(ދިހަވަނަ ބައި)

އަހްލާމް އިނީ އިސް ޖަހައިގެންނެވެ. އެހެނަސް އަހްލާމް ސިއްރު ސިއްރުން އަލީފްގެ މޫނާ ދިމާއަށް ވަށްކަޅިން އިރުއިރުކޮޅުން ބަލައިލައެވެ. އަލީފްގެ މޫނު ފެނުމުން ނުބަލަ ނުހުރެވެނީއެވެ. އެ ސާދާ އިލިއިލި ތުބުޅީގެ އިސްތަށިތަކުގައި އިނގިލިތައް ވިނުވައިލަން އަހްލާމްގެ އިނގިލިތައް އެދެނީއެވެ. އެ ދޮންދޮން ސާދާ މޫނުގައި ބޮސްދޭން އޭނާގެ ހިތް ބުނަނީއެވެ. އެ ވަރުގަދަ ކަޅުކުލައިގެ އެސްފިޔަތަކުން ހިމާޔަތްކޮށްފައިވާ ލޮލަށް ކަޅި ހުއްޓުވައިގެން އިންނަ ބޭނުންވަނީއެވެ. އެ ފަންފަން އިސްތަށިގަނޑުން ދޮވަމުން ދިޔަ މީރުވަހުން އޭނާގެ ނޭފަތް ޝަހީދުވަނީއެވެ.

"އަހްލާމް! އަހްލާމް!" އަލީފް އަހްލާމްގެ މޫނަށް ހަނާއެޅިއެވެ.

"އެ... ކީކޭތޯ؟" އަހްލާމަށް ބޭއިޚްތިޔާރުގައި ދެ ލޯ ބޮޑުކޮށް ދެ ބުމަ އުފުއްލައިލެވުނެވެ.

"ތިޔަ ދުނިޔެއިން އަޅުގަނޑަށްވެސް ޖާގައެއް ދެއްވާށޭ!" އަލީފްގެ ތުންފަތުގައި ކުޅެލީ ފުރިހަމަ ހިނިތުންވުމެކެވެ.

އަލީފްގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އަހްލާމްގެ ލޮލަށެވެ. އަލީފްގެ ލޮލުތެރެއިން އަހްލާމަށް އެތައް ފުން މާނައެއް ފެންނަމުން ދިޔައެވެ.

"ތި ވިދާޅުވީ؟" އަހްލާމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ހިތް އަލީފަށް އެދޭކަން އަލީފަށް އެނގުނީބާއޭ ހިތަށް އަރައަރައެވެ.

"ހިއްހިއް! މި ބުނީ ޚިޔާލީ ދުނިޔެ އެއީ އަހަރެން ވަރަށް އުޅޭ ހިތްވާ ދުނިޔެއެކޭ." ލިޔުން ހުއްޓާލައި އަލީފް ގޮނޑީގައި ހަމަޖެހިލިއެވެ. "އެ ދުނިޔޭގައި ތިމާ ބޭނުން ކަމެއް ފަސޭހަކަމާއެކު ވާނެ."

"އަލީފް ބޭނުން ކަންކަން މި ދުނިޔޭގައި ނުވަނީތޯ؟" އަހްލާމަށް ބޭއިޚްތިޔާރުގައި ސުވާލެއް ކޮށްލެވުނެވެ.

"ހުމް. އަހަރެން ވަރަށް ބޭނުންވާ ކަމެއް އެބައޮތް. އަދި އެ ކަމެއް ނުވޭ." އަލީފް ބަލަމުން ދިޔައީ އަހްލާމްގެ މޫނަށެވެ. އެ މޫނު އޭނާ މަސްތުކުރުވަނީއެވެ. ހިތް ފުރެންދެއް ބަލަހައްޓައިގެން ހުންނަން ބޭނުންވަނީއެވެ.

"އެއީ ކޮން ކަމެއްތޯ؟" އަހްލާމަށް ހިފެހެއްޓުމެއް ނެތި ސުވާލަކަށްފަހު ސުވާލެއް ކުރެވެމުން ދިޔައެވެ. އޭނާގެ ހިތުގައި އޮތް ޖަވާބު އަޑު އަހަން ބޭނުންވާލެއް ބޮޑުކަމުންނެވެ.

