ލޮނުފެން ބުއިމަކީ ހަށިގަނޑުން ވިހަ މާއްދާ ބޭރުކޮށްދޭ ކަމެއް ކަމަށާއި ހަކަތަ އިތުރުކޮށްދޭ ކަމެއް ކަމަށް މާސްމީޑިޔާގައި އިހަކަށް ދުވަހު ދައުރުވިއެވެ. މީގެ އިތުރުން އަންހެނަކުވަނީ ހަފްތާއެއް ވަންދެން ލޮނުފެން ބޮއި މުގެ ސަބަބުން އޭނާއަށް ނިދުމަށް ފަސޭހަތަކެއް ވާކަމަށް ބުނެފައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކީ ތެދެއް ނޫނެވެ.

މަޝްހޫރު ނިއުޓްރިޝަނިސްޓެއް ކަމަށްވާ ހާލޭ ސްޓްރީޓްވަނީ މިވާހަކަތަކަށް ރައްދު ދީފައެވެ. މިގޮތުން ހާލޭ ބުނެފައިވަނީ ދިރާސާތަކުން ލޮނު ބޭނުން ކުރުމުގެ ސަބަބުން ލޭ ދައުރު ވުމަށް ފަސޭހަތަކެއް ކުރިމަތި ކުރުވާކަން އެގުނު ކަމުގައި ވިޔަސް މީގެ އިތުރުން ދެން ބުނާ ކަންތައްތަކަކީ އެއްވެސް ދިރާސާއަކުން ހާމަވެފައިވާ ކަމެއް ނޫންކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ ލޮނު އެ ބޭނުން ކުރަންޖެހޭ ވަރަށް ވުރެ އިތުރުން ބޭނުންކޮށްފިނަމަ ލޭގެ ޕުރެޝަރު މަތިވާނެ ކަމަށެވެ.

ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް އެހީތެރިވާ ކަމަށްބުނި ބުނުމަށް ރައްދުދީ ހާލޭ ބުނެފައިވަނީ މިއީ އެއްވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން ކަމަށާއި ލޮނު ފެނުން ފައިދާ އެއް ކުރާނަމަ އެފައިދާއެއް ކުރަނީ ލޮނުފެނުގައި ހިމެނޭ ފެނުގެ އިންސައްތަ އިން ކަމަށެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނައިން ލޮނު ބޭނުން ކުރުމަކީ ކިޑްނީ މައްސަލަތަކާއި ސުޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެކެވެ. މިހެންކަމުން ލޮނުފެން ބުއިމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެއް ނޫނެވެ.