އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގ އާއި އޭނާގެ ފިރިމީހާ ހާސް ލިމްބަޗިޔާ އެންސީބީއަށް ހާޒިރުކޮށްފިއެވެ. އެ މީހުން އެންސީބީއަށް ހާޒިރުކޮށްފައި ވަނީ، އެ މީހުން ދިރިއުޅެމުންދާ ގެ ބަލާ ފާސް ކުރުމުގެ ތެރެއިން އެ ގެއިން ކެނެބިސް އެތިކޮޅެއް ފެނިގެންނެވެ.

އެ މީހުން އެގެއިން ނެރެގެން ގެންދާތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީޑިއާތަކުން ވަނީ ނަގާފައެވެ. އޭގެން ފެންނަނީ ހާޝް އެންސީބީގެ ވޭނަށް އަރާ މަންޒަރެވެ. އަދި ބާރްތީ ރަތް ކުލައިގެ ކާރަކަށް އަރާ މަންޒަރެވެ.

ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވެފައި ވަނީ ސުޝަންތް ސިންގ ރާޖްޕުތްގެ ކުއްލި މަރަށްފަހު ފެށި ބޮޑު ތަހުގީގުންނެވެ.

މީގެ ކުރިން މި މަހުގެ ކުރީކޮޅު އަރްޖުން ރާމްޕަލްގެ ގެވެސް ބަލާ ފާސްކޮށް، އޭނާއާ ލޯބިވެރިޔާއާ އެންސީބީން ވަނީ ސުވާލުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަރްޖުންގެ ލޯބިވެރިޔާ އާ ދެ ދުވަސް މަތިން ސުވާލުކޮށްފައި ވެއެވެ. އަދި އަރްޖުން އާއި ހަ ގަޑިިއިރު ވަންދެން ސުވާލުކޮށްފައި ވެއެވެ. އަދި އަރްޖުން ވަނީ އެގެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޭނުން ކުރާ ބޭހަކާއި ގުޅުންހުރި މަސްތުވާތަކެތި ކަމަށް ބުނެފައެވެ.

މީގެ ކުރިންވެސް އެންސީބީން ވަނީ ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައެއްގައި ގިނަބަޔަކާއި ސުވާލުކޮށް، ބައެއް މީހުން ހައްޔަރުވެސްކޮށްފައެވެ.