ސޮނީ އެންޓަޓައިންމެންޓްޝޯއެއް ކަމަށްވާ ''ކޯން ބަނޭގާ ކުރޯރް ޕަތީ'' ހުށަހަޅައިދޭ އަމީތާބު ބައްޗަންއާއި މި ޝޯގެ ޕްރޮޑަކްޝަން ޓީމަށް، ޝޯގައި ކުރެވުނު ސުވާލެއްގެ ސަބަބުން ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ފެށި ކޭބީސީގެ 12 ވަނަ ސީޒަނުގެ ސޯޝަލް އެކްޓިވިސްޓް ބެޒްވާދާ ވިލްސަންއާއި އެކްޓަރ އަނުޕް ސޯނީ ބައިވެރިވި އެޕިސޯޑުގައި 6.40 ލައްކަ ރުޕީސްއަށް ކުރެވުނު ސުވާލެއްގެ ސަބަބުން ހިންދޫ ދީނުގެ މީހުންނަށް ހަޖޫ ޖަހަނީ ކަމަށްބުނެ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ އަބީމަނިޔު ޕާވަރ ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

އޭނާ ވަނީ އެ މައްސަލަ ހުށަހެޅި ކަމަށް ބުނެ ކޮށްފައިވާ ޓްވީޓުގައި ފުލުހަށް ހުށަހެޅި 2 ސަފުހާގެ ސިޓީ ވެސް ހިމަނައިފައިވެއެވެ.

އެ ޝޯގައި ކުރި ސުވާލަކީ 1927 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ޑރ. ބީއާރް އަމްބޭޑްކަރުއާއި އޭނާގެ ސަޕޯޓަރުން އަންދާލައިފައިވަނީ ދީނީ ކޮން ފޮތެއްތޯ އެވެ. މިެ ސުވާލަށް ދީފައިވާ ހަތަރު ޖަވާބަކީ، ވިޝްނު ޕުރާނާ، ބަގަވާތު ގީތާ، ރިގްވެދް އަދި މަނުސްމުރިތީއެވެ.

މި ސުވާލަށް ދީފައިވާ ހަތަރު ޖަވާބުގައި ވެސް ވަނީ ހިންދޫ ދީނުގެ ފޮތްތަކުގެ ނަން ކަމަށްވުމުން އެއީ ސީދާ ހިންދޫންގެ އަގު ވައްޓާލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް އަބީމަނިޔު ފުލުހަށް ލިޔުނު ސިޓީގައިވެއެވެ.

ޓްވިޓާގައި މި މައްސަލަ ހަލުވި ކަމާއިއެކު ފެތުރެން ފެށުމުން އަމީތާބުގެ ސަޕޯޓަރުން ވަނީ ''#ސްޓޭންވިތްބިގްބީ''ގެ ނަމުގައި އަމީތާބަށް ތާއީދުކޮށް ޓްވިޓާ ކުރަން ފަށައިފައެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު މި ހޭޝްޓެގުގެ ޓްވިޓާތައް ވަނީ ކޮށްފައެވެ.

މިކަމާއި ގުޅިގެން އަމީތާބު އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.