"އަދި އެއީ ސިއްރެއް!" އަލީފް މޭޒުމަތީގައި އޮތް ކަރުދާސްކޮޅު ނަގައި އަހްލާމަށް ދިއްކޮށްލިއެވެ. "މީގައި ހުރި އެއްޗިހިތަކަށް ރިކުއެސްޓެއް ލިޔެލަބަލަ! އަދި ވޯރކްޝޮޕްގެ ކަންތައްތައް ކުރިއަށް ދާ ގޮތުގެ އަޕްޑޭޓެއް އަހަރެންނާ ހަމައަށް ގެނެސްދީބަލަ."

"ލައްބަ!" އަހްލާމް މަސައްކަތަށް ދިޔުމަށްޓަކައި ގޮނޑިން ތެދުވިއެވެ.

އަހްލާމްގެ ސިކުނޑީގައި އެނބުރެމުން ދަނީ އެކި ތަފާތު ޚިޔާލްތަކެކެވެ. އަލީފް އެބުނި ސިއްރަކީ ކޮބައިކަން އޭނާ ބަލަން ބޭނުންވަނީއެވެ. އެއީ އޭނާގެ ހިތުގައި އޮތް ޖަވާބުކަން ޔަޤީންކުރަން ބޭނުންވަނީއެވެ. އަލީފާއެކު އޭނާ ފުރިހަމަ ދިރިއުޅުމެއް ފަށަން ބޭނުންވަނީއެވެ. އޭނާދެކެ އަލީފް ލޯބިވާން ބޭނުންވަނީއެވެ. އަލީފްގެ އަނގައިން އެ ވާހަކަތައް އަޑުއަހަން އޭނާގެ ހިތް ތެޅި މަރުވަނީއެވެ.

"އެ ކޮބައި؟" ނަތާޝާގެ ޖުމުލައިން އަހްލާމް ދިޔައީ ސިއްސައިގެންނެވެ.

"ކޮން އެއްޗެއް؟" ނަތާޝާ ބުނި އެއްޗެއް އަހްލާމަކަށް ނުވިސްނުނެވެ.

"ހާދައިރެއްވެއްޖޭ! މިހާރު އެހަރަ ހަތް މިނެޓާއި އެގާރަ ސިކުންތު ހިނގީ! އަލީފް ކީކޭ ބުނީ؟" ނަތާޝާ ހުރީ އަހްލާމް ނުކުނާނެ ވަގުތަކަށް ބަލަބަލައެވެ.

"އޮފީސް މަސައްކަތާއި ބެހޭ ވާހަކަ." އަހްލާމް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

"ދެން އިތުރު އެހެން ވާހަކައެއް ނުދައްކާތަ؟" ނަތާޝާއަށް އަހްލާމްގެ ޖަވާބެއް ކަމަކުނުދިޔައެވެ.

"ހުމް!" އަހްލާމްގެ މޭޒާ ދިމާއަށް މިސްރާބުޖެހިއެވެ.

"އަހްލާމް! އަހަރެންނަށް ކީއްވެ ތި ވާހަކަތައް ޤަބޫލުނުކުރެވެންވީ؟" ނަތާޝާ އަހްލާމްގެ ފަހަތުން ހިނގައިގަތެވެ.

އަހްލާމް އެއްވެސް އެއްޗެއް ނުބުނެ ގޮސް ގޮނޑީގައި އިށީނެވެ. އޮފީހުގެ އެ ސެކްޝަންގައި އަހްލާމާއި ނަތާޝާ ނޫން އެހެން މީހަކު ނެތެވެ. އެހެންނަމަވެސް ސެކްޝަނަށް ވަންނަ ދޮރު ކައިރީގައި ހުރި ލުކްޝާން ދިޔައީ އެ މީހުންގެ ވާހަކަތައް ނިކަން ސިއްރުން ކަނުލައި އަޑު އަހަމުންނެވެ. އޭނާގެ މަޤްޞަދު ފަސޭހަކަމާއެކު ހާޞިލްވާނޭ ގޮތްތަކެއް އޭނާގެ ސިކުނޑީގައި ރޭވެމުން ދިޔައެވެ.

