ކައިވެނީގެ ކުރިން ފޮޓޯތައް ނެގުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. ގިނަބަޔަކު މިކަން ކުރަނީ ފަހުގެ ހަނދާންތަކަަށް ކަމަށް ވާއިރު، އެ ފޮޓޯތަކަކީ ރީތި ފޮޓޯތަކަށް ހެދުމަށް އެންމެންވެސް ބޭނުން ވެއެވެ. އެހެންވެ ތަފާތު ގޮތަކަށް އެކަން ކުރެއެވެ. މިއީ އެފަދަ ފޮޓޯ ޝޫޓަކަށް ދިޔަ ދެ ލޯބިވެރިންނެވެ. ނަމަވެސް މި މީހުންނަށް ކައިވެންޏާއި ހަމައަށް ދިއުމުގެ ނަސީބެއް ނުލިބުނެވެ. މި ދެލޯބިވެރިން މަރުވީ ގެނބިގެންނެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ކައުވެރީ ކޯރު ކައިރީގައި ޕްރި ވެޑިންގ ފޮޓޯ ޝޫޓެއް ނަގަމުންދަނިކޮށް، މި ދެ ލޯބިވެރިން ވަނީ ގެނބިގެން މަރުވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެދެ ލޯބިވެރިން "ކޮރަކްލް" އެރިގެން ކޯރު ތެރޭގައި ދުއްވަމުން ދަނިކޮށް، ކައިރިން ދިޔަ ބޯޓެއްގެ ސަބަބުން އޭތީ ބަންޑުން ޖަހާލީއެވެ.

މި ދެ މީހުންނަކީ ފަަަސް އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ، މަރުވި ދެ މީހުންނަކީ، އުމުރުން 28 އަހަރުގެ ޗަންދްރޫ އާއި އުމުރުން 20 އަހަރުގެ ޝަޝިކަލާ ކަމަށެވެ.

އެ މީހުންގެ ކައިވެނި ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.

މީގެ ކުރިންވެސް ކައިވެނީގެ ފޮޓޯތައް ނަގަން އުޅުމުގެ ތެރޭގައި ބަޔަކު މަރުވެފައި ވެއެވެ.