އިންޑިޔާގެ ފިލްމީތަރި ސަމަންތާ އަކްކިނެނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަށް އަތުވެއްޖެއެވެ.

ރާއްޖޭގައި ނަގާފައިވާ ރީތި ފޮޓޯތަކުން ސަމަންތާގެ އިންސްޓަގްރާމުގެ ފަޅުކަން ފިލުވަމުންދާ އިރު އޭނާ އާއެކު ރާއްޖެ އަށް އައީ އޭނާގެ އަލަތު ފިރިމީހާ ނަގާ ޗައިތަންޔާއެވެ. އާދީއްތަ ދުވަހު ސަމަންތާގެ އިންސްޓަގްރާމަށް ރާއްޖޭގައި ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ވަނީ ލައިފައެވެ. ފުރަބަންދަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަންނާނުންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

ފުރަބަންދަށް ފަހު ފާއިތުވި މަސްތަކުގައި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތް ކުރި ފަންނާނުންގެ ތެރޭގައި ކާޖަލް އަގްގަރްވާލް، ރަކުލް ޕުރީތު، ތާރާ ސުތާރިޔާ، ދިޝާ ޕްޓާނީ، ޓައިގާ ޝްރޮފްގެ އިތުރުން ނޭހާ ދޫޕިއާ ހިމެނެއެވެ.

ޓެލުގޫ ފިލްމުތަކާއި ޓަމިލް ފިލްމުތަކުން ފެނިގެންދާ 33 އަހަރުގެ ސަމަންތާ އަކީ ދަތުރުކުރުމަށް ލޯބިކުރާ މީހެއްކަން އޭނާގެ އިންސްޓަގްރާމަށް ބަލާލުމުން ފެނިގެން ދާނެއެވެ. އެހެން ތަރިންނާއި އެއްގޮތަށް ސަމަންތާ އަށްވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ފުރަބަންދާއި ގުޅިގެން ދަތުރުކުރުމަށް އުނދަގޫވިއިރު އޭނާ ވެސް ޗުއްޓީ ހޭދަކޮށްލަން މި އައީ ބަލިމަޑުކަމުގެ އަސަރު ދަށްވެ ރައްކާތެރިކަން އިހުސާސް ކުރެވުމުންކަން ޔަގީނެވެ.

ތޭރަ މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ ސަމަންތާގެ އިންސްޓަގްރާމަށް ލާފައިވާ އެއް ފޮޓޯގައި އޭނާ ހުރީ މޫދާ ދިމާލަށް ބަލައިގެންނެވެ. މި ފޮޓޯގައި ސަމަންތާ ހުރީ ފަތުރުވެރިން ލާފަދަ ދިގު ހެދުމެއް ލައިގެން ބޮލުގައި ތޮއްޕެއް އަޅައިގެން މޫދަށް ބަލައިގެންނެވެ.

އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލާފައިވާ ޓައިމްލެޕްސްގައި ރާއްޖެއަށް ޒިޔާރަތް ކުރަން އެއާޕޯޓުގައި ތިބިއިރުން ފެށިގެން ފްލައިޓް ރާއްޖޭގެ އެއާޕޯޓުގައި ޖެއްސުމާއި ހަމައަށް ނަގާފައިވާ ވީޑިއޯއެއް ލާފައި ހުއްޓެވެ. އަދި ރިސޯޓުގެ މަންޒަރުތަކާއި ކާން ތައްޔާރުކޮށްފައި ހުރި ތަކެތީގެ އިތުރުން ރޭގަނޑު ހިތްހަމަޖައްސާލަން ބީޗުގައި ހަދާފައި ހުރި ސިޓިން އޭރިޔާ ވެސް ވީޑިއޯ އިން ފެނިގެން ދެއެވެ.

އޭޕްރީލް 28، 1987 ގައި އިންޑިއާގެ ޓަމިލްނާޑޫގެ މަޑްރާސް އަށް އުފަންވި ސަމަންތާއަކީ ފިލްމު ކުޅުމުގެ އިތުރުން މޮޑެލްވެސް ކުރާ މީހެކެވެ. އެކްޓިން ދާއިރާއަށް 2010 ވަނަ އަހަރު ތަމަންނާ ވަން އިރު އޭނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ ޔޭ މާޔާ ޗީސޭވް ކިޔާ އިޝްގީ ފިލްމެކެވެ. އޭނާ ކުޅެފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި 2011 ވަނަ އަހަރު ކުޅުނު ދޫކުޑު، 2012 ވަނަ އަހަރު ކުޅުނު ޔެޓޯ ވެއްލެޕޮއިންދި މަނަސޫ، 2013 ވަނަ އަހަރު ކުޅުނު ސީތަމްމަ ވަކިލްޓޯ ސިރިމެއްލަ ޗެއްޓޫ އަދި އެ އަހަރު ކުޅުނު އައްޓަރިންޓިކި ދަރެޑި ހިމެނެއެވެ.

މީގެ އިތުރުން އިތުރު ފިލްމުތަކުންވެސް އޭނާ ފެނިގެން ގޮސްފައިވެއެވެ.

ސަމަންތާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ މިއަހަރު ނެރުނު ޖާނު ނަމަކަށް ކިޔާ ޓެލުގޫ ރޮމޭންޓިކް ޑްރާމާ ފިލްމެކެވެ. މި ފިލްމު ލިޔެ ޑައިރެކްޓު ކޮށްފައި ވަނީ ސީ. ޕްރެމް ކުމާރްއެވެ. މިއީ އޭނާގެ ކުރީގެ ފިލްމެއްގެ ރިމާކް އެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަޓީ ޗާއެވާލާ

    އަހަރުންނަށް ކޮން ބަލާއެއް ..އައިސްފަ ގޮސް ދާނެ އެއް ނު

    7
    11