އޮންލައިންކޮށް ތަކެތި ވިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އެމަސަންގެ މުވައްޒަފުންތަކެއް 5.9 ލައްކަ ޑޮލަރު (9 މިލިއަން ރުފިޔާ)ގެ އައިފޯން ވަގަށް ނަގައިފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެމަޒަންގެ މުވައްޒަފުން އައިފޯންތައް ވަގަށް ނެގީ ސްޕޭންގެ ވެރިރަށް މެޑްރިޑްގައި ހުންނަ އެމަޒަންގެ ލޮޖިސްޓިކްސް ސެންޓަރަކުންނެވެ. ވައްކަން ކުރި މުވައްޒަފުންނަކީ މިސެންޓަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނެވެ.

ފޯނުތައް ވަގަށްނެގި މައްސަލައިގައި މިހާރު ވަނީ ފަސް މުވައްޒަފުން ހައްޔަރު ކޮށްފައެވެ. މުވައްޒަފުންތައް ހައްޔަރު ކުރީ އެމަޒަންގެ އިންޓާނަލް ތަޙްޤީޤެއްގައި އެމުވައްޒަފުން ވައްކަން ކުރިކަން ސާބިތުވުމުން އެމަޒަން އިން ފުލުހުންނަށް އެމައްސަލަ ހުށަހަޅައިގެންނެވެ.

މިވައްކަން ފަޅައި އެރުމުގެ ކުރިން ފުރަތަމަ ފާހަގަ ކުރެވުނީ ކަސްޓަމަރުން ގަންނަ ފޯނު އެމީހުންނަށް ލިބޭ އިރު ފޯނުގެ ބަދަލުގައި ބޭނުން ނުކުރެވޭ ކޮންމެވެސް އެހެން އެއްޗެއް ފޯނު ފޮށިގަނޑުގެ ތެރެއަށް ލާފައި އޮންނަކަމެވެ. އެއީ ކޮންބަޔަކު ކުރާކަމެއް ކަން ދެނެގަންނަން އެމަޒަން އިން ވަނީ ފޯނު ފޮށިގަނޑުގެ ތެރޭގައި ކުޑަ ކެމެރާއެއް ހަރުކޮށްފައެވެ. ވަގުންތައް އަތުލައި ގަތީ ކެމެރާއަށް ރެކޯޑް ކުރެވުނު މަންޒަރުތައް ބަލައިގެންނެވެ.

ވައްކަން ފަޅައި އެރުމާއިއެކު އެމީހުންގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ ކުރިން އެމަޒަން އިން ވަނީ އެމީހުން ވަޒީފާ އިން ވަކިކޮށްފައެވެ.

މިއަހަރު އަލަށް ނެރުނު މޮޑެލްތަކުގެ އައިފޯން ވަަގަށްނަގަން މަސައްކަތް ކުރުމުގެ އިތުރު ހާދިސާތައް ވެސް ހިނގަމުން އެބަދެއެވެ. މިއަހަރު ހިނގި އައިފޯން އާއި ގުޅުން ހުރި އެންމެ ބޮޑު ވައްކަމަކީ އެމްސްޓަޑަމްގެ ޝިޕްލޯ އެއާޕޯޓުން މެއި މަހު ބައި މިލިއަން ޔޫރޯގެ އައިފޯން ވަގަށް ނެގި ހާދިސާއެވެ.