ބާސެލޯނާގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯ އެއް ވަގުތެއްގައި ދެއަންހެނުންނާއި ކައިވެނި ކުރުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯ ކައިވެނި ކުރުމަށް ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރ މަހުން ފެށިގެން އޭނާގެ ގޭގައި އޭނާ އާއި އެއްކޮށް ދިރިއުޅެމުން ދިޔަ ދެއަންހެނުންނާއި އެވެ. މީގެ ތެރެއިން އެއް އަންހެނެއް ކަމަށްވާ ޕްރޮސްސިލާ އާއި ރޮނާލްޑީނޯ ލޯބީގެ ގުޅުން ބާއްވަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އޭނާގެ ވާން އުޅޭ ދެވަނަ އަނބިމީހާ ކަމަށްވާ ސޮއުޒާ އާއި ރޮނާލްޑީނީއޯގެ ގުޅުމަށް އަދިވީ ހައެއްކަ މަސް ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯ ގެންދަނީ ވާންއުޅޭ ދެއަނބިންނަށްވެސް އެއް ވަރަކަށް ހުރިހާ ކަމެއް ވެސް ކޮށްދެމުންނެވެ. ހަދިޔާއެއް ގަންނަ އިރު ވެސް ދެމީހުންނަށް އެއްވައްތަރުގެ އެއް އަގެއްގެ ދެހަދިޔާ މިހާރު އޭނާ ގަންނަ ކަމަށް ވެއެވެ. ދާދިފަހުން ރޮނާލްޑީނިއޯ ޖަޕާނަށް ކުރި ދަތުރެއްގައި ވެސް މިދެއަންހެނުން ވަނީ ބައިވެރިކޮށްފައެވެ. ރޮނާލްޑީނިއޯ މީސް މީޑިއާގައި އާންމު ކުރި އެދަތުރުގެ ވީޑިއޯތަކުން ވެސް މިދެއަންހެނުން ފެނެއެވެ.

ރޮނާލްޑީނިއޯ މިދެމީހުންނާއި އެންގޭޖްވީ މިދިޔަ ޖަނަވަރީ މަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑީނިއޯގެ ވާން އުޅޭ ދެއަނބިންނަކީ ވެސް ކުރިން ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުނު ދެމީހުންނެވެ.

ފުލުމިނެންސް އަށް 2015 ވަނަ އަހަރު ކުޅުނު ފަހުން ރޮނާލްޑީނިއޯ ޕްރޮފެޝަނަލް ފުޓްބޯޅައެއް ނުކުޅެއެވެ. ނަަމަވެސް އޭނާ ރިޓަޔާ ކުރިކަން އިއުލާން ކުރީ މިއަހަރުގެ ޖަނަވަރީ މަހު އެވެ. ރޮނާލްޑީއޯގެ އުމުރުން މިހާރު 38 އަހަރު ވެއްޖެއެވެ.