ރައީސް މައުމޫންގެ "ފޮޓޯފުޅަކަށް އިހާނެތިކޮށް ހިތި މީހުންނަށް" ރައީސް މައުމޫންގެ ވެރިކަމުގައި އަދަބު ދިނެވެ. ނަމަވެސް މިފަހަރު މިއޮތީ ރާއްޖޭގެ ވާހަކައެއް ނޫނެވެ.

ތުރުކަމިނިސްތާންގެ އާންމު ފާހާނާއެއްގައި ނަޖިސް ފުހެން އެގައުމުގެ ރައީސްގެ ފޮޓޯ ޖެހި ނޫސްކަރުދާސްތަކެއް ބޭނުން ކުރި މައްސަލަ އެގައުމުގެ ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި އިންސާނުންގެ ނަޖިސް ފުހެން ބޭނުން ކުރި ގިނަ އަދަދެއްގެ ނޫސް ކަރުދާސް ފުލުހުން މިހާރު ވަނީ ހޯދާފައެވެ. އަދި އެކަން ކުރުމަށް ތައްޔާރުކޮށްފައި ހުރި ގިނަ އަދަދެއްގެ ނޫސް ކަރުދާސް ވެސް މިހާރު ވަނީ ހޯދާފައެވެ. އެހުރިހާ ނޫސްކަރުދާހެއްގައި ވެސް ތުރުކަމިނިސްތާން ރައީސްގެ ފޮޓޯ ހުއްޓެވެ.

ތުރުކަމިނިސްތާން ފުލުހުން ބުނާ ގޮތުގައި މިމައްސަލަ ތަޙްޤީޤު ކުރަމުން ދަނީ މިއީ ރައީސްގެ ތަސައްވަރު ހުތުރު ކުރަން ބަޔަކު ކޮށްފައިވާ ކަމަކަށް ވާތީއެވެ.

ތުރުކަމިނިސްތާން ރައީސް ބާޑިމުހަމެޑޯވް އަށް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެއީ އެގައުމުގެ އިޤުތިޞާދަށް ފަހަކަށް އައިސް ގިނަ މައްސަލަތަކެއް ދިމާވެ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، ތަކެތީގެ އަގު އުފުލެމުންދާތީއެވެ.

މީގެ ކުރިން ވެސް ތުރުކަމިނިސްތާން ރައީސް ބާޑިމުހަމެޑޯވްގެ ތަސައްވަރު ކިލަނބުކުރަން އުޅެގެން ކަމަށް ބުނެ ގިނަ ބަޔަކު އެގައުމުން ހައްޔަރު ކޮށްފައި ވެއެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު