އެމެރިކާގެ އެންމެ އުތުރަށް އޮންނަ އަލަސްކާގެ އަވަށަކަށް ކުރިއަށް އޮތް ދެމަސް ދުވަހު އެއްވެސް ވަރަކަށް އިރު ނުފެންނާނެ ކަމަށް މޫސުން ލަފާކުރާ އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.

އަލަސްކާގެ "ބަރޯ" ނަމަކަށް ކިޔާ އަވަށުގައި ބައެއް ދުވަސްވަރު ރޭގަނޑު ނުވަތަ ބައެއް ދުވަސްވަރު ދުވާލު ދިގުވެގެން ދިއުން އެއީ އާއްމު ކަމެކެވެ. ނަމަވެސް އެއްވެސް ވަރަކަށް ދުވާލުނުވެ، ނުވަތަ އިރުގެ އަލިކަން ނުލިބި ދެމަސް ދުވަހުގެ މުއްދަތެއް ތަޖުރިބާކާރަން މިއަވަށުގެ މީހުންނަށް މިޖެހެނީ ފާއިތުވި 60 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރެވެ.

"ކޮންމެ ފިނި މޫސުމެއްގައި ވެސް މިއަށަށް ރޭގަނޑުގެ ވަގުތުތައް ދިގުވެގެންދޭ. ނަމަވެސް އިރު ނުފެނި ދެމަސް ދުވަސް ވުން މިއީ އަޅުގަނޑުމެންގެ ހަނދާނުގައި ފުރަތަމަ ފަހަރަށް ކުރަން ޖެހޭ ތަޖުރިބާއެއް." އަވަށުގެ ޒުވާނަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ކުރިއަށް އޮތް ދެމަސް ދުވަހު މިއަވަށަށް އިރު ނުފެނު ނަމަވެސް ހުރިހާ ވަގުތެއްގައި އަވަށް އޮންނާނީ އަނދިރި ވެފައެއް ނޫނެވެ. ބައެއް ވަގުތުތަކުގައި ފަތިސް ވަގުތު އޮންނަ ވަރުގެ މަޑު އަލިކަމެއް އަށަށަށް ލިބޭނެ ކަމަށް އޮފިޝަލުން ބުންޏެވެ.

"ޖަނަވަރީ މަހުގެ 22 ވަނަ ދުވަހާއި ހަމައަށް މިއަވަށަށް އިރެއް ނުފެންނާނެ. ނަމަވެސް އިރު އެރުމުގެ ކުރިން ފަތިސް ވަގުތު އޮންނަ ވަރުގެ ކުޑަ އަލިކަމެއް ބައެއް ވަގުތުތަކުގައި ލިބޭނެ." އޮފިޝަލަކު ވިދާޅުވިއެވެ.

މިއަށަށް ހޫނު މޫސުމުގައި ދުވާލުގެ ވަގުތުތައް ވަރަށް ބޮޑަށް ދިގު ވެގެން ދެއެވެ.

އަލަސްކާގެ މިއަވަށް ނޫނަސް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ އަވަށްތަކަށް ވެސް ބައެއް މޫސުންތަކުގައި ރޭގަނޑުގެ ވަގުތުތައް އަދި ބައެއް މޫސުންތަކުގައި ދުވާލުގެ ވަގުތުތައް ދިގު ދެމިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝިޔާމް

    ސޫރަތުލް ގަޞަޞްގެ 71، 72 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ أَرَأَيْتُمْ إِن جَعَلَ اللَّـهُ عَلَيْكُمُ اللَّيْلَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَـٰهٌ غَيْرُ اللَّـهِ يَأْتِيكُم بِضِيَاءٍ ۖ أَفَلَا تَسْمَعُونَ ﴿٧١﴾ قُلْ أَرَأَيْتُمْ إِن جَعَلَ اللَّـهُ عَلَيْكُمُ النَّهَارَ سَرْمَدًا إِلَىٰ يَوْمِ الْقِيَامَةِ مَنْ إِلَـٰهٌ غَيْرُ اللَّـهِ يَأْتِيكُم بِلَيْلٍ تَسْكُنُونَ فِيهِ ۖ أَفَلَا تُبْصِرُونَ ﴿٧٢﴾ ) މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިީހުންނަށް ނީވެނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ދުވާލު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުން އަރާމުކުރަން ތިބޭނޭ ރޭގަނޑެއް ތިޔަބައިމީހުންނަށް ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟”

    56
  2. ޟިސހދޖ

    މިއައްވުރެން ގިނަ ދުވަސް އިރުނާރާ ސިޓީ ތައް ހުރޭ

    4
    6