އޮސްޓްރޭލިޔާގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ކޭބަލް ބީޗުގެ އެއްގަމާއި 30 މީޓަރު ދުރުން މިޔަރެއް މީހަކަށް ދިން ހަމަލާއެއްގައި އެ މީހާ މަރުވެއްޖެއެވެ.

އުމުރުން 55 އަހަރުގެ މީހަކު މޫދުގައި އޮއްވާ މިޔަރެއް އޭނާއަށް ހަމަލާ ދިނުމުން އެ ތަނުގައި ތިބި މީހުން އޭނާ ނެނގިއިރު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. ސިއްހީ ފަރާތްތަކުން އެ ސަރަހައްދަށް އައުމުގެ ކުރިން ފުލުހުން ވަނީ އޭނާއަށް ފަރުވާ ދީފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަވަސް ފަރުވާ ދިން ނަމަވެސް އެ މީހާގެ ފުރާނަ ސަލާމަތްވާ ގޮތެއް ނުވިއެވެ. ސިއްހީ ފަރާތްތަކުން އެތަނަށް އައުމުގެ ކުރިން އެ މީހާ މަރުވެފައިވަނީ އެ ބީޗުގައެވެ.

މި ހާދިސާ ހިނގިތާ ދޮޅުގަޑިއެއްހާއިރުފަހުން ވެސް އެ މިޔަރު އެއްގަމާއި ވަރަށް ކައިރީގައި އުޅުމުގެ ސަބަބުން ފުލުހުން އެއަށް ބަޑި ޖެހި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މިޔަރަކީ ކޮން ބާވަތެއްގެ މިޔަރެއް ނޭނގޭ ކަމަށާއި ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި އެއީ ''ޓައިގަރ ޝާކް''އެކެވެ. އަދި އެ ވައްތަރުގެ މިޔަރަކީ ވަރަށް ގިނަ ކުދި މަސްތައް ހޯދުމަށް އެއްގަމާއި ކައިރިއަށް އަންނަ ވައްތަރެއް ކަމަށް ވެސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވެއެވެ.

ކިމްބާރލީ ޑިސްޓްރިކްޓް އޮފީހުގެ ޕޮލިސް އިންސްޕެކްޓަރ ގެނެ ޕިއާސް ބުނެފައިވަނީ މި ހާދިސާގައި މަރުވި މީހާއަށް މިއަރު ހަމަލާދިން އިރު އޭނާ މޫދުގައި އޮތީ ގާތްގަނޑަކަށް އެއްގަމާއި 30 ނުވަތަ 40 މީޓަރު ކައިރީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ވަގުތުންބަޑި ޖަހާ މަރާލަންވީ. އިންސާނެއްގެ ފުރާނަޔަށް ވުރެން މިޔަރެއް މުހިންމެއް ނުވާނެ

    64
    2
  2. މާމިގިލީ މީހާ

    މިހާރު ރާއްޖޭގެ ކަނޑުތަކުގަ މަސްވެރިކަން ކުރެވޭ ވަރެއް ނޫން، މިޔަރުގެ ބަލާ ބޮޑުކަމުން. ބާނާ މަހުގެ ވެސް ލިބެނީ އެއްބައި.

    40
    1
  3. ހަސަނު

    މިއަރު ތަކާހެދި ރާއްޖޭގެ މަސްވެރިންނަށްވެސް އެތައް ދަތިތަކެއް ދިމާވޭ ފަރުމަހާއި ކަންނެލީގެ މަސްވެރިކަމުގައި 2މަހަކުން ތިންމަހަކުން އެކަތި މިޔަރު ކާލާ. މިދާގޮތަށް ދާނަމަ ދުވަސްކޮޅަކުން މިޔަރުތައް އެއްގަމަށް އަރާނެ މީހުން ކާލަން.

    20