ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގެ ދުވަސްވަރާއި ރަމަޟާން މަހަކީ ހުމާއި ރޯގާ ފެތުރޭ ދުވަސްވަރެކެވެ. އެގޮތުން، މި އަހަރުގެ މި ދުވަސްވަރުވެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ދަނީ ހުމާއި ރޯގާ ފެތުރެމުންނެވެ. މިކަމުގެ ސަބަބުން، އާއްމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް، ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސް ކުރައްވާފައެވެ.

ފެތުރޭ ބައެއް ބަލިތަކަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކަށްވާއިރު، އިންފްލުއެންޒާވެސް ފެތުރެމުންދާކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން، ބައްޔާ ގުޅޭ ބައެއް މައުލޫމާތުތަކަށް އަލި އަޅުވާލާނަމެވެ.

އަލާމާތްތައް:

ޑެންގީ ނުވަތަ މަދިރީގެ ޒަރީއާއިން ޖެހޭ ހުމެއް ޖެހިފައިވާކަމުގެ އަލާމާތްތަކުގެ ތެރޭގައި ގިނަ ކަންތައްތައް ހިމެނެއެވެ. އެގޮތުން، ހުން އައުމުގެ އިތުރަށް، ގަދަޔަށް ބޮލުގައި ރިހުމާއި، ލޮލުގެ ފަހަތުގައި ކަހަލަ ގޮތަކަށް ރިއްސުމާއި، ހޮޑުލެވުމާއި، މަސްތަކާއި ހުޅުތަކުގައި ގަދައަށް ރިއްސުން އަދި ހަންގަނޑުގައި ބިހި ނެގުން ހިމެނެއެވެ.

މިއީ، ބަލި ހިފައިގެން ދަތުރުކުރާ މަދިރިއެއް ހަފާތާ ހަތަރު ދުވަހާއި 10 ދުވަހުގެ ތެރޭގައި ފެން އަލާމާތްތަކެކެވެ. އަދި، މިކަންކަން، 2 ދުވަހާއި ހަތް ދުވަހަށް ދެމިގެން ދިޔުން އެކަށީގެންވެއެވެ.

އިންޒާރުގެ ނިޝާންތައް:

ވަރަށް ގަދައަށް ބަނޑުގައި ރިއްސުމާއި، ވަރު ދެރަވުމާއި ހެމޮރޭޖުގެ ނިޝާންތައް، ޖެހިޖެހިގެން ތިން ދުވަހަށްވުރެ ގިނަ ފެންނަކަމުގައިވާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭނެއެވެ.

ގެވެށި ފަރުވާ:

ޑެންގީއަކީ ވަކި ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ. އަދި، ފަރުވާ ކުރަން ޖެހޭނީ ބަލީގެ އަލާމާތްތަކަށާއި ނިޝާންތަކަށެވެ.

އެގޮތުން، ބަލީގެ އަލާމާތްތައް ފެންނަކަމުގައިވާނަމަ، ގޭގައި ކުރެވޭނެ ކަންތައްތަކަށް ބަލާއިރު އަރާމު ކުރެވޭނެއެވެ. ހަމައެހެންމެ، ގިނަ އަދަދަކަށް ދިޔާ އެއްޗެހި ބުއިމާއި ނިއުޓްރިޝަން އެކުލެވޭ ބާވަތްތައް ކެވޭނެއެވެ. އަދި، ޕެރެސެޓްމޯލް ބޭނުންކުރެވޭނެއެވެ. 24 ގަޑިއިރުގެ ތެރޭގައި ހަތަރު ފަހަރަށް ވުރެ ގިނައިން ޕެރެސެޓްމޯލް ބޭނުންކޮށްގެން ނުވާނެއެވެ. އަދި، މިއީ ހަމައެކަނި ހުޅުތަކާއި މަސްތަކުގެ ތަދު ފިލުވުމަށް ދޭ ފަރުވާއެކެވެ.

އިތުރު ކަންކަން:

މިހާރު ފެތުރެމުންދާ ހުމަކީ މަދިރީގެ ޒަރީއާއިން ޖެހޭ އެއްޗެއްކަމަށް ބެލެވޭއިރު، އަމިއްލަ ފަރުދީ ޒިންމާ އަދާކޮށް، ފެން ހަރުލާގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ނައްތާލަން ޖެހެއެވެ. އަދި، ފެން ހަރުލާފަދަ ތަންތަން ރަނގަޅަށް ސާފުކުރަން ޖެހެއެވެ. އެއީ، ފެނާ ނުލައިވެސް މަދިރީގެ ބިސް، ހަ މަހާއި- އެއް އަހަރު ވަންދެން ދެމި ހުންނާތީއެވެ.

ހަމައެހެންމެ، މަދިރި ގިނައިން އުޅޭ ވަގުތު ބޭރަށް ދިޔުން މަދުކޮށް، ހަށިގަނޑު ނިވާވާފަދަ ދޫ އަދި މަޑު ކުލައެއްގެ ހެދުމެއް ލާށެވެ. އަދި، މަދިރި ދުންދަނޑި، މަދިރިގެ އަދި މަދިރި ލޯޝަން ބޭނުންކުރާށެވެ. ތުއްތު ކުދިން މަދިރިން ސަލާމަތްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ވާނެއެވެ.

މައުލޫމާތު: އެޗް.ޕީ.އޭ، ރެޑް ކްރެސެންޓް އަދި ޑަބްލިޔު.އެޗް.އޯ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާޅު

    ހުޅުމާލެ ހޮސްޕިޓަލް ގޯތި ތެރޭގައި ވަރަށް ބޮޑު ހެންގަނޑެއް އޮވޭ އަދި ވަރަށް ގިނަ މަދިރި އެތަނުން އުދުހޭތަން ފެނޭ މިކަމަށް ހައްލެއް ހޯދައި ދޭނީ ކޮން ފަރާތަކުން ތޮ!