ކާންބޯން ގެންގުޅޭ ބާވަތްތަކުގެ ތެރެއިން ފިޔަލަކީ އަބަދުވެސް އަގުބޮޑު އެއްޗެކެވެ. ފިޔަލުގެ އަގު ދަށަށް ދިޔުމަށްފަހު ގިނަ ދުވަސްތަކެއް ނުވަނީސް އެ އަގު އުފުލެއެވެ. މި ދުވަސްވަރަކީ ފިޔަލުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ދުވަސްވަރެކެވެ. އަދި ފިޔަލުގެ އަގު އަވަހަށް ދަށްވެދާނެ ކަމަކަށް ވެސް ނުބެލެވެއެވެ.

ފިޔާ އަގުބޮޑުވަމުންދާ މި ދުވަސްވަރު ފިޔާ ވަގަށް ނެގުމާއި އެއިން ވައްކަން ކުރުން ވެސް މިވަނީ ގިނަވެފައެވެ. މިފަދަ ތަފާތު ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.

މިގޮތުން އިންޑިޔާގެ ކެރަލާގެ ވިޔަފާރިވެރިއެއް 16 ލައްކަ ރުޕީސްގެ ފިޔާ ޓްރަކެއްގައި މަހަރާސްތްރާއިން ކެރަލާއަށް ގެންދަން އުޅުމުގެ ތެރޭގައި އެ ޓްރަކުގެ ޑްރައިވަރާއި 16 ލައްކަ ރުޕީސްގެ ފިޔާ ހުރި ޓްރަކު ވީނުވީއެއް ނޭނގި ގެއްލިފައެވެ، އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައިކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މުހައްމަދު ސިޔާދު ނަމަކަށް ކިޔައި މި މީހާ، ކުރިއެކޭ އެއްފަދައިން 25 ޓަނުގެ ފިޔާ ގަތީ މަހަރާސްތްރާގެ އަހުމަދުނަގަރުގެ ފާރމާސް ކޯޕަރޭޓިވް ސޮސައިޓީންނެވެ. ފިޔާ ކެރަލާއަށް އެތެރެ ކުރުމަށް ކުރިން ވެސް އޭނާ ފޮނުވަނީ ޓްރަކެކެވެ. އަދި މި ޓްރަކް ތިންގަޑި އިރާއި ހަތަރު ގަޑިއިރު ތެރޭ އަންނަކަމަށް ވެސް ސިޔާދު ބުންޏެވެ.

ނަމަވެސް މިފަހަރަ އޮކްޓޫބަރ މަހުގެ 25 ވަނަ ދުވަހު އަހުމަދުނަގަރުން ޓްރަކް ނައްޓާލުމަށްފަހު ހަފްތާއެއް ވީއިރުވެސް އަދިވެސް އޭގެ ހަބަރެއް ނުވާކަމަށް ރިޕޯޓްތަކުގައިވެއެވެ.

ސިޔާދު ބުނެފައިވަނީ ޓްރަކުގައި ހުރީ 16 ލައްކަ ރުޕީސްގެ ފިޔާކަމަށާއި އަދި އިތުރު 4 ލައްކަ ރުޕީސް އޭނާވަނީ ކޮމިޝަންގެ ގޮތުގައި ދައްކައިފައި ކަމަށެވެ.

މިކަމުގައި ސިޔާދުއަށް ބޮޑަށް ޝައްކު ކުރެވެނީ ޓްރަކް ޑްރައިވަރއަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.