އެއިޑްސް، އެޗް.އައި.ވީ މިއީ އަހަރެންނަށް އާ ބަސްތަކެއް ނޫނެވެ.

މި ބައްޔާ ބެހޭގޮތުން އަހަރެންނަށް ވަކި ނޭނގޭ އެއްޗެއްވެސް ނޯންނާނެއެވެ. އަހަރެން ހިތުން އަހަންނަކީ ތަންދޮރު ދަންނަން، ދުނިޔެއަށް ހޭލުންތެރި މިފަދަ ކަންތަކަށް ސަމާލުވެ ހުރި ކުއްޖެކެވެ. އެކާވީސް ވަަނަ ގަރުނުގައި، އިންޓަނެޓާ ކޮމްޕިއުޓަރުގެ ވަސީލަތްތައް މައުލޫމާތު ފޯރުކޮށްދިނުމުގެ ސްކޯޕް ފުޅާކޮށްފައިވާ އިރު އަމިއްލަ އަށް ވެސް ހޭލުންތެރި ވެވޭނެ ގޮތްތަައް މަދެއްނޫނެވެ. ވީ އިރު މިފަދަ ބަލިތަކާ މެދު އެހާ ފަރުވާ ކުޑަ ކުރެވެންވީ ކީއްވެ ބާވައެވެ؟ ހޭލުންތެރިވެ، ތަންދޮރު ދަތުމަކީ އެއްޗެއްގެ ހަގީގަތް އެނގި ހުުރުން އެކަންޏެއް ނޫނެވެ. އެފަދަ ކަންތަކާ ދުރުހެލިވެ ނުހުރެވޭނަމަ ހޭލުންތެރިވުމުގެ ފައިދާ އަކީ ކޮބާ ހެއްޔެވެ؟ އަހަރެންނަކީ ޖީސީ އޯ ލެވެލް ނިންމާ ރަން ވަނަ ތަކެއް ހާސިލް ކޮށްގެން ހުރި ކުއްޖަކީމެވެ. ސައިންސް އެންޑް ކޮމްޕިއުޓަރ ކިޔަވާ، ޑޮކްޓަރަކަށް ވާން އަޒުމް ކަނޑައަޅައިގެން އަހަރެން ހުރީ ކިތައް ބަޔެއްގެ ހުވަފެންތައް ކޮނޑަށް ބަރުކޮށްގެން ހެއްޔެވެ؟ ނަމަވެސް އަހަރެންގެ އެންމެ ކުށަކުން މި ހުރިހާ ހުވަފެންތަކެއް ވިއްސި ވިހާލި ވެ ނުދިޔައީ ކިރިޔާއެވެ. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާ ނުލެވުނީ ކިރިޔާއެވެ. މަރުގެ ތުންފަތް މައްޗަށް އަމިއްލަ ނަފްސު ނުގެންދެވުނީ ކިރިޔާއެވެ. އަހަރެން މިއަދު މި ވާހަކަ މި ކިޔައިދިނީ ސަލާމަތް ވި ގޮތާމެދު ފަޚުުރު ވެރި ވާކަށް ނޫނެވެ. އެހެން މީހުންނަށް އަހަރެންގެ ވާހަކަ އިބްރަތަކަށް ވެދާނެތީއެވެ.

ދުވަސްކޮޅަކީ ގްރޭޑް ދިހަ އެއްގެ ފަހު އިމްތިޚާން ނިމި، ނަތީޖާތައް އައިސް އެކަމުގެ އުފާ ފާހަގަކުރުމަށް ތަފާތު ޕާޓީތައް ބާއްވަމުން ދިޔަ ދުވަސް ކޮޅެކެވެ. އަހަރެން ވެސް ގާތް ރަހުމަތްތެރިން ތަކަަަކަށް އަމިއްލަ ގޭގައި ކުޑަ ވަރެއްގެ ސަޔެއް ދިނީމެވެ. އަހަރެންނަށް ވަނީ ޖީސީ އޯލެވެލް އިމްތިޚާން އިން ރާއްޖެއިން އެއްވަނަ ލިބި، ކެމިސްޓްރީ އިން ދުނިޔެއިން ހަތަރު ވަނަ ލިބިފައެވެ. އެހެންކަމުން މި ކާމިޔާބީ ފާހަގަ ކުރުމަށް އަހަރެންގެ އެކުވެރިންގެ އެދުމުގެ މަތިން އަމިއްލަ ގޭގައި ކުޑަ ވަރެއްގެ ހަފްލާ އެއް ބާއްވާލީއެވެ. ކުޑައިރުއްސުރެ ވެސް އަހަރެންނަކީ މަޑުމައިތިރި، ލަދުވެތި ކުއްޖެކެވެ. މީހުންނާ ސަކަރާތް ޖަހާ ކުލާސް ތެރޭގައި އަޑު ގަދަ ކޮށް ހަދައެއް ނޫޅެމެވެ. މަންމަ އާއި ބައްޕަގެ ބަހަކަށް ދެކޮޅު ހެދި ހަނދާނެއް ނުވެއެވެ. އެހެންކަމުން އަހަރެންގެ މައިން ބަފައިންވެސް އަހަރެންގެ ކޮންމެ ބޭނުމެއް ފުއްދައިދެއެވެ. ބުނި ކޮންމެ އެއްޗެއް ހޯދައިދެއެވެ. އެކަމުގެ ބޭނުން ނާޖައިޒު ގޮތުގައި ދުވަހަކު ވެސް ނުހިފަމެވެ. އެކަމާ އަހަރެންގެ މައިން ބަފައިން އުފާ ކުރެއެވެ. އާއިލާ ތެރޭގައި އަހަރެންނަކީ މިސާލެއް ފަދަ ދަރިއެކެވެ. އެހެން ކަމުން އަހަރެންގެ ފަރާތުން އެފަދަ އަމަލެއް ފެންނާނެކަމަކަށް އެމީހުން ކީއްކުރަން، އަހަރެން ވެސް ދުވަހެއްގެ ކޮޅުން ވެސް ހިޔެއް ނުކުރަމެވެ.

އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޝައިބާން އަކީ އަހަރެންނާ މުޅިން ތަފާތު މީހެކެވެ. އަހަރެން ކުލާސް ތެެރޭގައި މަޑުން އިންނަ އިރު މީނަގެ ކަމަކަށް ވާނީ ކުލާހުގައި ސަކަރާތް ޖެހުމެވެ. އަހަރެން އެންމެ ދުވަހަކުވެސް ގަޑި ނުޖެހޭ އިރު މީނަ ގަޑި ނުޖެހި ސުކުލަށް ދާ ދުވަހެއް މަދުވާނެއެވެ. އަހަރެން ކަހަލަ ކުއްޖަކު ޝައިބާން ފަދަ "ވިޔާނުދާ" ކުއްޖަކާ އެކުވެރިކަން ބަދަހި ކޮށްގެން އުޅޭތީ އެކަން ހަޖަމް ނުވާ އެތަކެއް ބައެއް އުޅުނެވެ. މުދައްރިސުން ވެސް އެކަމާ ސުވާލުކޮށް ހަދައެވެ. އަހަރެން މަންމަ އާއި ބައްޕަވެސް ފުރަތަމަ މި ގުޅުމަށް ސާފު ކޮށް އިންކާރު ކުރިއެވެ. ނަމަވެސް ދުވަސް ތައް ފާއިތު ވަމުން ދިޔަ ވަރަކަށް މަންމަ މެންގެ ލޯބި ވެސް އޭނާ އަށް ލިބިއްޖެއެވެ. ކިތަންމެ ސަކަރާތެއް ޖެހިޔަސް އަހަރެންގެ އުޅުމަށް އެކަމުގެ އަސަރެއް ނުކުރާތީ މަންމަ މެން އަޅާނުލީއެވެ. އެކި ކުދިންނަކީ އެކި މިޒާޖު ގެ ކުދިންނެވެ. މަންމަ މެން އެކަން ވަރަށް ރަނގަޅަށް ދަނެއެވެ. ކުއްޖެއްްގެ ވަކި މިޒާޖަކާ ހުރެ އެކަހެރި ކޮށްލައިގެން އެކުއްޖަކަށް ފައިދާ އެއް ނުވާނެއެވެ. މަންމަ މެންގެ ވިސްނުމުގެ ތަހުޒީބު ކަމަށް އަހަރެން އަބަދު ވެސް އުފާކުރަމެވެ. ނަމަވެސް މިއަދު، އެ ވިސްނުން ކުޑަކޮށް ނަމަވެސް ބަދަލުވި ނަމަ ކިހާ ރަނގަޅު ހޭ ހިތަށް އަރައެވެ.

އަހަރެންނާ ޝައިބާން އާއި ދޭތެރޭ އެކުވެރިކަން އުފެދުނީ ގްރޭޑް އަށެއް ގައެވެ. އެއީ އިސްކަންދަރު ސުކޫލުން މަޖީދިއްޔާ ސުކޫލަށް އަހަރެން ބަދަލުވި އަހަރު ކަމުން އަހަރެންގެ މާ ގިނަ ރަހުމަތް ތެރިންނެއް ނުތިބެއެވެ. އެހެންކަމުން އަހަރެންގެ ފޮތްތައް އެންމެ ގާތް މިތުރުން ގެ ގޮތުގައި ހެދީމެވެ. ކުލާހުގައި ވާހަކަ ނުދައްކާ ކިޔެވުމަށް އަހަރެންގެ ސަތޭކަ އިންސައްތަ ސަމާލުކަން ދިނީމެވެ. މިކަން ނުވިސްނޭ ގިނަ ކުދިންނެއް އުޅުނެވެ. އަހަރެންނާ ގަނާ ކުރަން ފެށުނީ ގްރޭޑް އަށެއްގެ ފުރަތަމަ ޓާމް ނިމެން ކައިރި ވަނިކޮށެވެ. އެއްބަޔަކު ފޮށި ހެދީ އަނގަ ބަހުންނެވެ. އަނެއް ބަޔަކު އަތުގެ ބާރު ދެއްކިއެވެ. އަހަރެންގެ ގިރުވާނުގައި ހިފާ ބިއްމައްޗަށް ކޮއްޕާނުލާ ދުވަހެއް ނުދާނެއެވެ. ފޮތްތަކަށް ފެން އަޅާ ދަބަސް ޑަސްބިނަށް ލައެވެ. އަހަރެންގެ އައިނުގެ ދުނި ގަނޑު އަލުން ހަދަން ޖެހޭ ލެއް ގިނަ ކަމުން ބައްޕަ ވެސް ހުންނަނީ ކަން ބޮޑުވެފައެވެ. ނަމަވެސް މައިން ބަފައިން ކައިރީ މިފަދަ ވާހަކަ އެއްް ހިއްސާ ކުރާކަށް ބޭނުމެއް ނުވެެއެވެ. އަހަރެންނަކީ އެހާ ބަސް ގިނަ، ކެރޭ ކުއްޖަކަށް ނުވާތީއެވެ. އަހަރެންނަށް ކިޔަނީ "ސޮޑޭ" އެވެ. ބައެއް މީހުން އަހަންނަށް ރަނޑަށް ވެސް ގޮވައެވެ. މިއީ ހެއްވާ މުޖުތަމައެކެވެ. ފިރިހެނެއް ވިއްޔާ އަޑު ގަދަ ވާން ޖެހޭނެއެވެ. ތިމާގެ ބާރު ދެއްކެން ޖެހޭނެެއެވެ. މުދައްރިސަކަށް ކަމޭހިތަންޏާ އެ ވީ ސޮޑެވެ. ކުލާހުގެ ސަކަރާތްތަކުގައި ބައިވެރި ނުވަންޏާ އެވީ ރަނޑެވެ. މިހާ ޤަވާއިދު ބޮޑު މުޖުތަމައެއްގައި ގަނާ ނުވެ އުޅުންވީ އަހަރެންނަށް ދަތި ކަމަކަށެވެ.

ދުވަސްތައް މިފަދަ ހާލެއްގައި ގުނަމުން ދަނިކޮށް ކުލާހަށް އައީ ޓްރާންސްފަރ ސްޓޫޑަންޓެކެވެ. ނަމަކީ ޝައިބާން މޫސާ އެވެ. ބަލާބެލުމަށް އަހަރެންނަށް ގަނާ ކޮށް ހަދާ ކުދިންނެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އަހަރެން ހީކުރީ އޭނާވެސް އެ މީހުންނާ އެއް ބައިވާނެކަމަށެވެ. އަހަރެންގެ ހަތުރުންގެ އަދަދު ނިސްބަތުން ގިނަ ވަނީތާއެވެ. ނަމަވެސް ކަންތައް ވީ އެހެންނެއް ނޫނެވެ. ފުރަތަމަ ފަހަރަށް މީހަކު އަހަރެންނަށް ކުރެވުމުން ދިޔަ އަނިޔާ އާ ދެކޮޅަށް ތެދުވެިއެވެ. ޝައިބާން ގެ ބާރު އެހެން ކުދިންގެ ބާރަށް ވުރެ ގަދައެވެ. އެކަކުވެސް އަހަރެންނަކާ ގަނާ ކުރިއެެއް އޭނާ ނުދެއެވެ. އަހަރެންނަށް ސޮޑަށް ގޮވުން ހުއްޓާލައިފެއެވެ. އަހަރެންނަކީ މިހާރު އެމީހުންގެ ކުރިމަތީގައި ރަނޑެއް ނޫނެވެ. ޝައިބާން ގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރު ފަސޭހަ ކަމާއެކު ނިންމޭނޭ ކަމުގެ އުފާވެރިކަން އަހަރެންނަށް ލިބިގެން ދިޔައެވެ. އެހެންކަމުން އޭނާ އާ އެކުވެރިކަން ބަދަހި ކުރުމަށް ދިއްކުރި އަތުގައި އަހަރެން ހިފީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. އެކުވެރިކަމަކީ އަމިއްލަ އަށް ހޯދަން ޖެހޭ އެއްޗެކެވެ. އަދި ތިމާ ހިތަށް ހުއްޓެއް ކަމަކު ރަނގަޅު އެކުވެރިންނެއް ނުލިބޭނެއެވެ.

އަހަރެން ހީކުރި ފަދައިން ސާނަވީ ތިން އަހަރު ވެސް ނިމިގެން ދިޔައީ އެއްވެސް މީހެއްގެ އުނދަގުލެއް ނުޖެހިއެވެ. ޝައިބާން އާ އަހަރެން ގެ ރަހުމަތް ތެރިކަން ކޮންކްރިޓް ހާ ވަރުގަދަ ވެއްޖެއެވެ. އޯލެވެލް ނިންމުމަށް ފަހު އަހަރެން އުލާ އާ އަހަރެން ގުޅެން އެހޭވެދިނީ ވެސް އޭނާ އެވެ. އުލާ އަކީ ހަތް ވަނަ ގްރޭޑުން ފެށިގެން އަހަރެން ރައްޓެއްސަކަށް ވުރެ ގާތްކޮށް ދެކެމުން އައި ކުއްޖެކެވެ. އޭނާ އާ ލޯބީގެ ގޮތުން ގުޅުގިން ދިޔުމުން އަހަރެން ހުރީ އުފަލުން ފުރިފައެވެ. އެހެންކަމުން ޝައިބާން ގެ އެދުމުގެ މަތިން ކުޑަ ސަޔެއް ހުރިހާ އެކުވެރިންނަށް ދިނީމެވެ. ނަމަވެސް ޝައިބާން ބޭނުންވީ "ޕާޓީ" އެކެވެ. އަހަރެންގެ މަންމަ މެން ތިއްބާ އެފަދަ ކަމެއް ނުކުރެވޭނެކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން ޝައިބާން އަމިއްލަ އަށް ހުޅުމާލޭގައި އޮތް ޕާޓީ އަކަށް އަހަރެންނަށް ދަޢުވަތު ދިނެވެ. ސުކޫލު ދައުރުވެސް ނިމުމާއެކު އާ ކަންތައް ތަޖުރިބާ ކުރަން އަހަރެންވެސް ބޭނުން ވިއެވެ. ބަކެޓް ލިސްޓެއް ތައްޔާރު ކޮށްގެން އަހަރެން ހުރީ މިހާރު މިހުރި ތޮށި ގަނޑުން ބޭރުވާށެވެ. ދުނިޔެއަށް ލޯ ހުޅުވާށެވެ. އަހަރެންނާ އެއްފުރާވަރު ކުދިން ކުރާ ކަންތަކުގައި އެންމެ ފަހަރަކު ނަމަވެސް ބައިވެރި ވާށެވެ. އެހެންކަމުން އެ ޕާޓީ އަށް އަހަރެން ދިޔައީ ވަރަށް ތައްޔާރު ވެގެންނެވެ. މަޖާ ކޮށްލާ ހަނދާންް ނައްތާލާށެވެ.

އުލާ ގެ އަތުގައި އެއް އަތުން ހިފައިގެން ހުރެ ނަށަމުން ދިޔަ ކުދިންގެ ބައި ގަނޑުތަކުގެ ތެރެއިން އަހަރެން ހިނގަމުން ދިޔައީ ޖަހަމުން ދިޔަ ލަވަ އަށް ބޯ ހޫރު ވަމުންނެވެ. ލަވައިގައި ގޮަވަނީ ހުސް އަވަގުރާނައަށް ވިޔަސް ހެވެވެ. މިހާރު ދެތިން ޖޫސް ތަށި ބޮވިއްޖެއެވެ. އެއަށް އަޅައިފައި ވަނީ ކޯއްޗެއްކަން ވެސް އަހަރެންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ވަރަށް ލުއި ވެއްޖެކަމެވެ. ބޮލަށް ވަރަށް ފަސޭހަ ވާ ކަމެވެ. ކުލަތައް ގަދަ ވެފައި ރީއްޗެވެ. މުޅި ޕާޓީވެސް އަހަރެންނަށް ކަމުދާން ފަށައިފިއެވެ. އުލާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލީމެވެ. އަދި ޖަހަމުން ދިޔަ ލަވަޔާ އެއްވަރަށް ދެމީހުންގެ ހަށިގަނޑު ގާތް ކޮށްލީމެވެ. މިހެން ނެށުމުގެ ތެރޭ ތިބެވުނު އިރެއް ވެސް ނޭނގެއެވެ. މީހެއް އަހަރެން ކޮނޑުގައި އަތް އަޅާލުމުން ފަހަތަށް އެނބުރީލީމެވެ. އަހަރެންގެ އެކުވެރި ޝައިބާން އެވެ. އައިސްބަލާށޭ ބުނެ އިޝާރާތް ކޮށްލުމުން އުލާގެ ތުންފަތަށް ދޮނެއް ދިނުމަށް ފަހު އޭނާގެ ފަހަތުން ހިނގައި ގަތީމެވެ.

