ޓެލެވިޜަން އިންޑަސްޓްރީގެ ބަތަލާ ލީނާ އަޗަރުޔާ މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ކިޑްނީ ފެއިލްވުމުގެ ސަބަބުން ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ކާމިޔާބު ޓީވީ ޑްރާމާތަކުގެ އިތުރަށް ލީނާ ވަނީ 2018 ވަނަ އަހަރު ސިދާތު މަލޯތުރާ ޑައިރެކްޓް ކޮށްފައިވާ ''ހިޗްކީ''ގައި ވެސް ރާނީ މުކަރްޖީއާއިއެކު މަސައްކަތް ކޮށްފައެވެ.

ލީނާ މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކަށް ރައްދުދެމުން ޒީ ޓީވީގެ މަޝްހޫރު ޑުރާމާ ''ސެތްޖީ''ގައި ލީނާގެ ދަރިއެއްގެ ރޯލު އަދާ ކޮށްފައިވާ ވާޝިޕް ކަންނާ ބުނެފައިވަނީ ލީނާ މަރުވެފައިވަނީ ކިޑްނީ ފެއިލް ވުމުގެ ސަބަބުން ކަމަށެވެ. ކިޑްނީގެ ބައްޔަށް ލީނާ ފަރުވާ ކުރާތާ ދޮޅު އަހަރުވެއްޖެ ކަމަށް ވެސް ވާޝިޕް ބުނެފައިވެއެވެ.

ލީނާގެ ކިޑްނީ ފެއިލް ވުމުން އޭނާގެ މަންމަގެ ކިޑްނީ އޭނާއަށް ދިން ނަމަވެސް ލީނާ މަރުން ސަލާމަތް ނުވި ކަމަށް ވެސް ވާޝިޕް އީ ޓައިމްސްއަށް ދިން އިންޓަވިއެއްގައި ބުނެފައިވެއެވެ.

2015 ވަނަ އަހަރުން ފެށިގެން ލީނާ އުޅެނީ ވަރަށް ބަލިވެ ކަމަށާއި އެއިރުން ފެށިގެން އޭނާ އުޅެމުން ދިޔައީ އެއް ކިޑްނީގެ އެހީގައި ކަމަށް ވެސް ވާޝިޕް ފާހަގަ ކޮށްފައިވެއެވެ.

ލީނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި ދަރިއެއްދެކެ ވާ ލޯބި އޭނާ ދެކެ ވާކަމަށާއި އަބަދުވެސް ލީނާ މަތިން ހަނދާން ވާނެ ކަމަށް ވާޝިޕް ބުނެފައިވެއެވެ.

ލީނާގެ މަރުގެ ހިތާމައިގައި ޓެލެވިޜަން އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކުން ދަނީ ބައިވެރިވަމުންނެވެ.

ލީނާ ވަނީ ''ސެތްޖީ''، ''އާޕްކީ އާޖާނޭސޭ''، ''މެރީ ހަނީކާރަކް ބީވީ''، ''ކްލާސް އޮފް 2020'' އަދި ފިލުމު ''ހިޗްކީ''ގައި މަސައްކަތް ކޮށްފައެވެ.