2000ގެ އަހަރުތަކުގެ ތެރޭގައި އެކްތާ ކަޕޫރުގެ ކަސޯޓީ ޒިންދަގީއަށް ބޮޑު ތަރުޚީބެއް ލިބިފައިވެއެވެ. އެހެންކަމުން ކަސޯޓީގެ ދެވަނަ ބައިވެސް ފެށީ ވަރަށް އުންމީދާއި އެކުގައެވެ. އެ ތަރުޚީބު ދަމަހައްޓަން ކަސޯޓީ ޒިންދަގީކީ 2 އަށް ނުކުޅެދުނު ނަމަވެސް އެ ޝޯވެސް ހިމެނުނީ ޓީއާރުޕީ ލިސްޓުގެ ކުރީގައިކަން ފާހަގަކޮށްލެވެއެވެ.

މި ޝޯގެ ޝޫޓިން ސެޕްޓެމްބަރު މަހު ނިންމާލި އިރު އެ ދުވަހު ހުރިހާ ތަރިންނަށް ހެން ރޮވުނު ކަމަށް ޝޯގައި އަނޫރާގް ބާސޫގެ ރޯލް އަދާ ކުރި ޕާރތް ސަމަތަން ވަނީ ބުނެފައެެވެ. އެމްޓީވީ އިން ގެނެސްދޭ ޝޯއެއްގައި ވާހަކަދައްކަމުން އޭނާ ބުނީ ކަސޯޓީ ނިމުމުން ހީވީ ގައިން ބައެއް އުނިވިހެން ކަމަށެވެ.

އަދި ފޭނުން ކަސޯޓީ މަތިން ހަނދާންވާ ފަދައިން ތަރިންވެސް ދެރަވާ އެތައް ކަމެއް ހުރިކަމަށް އޭނާ ހާމަކުރިއެވެ.

" ވަރަށް ހަމަޖެހިގެން އެންމެން ތިބީ. ތިބެފަ އެރިކާ ފެންކަޅި ވެފައި ހުރިތަން ފެނުނީމަ މަށަށްވެސް ރޮވޭގޮތްވި. އިރުކޮޅަކުން ފެނުނީ އެންމެން ރޯތަން. ވަރަށް އާއިލާ އެއް ގޮތަށް އުޅުނީ. ދެރަވި އެހާ އަވަހަށް ވަކިވާން ޖެހުނީމަ. ހީކޮށްގެން ހުރީ އިތުރު 2 އަހަރު ވަރު ހުރެވޭނެ ކަމަށް އެ އާއިލާ އާއި އެކު." ޕާރތް ބުންޏެވެ

ޕްރޭނާގެ ރޯލުން ފެންނަ އެރިކާ ފެނާންޑޭޒް ވަނީ ބަތަލާ ޕޫޖާ މެނެރްޖީ އާއި އެކު ރީތި ފޮޓޯއެއް ހިއްސާކޮށް މީގެ ކުރިން އެ ޓީމު މަތިން ހަނދާން ވާނެ ކަމަށް ބުނެ ބޮޑު ޕޯސްޓެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އަދި ޕާރތް ވަނީ ލޯބިން ފުރިގެންވާ ނޯޓެއް އާއްމުންނާއި ހަމައަށް ދޫކޮށްލާފައެެވެ.

ޕާތް ބުނީ އެހާ ރީތި ސީރީޒްއެއްގައި މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށެވެ. އެ ސީރީސްއިން އިން ފެނިގެން ދިޔަ ސާހިލް އާނަންދުވެސް ވަނީ ޚާއްސަ މެސެޖެއް ހިއްސާކޮށްފައެވެ. އޭނާ ބުނީ މި ޕްރޮޖެކްޓަކީ އުފަލާ މަޖަލުގެ ތެރެއިން ވަރަށް ގިނަ ކަންކަން ދަސްވި ޕްރޮޖެކްޓެއް ކަމަށެވެ.

ކަސޯޓީ 2 ނިންމާލީ އަވަސް އަރުވާލައިގެން ކަމަށް ފޭނުން ބުނެފައި ވާއިރު މިދިޔަ ހަފްތާގައި ފޭނަކު ނެގި ޕޯލްއެއްގައި ކަސޯޓީ އަނބުރާ ސްކްރީނަށް ގެންނަން ބޭނުންކަމަށް އެތައް ހާސް ބަޔަކު ވަނީ ބުނެފައެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހިންދީ ޑްރާމާ ސީރީޒް "ކަސައުޓީ ޒިންދަކީ ކޭ" ގެ ސީޒަން ދޭއް ފެށީ 2018 ވަަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ކަސޯޓީ ޒިންދަކީ ކޭ ސިލްސިލާގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށެވެ. އެ މުއްދަތުގައި 1423 އެޕިސޯޑު ދައްކާފައިވެއެވެެ.