ދެމީހުން ގޮސް ހުއްޓުނީ ކުޑަކޮށް އަނދިރި ހިސާބަކަށެވެ. އޭރު ދެތިން ފިރިހެން ކުދިން އެތާ ގޮނޑިއެއްގައި ޒާތަކަށް މަސްތުވެފައި ތިއްބެވެ. ޝައިބާން ކުރީ އެންމެ ސުވާލެކެވެ. ކައެ ވެސް ބޭނުން ހެއްޔޭ އެހިއެވެ. އަހަރެން ހުރީ ތައްޔާރަށެވެ. ވާނުވާ އެއް މިހާ ހިސާބަށް އައި އިރު ނޭނގޭ ވިއްޔާއެވެ. ޖޫހަށް އަޅައިފައި ހުރި އެއްޗެއް ކޮންމެ އަކަސް ވަރަށް ބާރު ގަދަ އެވެ. ކުޑަ ކޮށްވެސް އަހަރެންގެ ހަަމަ ހޭ ހުރި ނަމަ އެކަމަކަށް އެއްބަސް ނުވީ ހެވެ. ނަމަވެސް ސިރިންޖު ނަގާ އަހަރެންގެ އަތަށް ކޮށްޕާލި އިރުވެސް އަހަރެން ހުރީ ދަތްޕިލަ އަތަށް ނަގައިގެން ހެވި ދިލިފައެވެ. ދެން އިހުސާސް ވާން ފެށީ ދުވަހަކުވެސް ނުވާކަހަލަ އަރާމެކެވެ. ހީވަނީ ދުނިޔެއިން ބޭރުގައި އުޅެވޭ ހެންނެވެ. އުދުހެނީއެވެ. ތަރި ތަކުގެ ވަށާ އެނބުރެނީއެވެ. އަހަރެން ހުރީ މަސްތުވެފައެވެ. ދުނިޔޭގެ އަވައިގައި ރަނގަޅަށް ޖެހިފައެވެ. އީމާންތެރިކަމުގެ ކަންފުޅެއް ވެސް މިހާރު ގައިގައި ނެތް ކަހަލަ އެެވެ. ކޮންމެ ފަދަ ފާފަ އަކަށް މިހާރު އަރައިގަަންނާށޭ ބުނިނަމަވެސް އަހަރެން ހޭވައްލާ ތައްޔާރު ކިޔާނަމެވެ.

ރޭގަނޑުގެ މި އަރާމުން ފުރިފައިވާ ހިނދުކޮޅުގެ ހިމޭންކަން ފޫ އަޅުވާލީ ފުލުުހުނެްގެ ވެހިކަލް ގެ ސައިރަން އެވެ. މީހަކު އަހަރެން އަތުގައި ހިފާ ދަމަމުން ދިޔަކަން އެނގެެއެވެ. އޭރުވެސް އަހަރެން ހުރީ މަޖާ ވެފައެވެ. ދުވަމުން ދިޔަ މީހަކާ އެއްވަރަށް އަހަރެން ވެސް ދުވީމެވެ. ގޮސް އެރީ ކާރަކަށެވެ. ބާރު ސްޕީޑް ގައި ކާރު ދުއްވަމުން ދިޔަ އެރު ސައިރަންގެ އަޑު ފަނޑުވަމުން ދިޔައެވެ. އަހަރެންގެ ލޯ މެރެމުނެ މެރެމުން ގޮސް އެކަށް ނިދިއްޖެއެވެ.

ހޭލެވުނު އިރު އޮތީ ނުދަންނަ ގެއެއްގައެވެ. އެނދުގެ ކަނެއްގައި ޝައިބާން އިނެވެ. ތަންކޮޅެއް ދުަރުން އުލާ ފޯނަކުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ މަންމައާ ތޯޗެވެ. ސިއްސައިގެން ގޮސް އަހަރެން ފުއްމައިގަތީ މަންމަ މަތިން ހަނދާން ވީމައެވެ. އަވަސް އަވަހަށް ފޯން ނަގާ ބަލާލި އިރު މަންމަ އާ ބައްޕަގެ އެތަކެއް މިސް ކޯލެއް ހުއްޓެވެ. ޝައިބާން ޓީވީ ހުޅުވާލިއެވެ. އޭރު ދޭއްގެ ހަބަރު ކިޔަނީއެވެ. ހުޅުމާލޭގައި ބޭއްވި ޕާޓީއެއް ފުލުހުން ރެއިޑް ކުރި ވާހަކަ އެވެ. ދިހަ ވަރަކަށް ކުދިން އަތުލައިގަތް ވާހަކައާއި ހުރިހާ ކުދިން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމުގައި ކިޔަމުން ދިޔައެވެ. ޕާޓީ ޑްރަގްސް އެހެނިހެން މަސްތުވާތަކެތި މި ޕާޓީ ގައި ބޭނުން ކޮށްފައިވާ ކަމާއި ސިރިންޖް ބޭނުން ކޮށްގެން ވެސް އެތައް ބަޔަކު މަސްތުވި ވާހަކަ ގޮވާ ނަގަމުން ދިޔައެވެ. އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޝައިބާން އަށްވެސް ކުރެވުނު ކަމެއް ނޭނގެއެވެ. ސިރިންޖެއް އަހަރެންގެ އަތަށް ޖެހިކަމުގެ ހަނދާނެ ވެއެވެ. އޭގެ ފަހުން ވި އެއްވެސް ކަމެއް އެވަގުތަކު ހަނދާނަކަށް ނައެވެ.

ކުޑަކޮށް ގައި ދޮވެލުމަށްފަހު ސެންޓު ބުރުވާލާ މާލެ ދާން ނިކުތީމެވެ. މަންމަ މެން މިއަދު ހަމަ ރަނގަޅަށް ވެސް އަހަރެންގެ ދުވަސް ދުއްވާލާނެއެވެ. އުލާ އަހަރެންގެ މަންމަ އާ ވަނީ ވާހަކަ ދައްކާ ހަމައަކަށް އަޅުވާފައެވެ. އަހަރެންނަކީ މައިގްރޭން ހުންނަ ކުއްޖެއްކަމުން މައިގްރޭން އެޓޭކެއް އައަސް ގެން ތަންކޮޅެއް އަވަހަށް ނިދީ ކަމުގައި ބުންޏެވެ. އަދި އެންމެން ވެސް ތިބީ އަހަރެމެންގެ ކުލާސް އަރުަހަމްގެ ގޭގައި ކަމުގަޔާއި، ރޭ ހިނގި ޕާޓީއަށް އަހަރެމެން ކުރެ އެކަކުވެސް ގޮސްފައި ނުވާ ކަމުގައި ބުންޔެވެ. އުލާގެ މަންމަ މެންނާ ވާހަކަ ދެއްކީ ރައިނާ އެވެ. އެއީ ޝައިބާން ގެ ލޯބިވެރިޔާއެވެ. އެންމެން އެކަކު އަނެކެއްގެ މައިން ބަފައިންނަށް ގުޅާ އެތަކެއް ދޮގެތަކެއް ހަދާ ހަމައަށް އަޅުވައިފިއެވެ. އަހަރެންގެ މަންމަމެން އަހަންނަށް ކުރަމުން ދިޔަ ލޯފަން އިތުބާރުގެ ބޭނުން މިއަދު ނަހަމަ ގޮތުގައި ހިފަން ޖެހުނީއެވެ. އަހަރެންނަކީ ދުވަހަކުވެސް މަންމަ ކުރިމަތީ ދޮގެއް ހެދި މީހެއް ނޫނެވެ. މިއަދު މިދަނީ ދޮގުތައް ފަތި ފައްޗަށް އަމުނާލާށެވެ. އިތުރު ގޮތެއް އަހަރެންނަކަށް ނެތެވެ.

