ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އަސަރު ނުކުރާ ވިޔަފާރިއެއް ގެއްލުން ނުލިބޭ އިގްތިސާދެއް މަދުވާނެ އެވެ. މިލިއަނަކަށް ވުރެ ގިނަ މީހުންގެ ފުރާނަ މި ބަލީގެ ސަބަބުން ގޮސްފައިވާއިރު އެތައް މިލިއަން މީހުން މިހާރުވެސް ދަނީ ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް ގޮސް ދުނިޔޭގެ ޤައުމުތަކުގައި އެތައް މަހެއް ވަންދެން ފުރަބަންދު ކޮށްފައި އޮތުމުގެ ސަބަބުން ޤައުމުތަކުގެ އިގްތިސާދު ދަށްވެ ހުރިހާ ފަންތިއެއްގެ ވިޔަފާރިއަކަށް ވެސް އަސަރު ކޮށްފައި ވެއެވެ.

އެގޮތުން މިއުޒިކް ދާއިރާގައި އުޅޭ ފަންނާނުންނަށްވެސް މި ގެއްލުމާއި ކުރިމަތިލާން ޖެހުނެވެ.

މިއުޒިކް ދާއިރާގެ ކަންކަން ހިމަނައިގެން އިނގިރޭސިވިލާތުން ނެރުނު މިއުޒިކް ރިޕޯޓުގައި ބުނެފައި ވަނީ ކޮންސާޓް ތަކާއި ފެސްޓިވަލްތަކުގެ އިތުރުން ލައިވް މިއުޒިކް އިވެންޓުތައް ނުބޭއްވުމުގެ ސަބަބުން މިއުޒިކް އިންޑަސްޓްރީ 85 އިންސައްތަ ދަށަށް މިއަހަރު ވެއްޓިފައިވާ ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން އެޤައުމުގައި މިއުޒިކް ސިނާއަތުގައި މަސައްކަތް ކުރާ އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލުމާއި ވަނީ ކައިރި ވެފައެވެ.

ޔޫކޭ މިއުޒިކް އިން ބުނާ ގޮތުގައި ފާއިތުވި 2019 ވަނަ އަހަރު މިއުޒިކް ދާއިރާއިން އެޤައުމުގެ އިގްތިސާދަށް 5.8 ބިލިއަން ޕައުންޑު ވަދެފައި ވެއެވެ. ކޮވިޑަ-19އާ ގުޅިގެން ޝޯތައް ނުބޭއްވުމާއި އޯޑިއަންސް ހޯދަން އުނދަގޫވުމުގެ ސަބަބުން ލަވަކިއުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް 65 އިންސައްތައިގެ ގެއްލުން ލިބިފައިވާކަމަށް ޔޫކޭ މިއުޒިކް އިން ހާމަކުރި އެވެ. އަދި އެފަރާތުން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމުން މިއުޒިކް ދާއިރާގެ އެކި ފަރާތްތަކަށް ލިބުނު ގެއްލުމުން އަރައިގަނެވޭނެ ކަމަށެވެ.

އިންގިރޭސިވިލާތުގެ މިއުޒިކް ދާއިރާއަށް ލިބުނު ގެއްލުމާއި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ވަނީ ފަށައިފައެވެ. މިއުޒިކް ދާއިރާއިން ލިބޭ އާމްދަނީއަށް ބަރޯސާ ވެގެން ދިރިއުޅޭ އެތައް މިއުޒިޝަނުންނެއް އުޅޭ އިރު އެފަދަ ފަރާތްތަކަށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްތައް ވެގެންދާނީ ވަރަށް ދަތި އަދި އެހާމެ އުނދަގޫ ދުވަސްތަކަކަށެވެ.

މިއުޒިކް ދާއިރާގެ އިތުރުން އެކިކަހަލަ އާޓް ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މި ދުވަސްކޮޅު ވެގެންދާނީ ދަތި ދުވަސްކޮޅެއްގެ ގޮތުގައި އެވެ. ކޮވިޑް-19 އާ ގުޅިގެން އެތައް މަހެއް ވަންދެން ފުރަބަންދުކޮށްފައި އޮތްއިރު އެ ދުވަސްތަކުގައި ކުރަންޖެހޭ ގިނަ ކަންތައްތައް ނުކުރެވި އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހިފައި ވެއެވެ. އަދި ސަރުކާރުތަކުން އެފަދަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އިނާޔަތެއް ދިން ކަމުގައި ވިޔަސް އެއީ ދާއިމަށް ކުރެވެން އޮތް ކަމެއް ނޫންކަން ބައެއް ފަރާތްތަކުން ހާމަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު