މި އަހަރުގެ އޮކްޓޯބަރު މަގުގެ 13 ވަނަ ދުވަހު އެޕަލް އިން ވަނީ އައިފޯން 12 ދައްކާލާފައެެވެ. އެތައް ބަޔަކު އެ ފޯނު ގަންނަން ބޭނުންވެގެން އުޅޭއިރު، ފޯނުގެ އަގުބޮޑު ވާހަކަ އިންތިހާއަށް ދައްކަމުން ދެއެވެ.

މިގޮތަށް ވާހަކަދައްކަމުންދާ ބައެއް ފަރާތްތަކުން ތަފާތު މީމްތަކާއި ޖޯކްތައް ހަދައިގެން ވާހަކަދައްކާފައިވާއިރު، އައިފޯނެއް ގެތުމަށް ވަގަަށް ފައިސާ ނެގުމާއި، ކިޑްނީ ވިއްކާލުން ފަދަ ކަންކަމަކީ މިއީ ހަމަ ގިނަބަޔަކު ޖޯކަކަށް ނަމަވެސް ދައްކާ ވާހަކަތަކެވެ.

އެހެން ނަމަވެސް އެޕަލްގެ އުފެއްދުންތައް ގަތުމަށް މީގެ އަހަރުތަކެއް ކުރިން ކިޑްނީ ވިއްކާލި މީހަކު އެބަ އުޅެއެވެ. އެއީ އުމުރުން 25 އަހަރުގެ ޗައިނާއަށް ނިސްބަތްވާ ޒުވާނެކެވެ.

ވަންގ ޝަންގކޫ ނަމަކަށް ކިޔާ އެ ޒުވާނާ ވަނީ 2011 ވަނަ އަހަރު އެޕަލްގެ ދެ ޑިވައިސް ގަތުމަށް ކިޑްނީ ވިއްކާލާފައެވެ.

ވަންގ އޭނާ ކިޑްނީ ވިއްކާލިއިރު އުމުރަކީ 17 އަހަރެވެ. އޭނާ އެ ކިޑްނީ ކަޅު ބާޒާރުގައި ވިއްކާލީ 3273 ޑޮލަރަށެވެ. އޭނާ ކިޑްނީ ވިއްކާލުމަށްފަހު ލިބުނު ފައިސާއިން ގަތީ އައިފޯން ހަތަރަކާއި އައިޕެޑް 2 އެއް ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

މީީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ފޯނަކަށް ބޭނުންވެފައި ހުރި ވަރުން، އޮންލައިން ޗެޓްރޫމެއްގެ ތެރޭގައި ކިޑްނީ އެއް ބޭނުން ވެގެން ދެއްކި ވާހަކަތަކަށް ޖަވާބު ދެވުނީއެވެ. އޭނާ ކައިރީގައި ކިޑްނީ ވިއްކާލައިފިނަމަ 3000 ޑޮލަރު ނުވަތަ 20،000 ޔުއާން ދޭނެ ކަަަމަށް ބުނެފައި ވެއެވެ.

މިއާއެކު ގާނޫނާ ހިލާފަށް ހުނާން ޕްރޮވިންސްގައި އޮޕަރޭޝަނެއްކޮށް އޭނާގެ ކަނާތު ކިޑްނީ ނެގި އެވެ.

އެއީ މީގެ ނުވަ އަހަރު ކުރިއެވެ. މިހާރު އޭނާގެ ހާލަތު ވަރަށް ގޯހެވެ. މިހާރު އޭނާގެ ދެވަނަ ކިންޑީ ފެއިލްވެ ޑައިލަސިސް ހަދަން ޖެހެއެވެ. އަދި އޭނާ އެ އޮންނަނީ އެެނދުތި ވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ސާޖަރީއަށްފަހު އޭނާގެ ދެވަނަ ކިޑްނީގައި އިންފެކްޝަން ހެދުނީ އެވެ. އަހަރުތަކެއް ފަހުން އޭނާގެ ހާލު ގޯސްވާން ފެށިއެވެ. އަދި އޭނާއަށް އެނދުމަތިން ތެދެވޭގޮތް ނުވާ ވަރު ވިއެވެ. އަދި އޭނާއަށް ޑަޔަލިސިސް ހަދަން ޖެހެނީ ލޭގައި ހިމެނޭ ޓޮކްސިންސްތައް ސާފް ކުރުމަށެވެ.

އެންޕީއާރްގެ ރިޕޯޓެއް ބުނެފައިވާގޮތުގައި، ވެންގގެ މަންމައަށް އެ ސާޖަރީއަށްފަހު އޭނާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އެނގުނެވެ. ޤާނޫނާއި ހިލާފަށް ވެންގގެ ކިޑްނީ ވިއްކާލި މައްސަލާގައި ނުވަ މީހަކު ހައްޔަރުވެސް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު