ތުރުކީގެ އިސްޓެމްބުލްގައި ހުންނަ މަޝްހޫރު މިސްކިތް އަޔާ ސޯފިޔާގައި އުޅޭ މަޝްހޫރު ގިލީ ނަމަކަށް ކިޔާ ބުޅާ މަރުވެއްޖެ އެވެ.

ގިލީ އެ މިސްކިތުގައި އުޅެމުން އަންނަތާ 16 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ބުޅާ މަރުވެފައި ވަނީ މުސްކުޅިވެގެން ކަމަށް ބުޅަލަށް ފަރުވާދިން ކްލިނިކާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

16 އަހަރަށްވުރެ ގިނަ ދުވަސް ވަންދެއް އަޔާ ސޯފިއާގައި އުޅުނު އެ ބުޅަލަކީ އެތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރައްޓެހި ބުޅަލެކެވެ. ގިލީ މަރުވުމާއި އެކު އެ ބުޅާ ވަނީ އަޔާ ސޯފިޔާގެ ތާރީހުގެ ތެރޭގައި ހިމެނޭ މުހިންމު އެއަޗަކަށް ވެގެން ގޮސްފައެވެ.

"އަޔާ ސޯފިޔާގައި އުޅޭ ބުޅާ (ގިލީ) އަށް ސެޕްޓެމްބަރު މަހުގެ 24 ވަަނ ދުވަހުން ފެށިގެން ޕްރައިވެޓް ވެޓިނަރީ ކްލިނިކެއްގައި ދިޔައީ ފަރުވާ ދެމުން. ގިލީ ވަނީ މުސްކުޅި ބަލީގައި ދުނިޔެ ދޫކޮށް ގޮސްފައި" ތުރުކީގެ މެޓްރޮޕޮލިސްގެ މޭޔަރ އަލީ ޔާލިކާޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ގިލީގެ ފޮޓޯއެއް ހިއްސާކޮށް ޔާލިކާޔާ ވަނީ ގިލީގެ ހަނދާންތައް އަބަދަށް ދެމިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

އަޔާ ސޯފިޔާ 86 އަހަރު ވަންދެއް ދާރުލްއާސާރެއްގެ ގޮތުގައި ބެހެއްޓުމަށް ފަހު މިއަހަރުގެ ޖުލައި 24 ވަނަ ދުވަހުން ފެށިގެން ވަނީ ނަމާދުކުރަން ފަށާފައެވެ.

އަޔާ ސޯފިޔާ އަކީ ރޫމީންގެ އަތުގައި ތުރުކީގެ ވެރިކަން އޮތް އިރު ބިނާކޮށްފައިވާ އެމީހުންގެ ފައްޅިއެކެވެ. ތުރުކީ ފަތަހަކުރެއްވުމަށްފަހު އެތަން މިސްކިތަކަށް ބަދަލުކުރެއްވީ ސުލްތާން މުހައްމަދު އަލް ފާތިހް އެވެ.

ތުރުކީގައި އުފެދުނު ސާކިއުލާ ދައުލަތުން އެތަނުގައި ނަމާދުކުރުން ހުއްޓުވާފައި ވަނީ 1934 ވަަނަ އަހަރު އެވެ.