ދުވަސް ތައް ފާއިތު ވަމުންގޮސް ހަފްތާ ދެހަފްތާ ފަހަނަ އަޅާ ގޮއްސިއެވެ. ހުޅުމާލޭގައި ހިނގި ޕާޓީގެ މަތިން މީހުން ހަނދާން ނެތިއްޖެއެވެ. އަހަރެން ވެސް އޭލެވެލް އަށް ސީ.އެޗް.އެސް އީ އަށް ވަނުމަށް ވާން ޖެހޭ ތައްޔާރީތަށް ކުރުމުގައި މަސްޣޫލުވެއްޖައީމެވެ. ޝައިބާން އާއި އަހަރެންނާ ބަހެއް ނުކިޔޭތާ ދުވަސް ގަނޑެއް ވެއްޖެެއެވެ. އެންމެންނަށް ސިހުން ގެނުވި ޚަބަރެއް ލިބުނީ އެ ރޭ އެއް ސުފުރާ މައްޗެއްގައި އާއިލާ އާ އެކު ކާން ތިއްބައެވެ. ހުޅުވާފައި ހުރި ޓީވީއިން އަށެއްގެ ޚަބަރު ގެނެސްދެމުން ދިޔައެވެ. ބޯން އިން ފެން ތަށި އަތުން ދޫ ނުވީ ކިރިޔާއެވެ. ޚަބަރުގައި ކިޔަން ފެށި ވާހަކަ އަކުންނެވެ. ހުޅުމާލޭގައި މީގެ ދެހަފްތާ ކުރިން ޕާޓީ ކުރި ކުދިންތަކުގެ ތެރެއިން އަތުލައިގަތް ދެ ކުއްޖެއް އެޗް.އައި.ވީ އަށް ޕޮޒިޓިވް ވި ވާހަކަ އެވެ. އެއީ އެއް ސިރިންޖެއް ބޭނުން ކޮށްގެން ހިނގި ކަމެއް ކަމަށާއި ސިރިންޖް ބޭނުން ކޮށްފައިވަނީ އެ ދެ ކުދިން އެކަނި ނޫން ކަމުގައިވެސް އެއްބަސް ވެފައި ވާ ކަމުގައި ޚަބަރުގައި ކިޔަމުން ދިޔައެވެ. ނަމަވެސް ދެން ތިބި އެއްވެސް މީހެއް އެމީހުންނަށް ނޭނގޭ ކަމުގައި ވަނީ ބުނެފައެވެ. އަހަރެންގެ ފައި ދަށުން ބިންގަނޑު ދަމައިގެން ދިޔަ ކަހަލައެވެ. އަވަސް އަވަހަށް ފެން ތަށި ބަހައްޓާ ކޮޓަރިއާ ދިމާލަށް ހނގައި ގަތީމެވެ. ދުވަހަކު ނުގަންނަ ވަރަށް ހުރީ ބިރު ގަނެފައެވެ. ތުރު ތުރު އަޅާ ވަރުން ދޮރު ތަޅުލާން ވެސް އުނދަގޫ ވިއެވެ. މަންމަ އާއި ބައްޕަ ދޮރުގައި ތަޅަމުން ދިޔަ ކަން އަހަރެންނަށް އެނގުނަސް ހުޅުވާކަށް ބޭނުމެއް ނުވިއެވެ. ދެ ކަކޫ މައްޗަށް ތިރި ވެވުނެވެ. އަދިވެސް ދެ އަށް ތުރު ތުރު އަޅަނީއެވެ. ކޭ އެއްޗެހި ބޭރުވާހެން ހީވާތީ ދުވެފައިގޮސް ފާޚާނާއަށް ވަނީމެވެ. ހޮޑުލައި ދެމުނު އިރުވެސް މެއި ހީވަނީ ރޯވެފައި ހުރި ހެންނެވެ. ދޮރުގެ ތެޅުމުގެ އަޑަށް ވުރެ އަހަރެންގެ ހިތުގެ ތެޅުމުގެ އަޑު ގަދައެވެ.

ދުވަހަކުވެސް ހިތަށް ނާރާ އެތައް އެއްޗެއް އެ ދުވަހު ހިތަށް އެރިއެވެ. މަންމަ މެންކައިރީ އެ ވާހަކަ ބުނުމަށް ވުރެ މަރުވުން ވެސް ރަނގަޅޭ ހިތަށް އަރަމުން ދިޔައެވެ. ޝައިތާނާ އަށް އިންސާނުންގެ ސިކުނޑިއަށް ފަސޭހަކަމާއެކު ބާރު ފޯރުވޭ ކަން އެނގުނީ އެދުވަހުއެވެ. އެއީ އަހަރެން ދުވަހަކުވެސް ޚިޔާލަށް ނުގެންނަ އެއްޗެހި ހިތަށް އަރަން ފެށީމައެވެ. ފަސް ވަނަ ބުރިން ފުއްމާލާނީއެވެ. ފަންކާގައި އެލިގަންނާނީއެެވެ. ނޫނީ ޒަހަރު ބޮއިގެންނަމަވެސް ދުނިޔޭގެ ލަދާ ދުރަށް ދާނީއެވެ. އަަހަރެން އަވަސް އަވަހަށް ފާޚާާނާއަށް ވަދެ ވުޟޫ ކުރީމެވެ. ނިކުމެ ދެ ރަކްޢަތުގެ ނަމާދެއް ކުރީމެވެ. ހަމައަކަށް އެޅުނީ ދެނެވެ. ސާފު ހިތަކާއެކު ދެން ކަންތައް ކުރަންވީ ގޮތަކާމެދު ވިސްނީމެވެ. ފުރަތަމަ މަންމަމެންނަށް ތެދު ތެދަށް ކިޔައިދޭނީއެވެ. އެއަށްފަހު އެޗް.އައި.ވީ އަށް ޓެސްޓް ކުރާނީއެވެ. ކޮންމެ ގޮތެއް ވިޔަސް ﷲ އާ ވަކީލެވެ.

