ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ވީރް ޑީ ވެޑިން" ގެ ޕްރޮމޯޓިންގެ މަސައްކަތުގައި މި ފިލްމުގެ ލީޑް ތަރިން ދަނީ އަވަދިނެތި މަސައްކަތްކުރަމުންނެވެ. މިގޮތުން ފޭނުންނާއި ބައްދަލުކުރުމަށް މި ޓީމުން ކުރަމުންދާ ދަތުރުގައި އެކްޓްރެސް ކަރީނާ ކަޕޫރަށް މިވަނީ އުމުރުން ހަގު އޭނާގެ ފޭނަކާއި ބައްދަލުވެފައެވެ.

މުމްބާއީގެ ރެޑް އެފްއެމް ސްޓޫޑިއޯ ތެރޭން ކަރީނާއާއި މި ކުޑަކުޑަ އަންހެން ކުއްޖާއާއި ދިމާވެފައިވާއިރު، ކަރީނާ ފެނުމުން އެ ކުޑަކުއްޖާގެ ލޮލުން ކަރުނަ އައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ގުޅިގެން އެކްޓްރެސް ސޯނަމް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ވީޑިއޯކޮޅެއް ވެސް އަޕްލޯޑްކޮށްފައިވާއިރު، މި ކުޑަކުއްޖާގެ ހިތުގައި ކަރީނާއަށް އޮތް ލޯބި ފެނި ފިލްމުގެ ޓީމުންވެސް ތިބީ ހައިރާންވެފައެވެ.

https://www.instagram.com/p/BjHW60IF-1A/?utm_source=ig_embed

 

މި އަންހެން ކުއްޖާގެ މަންމަ ބުނެފައިވަނީ، ސްކޫލުގެ ޓީޗަރަކު އެ ކުއްޖާ ބޮޑުވެގެން ވާން ބޭނުންވަނީ ކާކަށްތޯ ސުވާލުކުރުމުންވެސް އޭނާގެ ޖަވާބަކަށްވީ ކަރީނާ ކަޕޫރް ކަމަށެވެ. އެއާއެކު، ކަރީނާއަށްވެސް ސިހުން ލިބިގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

މި އަންހެން ކުއްޖާ ވަނީ ކަރީނާއަށް ހަދިޔާއެއް ވެސް ދީފައެވެ. ނަމަވެސް ވިޑިއޯގައި މި ގިފްޓް ކަނޑާ މަންޒަރު ނުފެނުމުން ކަރީނާއަށް ހަދިޔާއަކަށް ދިނީ ކޯއްޗެއް ކަމެއް ސާފުވެފައެއް ނުވެއެވެ.

"ވީރް ޑީ ވެޑިން" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގައެވެ.