ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ބޭވަފާތެރިވުމުން އަމިއްލަ ނަފްސާއި ފިރިހެނަކު ކައިވެނި ކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ދެ ލޯބިވެރިންނަކީ ބްރެޒިލްގައި ދިރިއުޅެމުން އައި ދެ ޑޮކްޓަރުންނެވެ. އެމީހުން ކައިވެނި ކުރުމުގެ ކުރިން އެންގޭޖް ވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ކައިވެނި ކުރުން މިދިޔަ މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ޖުލައި މަހުގެ ތެރޭގައި އެކި ކަހަލަ މައްސަލަތައް ޖެހި މި ދެމީހުންގެ ލޯބީގެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. އޭގެ މާނައަކީ އެމީހުން މީގެ ކުރިން ރާވާފައިވާ ހުރިހާ ކަމެއް ނިމުމަކަށް އައީއެވެ.

އެގޮތަށް އެދެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް، ޑިއޮގޯ ރަބެލޯ ނިންމާފައިވަނީ އޭނާ އެކަނިވެސް ކައިވެނި ޕާޓީ ބޭއްވުމަށެވެ. އެގޮތުން 33 އަހަރުގެ އެ ފިރިހެން މީހާ ވަނީ ކައިވެނި ހަފްލާގައި އަމިއްލަ ނަފްސާއި ކައިވެނި ކޮށްފައެވެ.

އޭނާ ޕާޓީ ބާއްވާފައިވަނީ އެގައުމުގެ ރިސޯޓެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މިޕާޓީ އަށް އައިސްފައިވަނީ 40 ވަރަކަށް މީހުންނެވެ. އޭނާ ބުނެފައިވަނީ އެގޮތަށް މަދު ބަޔަކު އައިސްފައިވަނީ އެއީ ކޮވިޑް-19ގެ ސަބަބުން ކަމަށެވެ.

ޕާޓީ ނިންމާލުމަށްފަހު އޭނާ ބުނެފައިވަނީ އެދުވަހަކީ އެއީ އޭނާ އެންމެ އުފާވި ދުވަސް ކަމުގައެވެ.

"މިއަދަކީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް. އަޅުގަނޑު ދެކެ އެންމެ ލޯބިވާ މީހުންނާއި އެކީ މިދުވަސް ފާހަގަ ކުރިއަސް މިއީ ޖޯކަކަށް ގިނަ ބަޔަކަށް ވާނެ" އޭނާ ބުންޏެވެ.

އޭނާގެ ކައިވެނީގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު ވަނީ އެކަމާއި ވާހަކަ ދައްކާފައެވެ. އަދި ބައެއް ފަރާތްތަކުން އެކަމާއި މަޖާކޮށް ޖޯކު ޖަހާފައިވެއެވެ.