އެމެރިކާ އަކީ ޑިމޮކްރަސީގެ ރީތި މިސާލުތައް ދުނިޔެއަށް އެންމެ ފުރިހަމައަށް ދައްކަމުން އައި އެއްގައުމުގެ ގޮތުގައި އޮތް އޮތުމަށް ބަދަލުވެ، އެންމެ ހުތުރުކޮށް ވެރިކަމުގެ ބާރުގަދަ ބަދަލު ކުރާ ގައުމަށް ވުމުގެ ކޮޅުމަތި މިހާރު ދަނީ ފެންނަމުންނެވެ.

އެންމެ ފަހުން މިހާރު ކުރިމަތިވެފައިވާ މައްސަލައަކީ އެމެރިކާ ރައީސްގެ ރަސްމީ ޓްވިޓާ އެކައުންޓް ކަމަށްވާ "ޕީއޯޓީޔޫއެސް" ޓްވިޓާ އެކައުންޓް ބައިޑެން ރައީސް ކަމުގެ ހުވާ ކުރުމުން ވެސް ހަވާލު ނުކުރާނެ ކަމަށް ޓްރަމްޕްގެ ޓީމުން ބުނާ މައްސަލައެވެ.

މިމައްސަލަ އަށް ޓްވިޓާ އިން މިހާރު މިވަނީ ވަދެފައެވެ. ޓްވިޓާ އިން ބުނީ އެމެރިކާ ރައީސް އަށް ހާއްސަ ޓްވިޓާ އެކައުންޓް ބައިޑެން ވެރިކަމާއި ހަވާލުވާ ދުވަހު "ޓްރަމްޕް އަތުން އަތުލުމަށްފަހު ބައިޑެން އާއި ހަވާލު ކުރާނަން" ކަމަށެވެ.

ޕީއޯޓީޔޫއެސް ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އެމެރިކާ ސަރުކާރުގެ ރަސްމީ އެކައުންޓެކެވެ. އެއީ އާއްމުކޮށް ޓްރަމްޕް ޓްވީޓް ކުރަމުން ގެންދާ "ރިއަލް ޑޮނަލްޑް ޓްރަމްޕް" އެކައުންޓެއް ނޫނެވެ. ވައިޓްހައުސްގައި ޕީއޯޓީޔޫއެސް އެކައުންޓްގެ އިތުރުން އިތުރު އެކައުންޓްތަކެއް ވެސް ހިމެނެއެވެ. އޭގެތެރޭގައި ފަސްޓްލޭޑީގެ ޚަބަރާއި މައުލޫމާތުތަކަށް ހާއްސަ އެކައުންޓަކާއި ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީއަށް ހާއްސަ ޓްވިޓާ އެކައުންޓެއް ވެސް ހިމެނެއެވެ.

ޓްރަމްޕް އާއި ޓްވިޓާއާ ދެމެދު އަބަދުވެސް އަރައިރުން ބޮޑެވެ. ހާއްސަކޮށް ޓްރަމްޕްގެ ޓްވީޓްތަކުގައި ސައްހަ ނޫން މައުލޫމާތުތައް ހިމަނާތީ އެކަން އަންގައިދޭ ނިޝާންތައް ޓްވިޓާ އިން ބޭނުން ކުރަން ފެށުމުން ޓްރަމްޕް ވަނީ އެތައް ފަހަރަކު ނުރުހުން ފާޅުކޮށްފައެވެ.