ބޮލީވުޑުގެ ޑުރަގު މައްސަލައިގައި މަޝްހޫރު އެކްޓަރ އަރުޖުން ރާމްޕާލްގެ ގެ ބަލައި ފާސްކުރުމަށްފަހު އެ ގެއިން މަސްތުވާތަކެތި ފެނުމުން އޭނާ އެންސީބީއަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް މި ވަނީ ކޮށްފައެވެ..

މި މައްސަލައިގެ ތަހުގީގަށް އަރުޖުން އިއްޔެ އެންސީބީއަށް ހާޟިރުވިއިރު މި ތަހުގީގުގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ވަނީ ހަތް ގަޑިއިރު ވަންދެން އަރުޖުން ރާމްޕާލްއާއި ސުވާލު ކޮށްފައެވެ.

ތަހުގީގަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން އަރުޖުން ބުނެފައިވަނީ ޑުރަގުގެ މައްސަލައާއި އޭނާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާގެ ގެއިން ފެނުނު ތަކެއްޗަކީ އޭނާ ޑޮކްޓަރަށް ދައްކައި ޑޮކްޓަރު އޭނާއަށް ދީފައިވާ ބޭސްތަކެއް ކަމަށެވެ. ޑޮކްޓަރު ދެއްވި ބޭސް ސިޓީ މިހާރު ވާނީ އެންސީބީއާއި ހަވާލު ކޮށްފައި ކަމަށް ވެސް އަރުޖުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އަރުޖުން ރާމްޕާލް ބުނެފައިވަނީ އެންސީބީގެ އޮފިޝަލުން ވެސް އެ މީހުންގެ މަސައްކަތް ވަރަށް ރަނގަޅަށް އަދާ ކުރާކަމަށާއި އަދި އޭނާގެ އެއްބާރުލުން އެންމެ ފުރިހަމައަށް ދޭނެ ކަމަށެވެ.

އުމުރުން 47 އަހަރުގެ އެކްޓަރ އަރުޖުން ރާމްޕަލް އެންސީބީއަށް ހާޟިރުވެފައިވަނީ ހުކުރު ދުވަހުގެ މެންދުރު 11 ޖަހާއިިރުއެވެ. އަދި އޭނާގެ ތަހުގީގު ނިމިގެން އެންސީބީއިން ނިކުމެފައިވަނީ އިރުއޮއްސި 6 ޖަހާކަށްހާއިރެވެ.

ޑުރަގު މައްސަލައާއި ގުޅިގެން އަރުޖުން ރާމްޕާލްގެ ލޯބިވެރިޔާ ގެބްރިއެއްލާ ޑެމެޓްރިއޭޑްސް ވެސް ވަނީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެންސީބީއަށް ހާޟިރުކޮށް ސުވާލު ކޮށްފައެެވެ. އަދި އަރުޖުންގެ ރަހުމަތްތެރިޔާ ޕައުލް ބާޓެލް ވެސް ވަނީ ޑުރަގު މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައެވެ.