ގޭތެރޭގައި ވަގަކު އުޅޭ ކަމަށް ހީވެގެން ފްލޮރިޑާގެ ފިރިހެނަކު އޭނާގެ މާބަނޑު އަނބިމީހާގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

އެ ގައުމުގެ ސަރުކާރު އޮފިޝަލަކު މީޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި ފުލުހުންނަށް ގުޅާފައި ވަނީވެސް އެ ފިރިހެން މީހާ އަމިއްލަ އަށް ކަމަށެވެ.

އޭނާއާ ހަވާލާދީ ފުލުހުން ބުނީ، ގޭތެރޭގައި ވަގަކު އުޅޭ ހެން އޭނާ އަށް ހީވީ ނިދާފައި އޮއްވާ ކަމަށެވެ.

"އޭނާ ވަނީ ތަދު ތެދަށް ފުލުހުންނަށް ބަޔާން ދީފައި. އެ ބަޔާނުގައި އޭނާ ވަނީ ކޮޓަރިން ނުކުތް ގަޑީ މީހަކު ހުރިކަން އެނގިގެން ބަޑި ޖެހޭ ކަމަށް." ފުލުހުން ބުންޏެވެ.

އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރު މަރުވެފައިވާ ކަމަށާއި ނަމަވެސް ކުއްޖާ ސަލާމަތް ކުރެވިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެއަންހެން މީހާ މަރުވިއިރު އޭނާގެ ބަނޑަށް ހަ މަސް ވަނީ ވެފައެވެ.

މި ހާދިސާ ހިނގިއިރު، އެގޭގައި ދެ އަހަރުގެ ކުއްޖަކު ހުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެއްވެސް ކަހަލަ އަނިޔާއެއް އެ ކުއްޖާއަށް ލިބިފައެއް ނުވާ ކަމަށާއި މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.