެސް، އިންޑިޔާގެ މި ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ކުރިމަތިވީ މުޅިން އުނދަގޫ ކަމެކެވެ. ފަރުވާ ހޯދަން އައީ، އެއްވެސް މިންވަރަކަށް އިނގިރޭސިން ލިޔެ ކިޔަން ނޭނގޭ މީހެކެވެ. އެމީހާ ދައްކާ ވާހަކަ ތަރުޖަމާ ކޮށްދޭނެ މީހެއްވެސް ނެތެވެ.

މިކަން ކުރިމަތިވީ އެޤައުމުގެ އުދާއީ އޮމްނީ ހޮސްޕިޓަލަށެވެ. ފަރުވާ ހޯދަން ދިޔައީ އުޒްބަކިސްތާނުގެ ރައްޔިތެއްކަމުގައިވާ ގަވްޚާޖަން ހަފިޒޮވާ، 58 އެވެ.

މި މީހާ ހޮސްޕިޓަލަށް އައިއިރު، މި މީހާގެ އަތުގައި ކަރުދާސް ކޮޅެއް އޮތްކަމަށްވެއެވެ. އޭގައި ލިޔެފައި އޮތީ، ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭކަމެވެ. އެހެންނަމަވެސް، އެމީހާގެ ޞިއްޙީ ޙާލަތު ބަޔާންކޮށްފައިވާ އެހެން އެއްވެސް ލިޔެކިޔުމެއް ނެތެވެ.

މި މީހާގެ ޙާލަތު އޮޅުން ފިލުވުމަށް ޑޮކްޓަރުންނަށް ދެން ޖެހުނީ ގޫގުލްގެ އެހީ ހޯދާށެވެ. އެމީހާ ދައްކާ ވާހަކަ ޖެހުނީ ގޫގުލް ޓްރާންސްލޭޓް އިން ތަރުޖަމާ ކުރާށެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެމީހާ ދެއްކި ހުރިހާ ވާހަކަތައް ތަރުޖަމާ ކޮށްގެން އެނގުނު ގޮތުގައި، ހަފިޒޮވާގެ ފުއްޕާމޭގައިވެސް މައްސަލަތަކެއް ހުއްޓެވެ. އަދި، އެކަމަށް އޮޕަރޭޝަނެއްވެސް ކުރަން ޖެހެއެވެ.

ނޫސްތަކުން މިހާރު ބުނެފައިވާ ގޮތުގައި ގޫގުލް ޓްރާންސްލޭޓް މެދުވެރިކޮށް ދެއްކި ވާހަކަތައް ތަރުޖަމާކޮށްގެން، ހަފިޒޮވާގެ ކާމިޔާބު ފުއްޕާމޭގެ އޮޕަރޭޝަނެއްވަނީ ކޮށްފައެވެ. އަދި، އެއޮޕަރޭޝަނަށްފަހު، ކަކުލުގެ އެއް އޮޕަރޭޝަންވެސް، ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަން

    އަހަރެމެން ކޮންމެ ދުވަހަކު މި ބަލި މީހުނަށް ފަރުވާ ކުރަނީ ތިކަހަލަ ގޮތަކަށް. މިތާ މަދު މީހަކަށް އިނގިރޭސި އެނގެނީ