މިއަދަކީ އަހަރެންގެ އެޗް.އައި.ވީ ޓެސްޓުގެ ނަތީޖާ ލިބޭ ދުވަހެވެ. މަންމަ އަހަރެންގެ އަތުގައި ބާރަކަށް ހިފަހައްޓައިގެން އިން އިރު ބައްޕަ ދެކޮޅަށް ހަމަ ހިނގަނީ އެވެ. އެންމެންގެ މޫނުމަތިން ފެނިގެންދަނީ ހާސްކަމެވެ. އަހަރެންގެ ހިތުގެ ތެޅުން މަޑުވާކަށް ނޫޅެއެވެ. ވާނީވެސް އެހެން ތާއެެވެ. ޝައިބާން ގެ ޓެސްޓު ރިޒަލްޓް ޕޮޒިޓިވ ވީއެވެ. އެޗް.އައި.ވީ ގެ ޝިކާރަ އަކަށް އޭނާ ވެއްޖެއެވެ. އަމިއްލަ މަރުގެ ތުންފަތް މައްޗަށް ވެއްޓުނީއެވެ. އޭނާގެ މައިން ބަފައިން ވަނީ އޭނާ ގޮވައިގެން ބޭރަށް ފުރާފައެވެ. ދުނިޔޭގެ ލަދަކަށް ނޫނެވެ. ހުރި ހަމަ އެކަނި ދަރި އަށް ދޭން ޖެހޭ ފަރުވާ ދޭށެވެ. އަހަރެންެގެ މައިން ބަފައިންގެ ފަރާތުން ލިބުނު އެއްބާރުލުން ދުވަހަކުވެސް ހަނދާން ނައްތާ ނުލާނަމެވެ. ފުރަތަމަ ރުޅި އަޔަސް އެމީހުން އަހަރެންނަށް މައާފް ކުރިއެވެ. އަހަރެންނަށް ހިތްވަރު ދިނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ގާތުގައި ތިބޭނޭ ކަމަށް ވައުދު ވިއެވެ. ކުށް ކުރެވޭނީ އިންސާނުންނަށެވެ. އެ ކުށްތަކަށް އިއުތިރާފް ވެ ތައުބާވާނެ ފުރުޞަތު ވެސް ދޭން ޖެހޭނެ ކަމުގައި އަހަރެންގެ މައިންބަފައިން އަބަދުވެސް ބުނެއެވެ. މިއަދު އަމަލުން ވެސް އެކަން ދައްކައިފިއެވެ.

ޕާޓީގައި ސިރިންޖް ބޭނުން ކުރީ ހަތް ކުދިންނެވެ. ޓެސްޓު ކުރީ އޭގެ ތެރެއިން ހަ ކުދިންނެވެ. ހަތަރު ކުދިންގެ ޓެސްޓް ނަތީޖާ ޕޮޒިޓިވް އެވެ. އެއް ކުއްޖެއްގެ ނެގަޓިވް އެވެ. އަހަރެންގެ ނަތީޖާ ސްލިޕް މިއޮތީ އަތުގައެވެ. ސާނަވީ އިމްތިހާން ގެ ނަތީޖާ ބަލަން ވެސް މިހާ ބިރެއް ނުގަނެެއެވެ. ނަމަވެސް މިވަގުތު އަތް ފައި ވަނީ ފިނިވެފައެވެ. އަހަރެންގެ ލޮލުން ކަރުނަތަށް އޮހެމުން ދިޔައެވެ. ކަނާތް ފަރާތުގައި މަންމަ އިނީ އަނގަ މަތީގައި އަތް އަޅައިގެންނެވެ. ބައްަޕަ ވާތް ފަރާތުގައި އިނީ އަހަރެންގެ ކޮނޑުގައި ހިފާ ބާރު ކޮށްގެނެވެ. މި ގަނޑުކޮޅުގައި ލިޔެވިފައި އޮތް އެއްޗެއް އަހަރެންގެ ދިރިއުޅުން މުޅިން ބަދަލު ކޮށްލާނެެއެވެ. އަހަރެންގެ ކުރިމަގު ބަނަ ކޮށްލަފާނެއެވެ. ނޫނީ ކުރިއަށް ވުރެ އުޖާލާ ވެސް ކޮށްލަފާނެއެވެ.

ފުން ނޭވާ އެއް ލާފައި ބިސްމި ކީމެވެ. އަދި މަޑު މަޑުން ސިޓީ އުރައިން ސްލިޕް ނަގާ ހުޅުވާލާ ބަލައިލީމެވެ.

"ނެގަޓިވް"

(ނިމުނީ)