"ސޮރީ ނަތާޝާ! އަހަރެންނަށް ނުކެރޭނެ އަލީފްގެ ގާތުގައި ލޯބީގެ ވާހަކަތައް ދައްކާކަށް." އެންމެފަހުން އަހްލާމް ހިތުގައި އޮތް އެއްޗެއް މަޑުމައިތިރިކަމާއެކު ނަތާޝާގެ ގާތުގައި ބުންޏެވެ. "އަހަރެން އެދެން އޮފީސް ތެރޭގައި މިކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަނުދައްކަން."

އަހްލާމް އަވަސް ފިޔަވަޅުތަކެއް ބަހައްޓަމުން ތަކެތި ގަތުމާ ބެހޭ ސެކްޝަނަށް ދާން ހިނގައިގަތެވެ. ދޮރުން ނުކުންނަން ދިމާކޮށްލި ވަގުތު އަހްލާމްގެ ކުރިމައްޗަށް ހުރަސްވީ ލުކްޝާނެވެ. އޭނާ އައީ ސެކްޝަނަށް ވަންނާށެވެ. އަހްލާމަށް ބޭ އިޚްތިޔާރުގައި ލުކްޝާންގެ ކިބައިން ރެކެން މަސައްކަތްކުރެވުނެވެ. ފަސޭހަ ކަމާއެކު ލުކްޝާންގެ ކިބައިން ރެކެވުނެވެ. އެހެނަސް އަހްލާމްގެ ފައި އޮރިވުމުގެ ސަބަބުން އޭނާ އަރިއަޅައިލާގެން ވެއްޓެން ދިޔައެވެ.

"އޫޕްސް!" ލުކުޝާން އަހްލާމްގެ އަތުގައި ހިފިއެވެ. "މާ އަވަސްއަރުވާލައިފަ ތިދަނީ ކޮން ތަނަކަށް؟"

އަހްލާމް ޖެހި ލަތްކެއްހެން ލުކްޝާންގެ އަތް ފޮޅައިލިއެވެ. އަހްލާމް ފޫހިގޮތަކަށް ލުކްޝާނާ ދިމާއަށް ބަލައިލިއެވެ. އެއްގޮތަކަށްވެސް މަޑުކުރުމެއްނެތި އޭނާ ލުކްޝާނަށް ފަސްދީ ދިޔައެވެ. އޭނާ އެއްގޮތަކަށްވެސް މަޑުކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ އޭނާ ގަޔާވާ ގޮތަކަށް އުޅޭ މީހެއް ނޫނެވެ. ނޫނީ ލުކްޝާންގެ ގައިގާ އަހްލާމް ގަޔާވާ އެއްވެސް ސިފައެއް ނުހުރެއެވެ. އަދި އެއީ އިތުބާރެއް ކުރެވޭ މީހެއްވެސް ނޫނެވެ.

ލުކްޝާން އަހްލާމް ދިޔަ މަންޒަރު ބަލަން ގަނޑުވެފައި ހުއްޓެވެ. ލުކްޝާންގެ މޫނު މަތީގައިވަނީ ރަކި ހިނިތުންވުމެކެވެ. އޭނާ ކުރަން ބޭނުންވި ކަންތައް ކާމިޔާބުވީމައެވެ. ވަގުތުކޮޅެއް ނަމަވެސް އަހްލާމާއެކު ހޭދަކޮށްލެވުމުން އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބުނީއެވެ. ލުކްޝާންގެ އަތަށް ނަޒަރު ހިންގައިލިއެވެ. އެޔާއެކު އޭނާގެ އަމިއްލަ އަތްތިލާގައި ވަސް ބަލައިލިއެވެ. އޭނާއަށް ދުވީ އަހްލާމް ބޭނުންކުރާ ސެންޓުގެ ވަހެވެ.

"ކިހިނެއްވީ؟" ލުކްޝާން ގޮސް ނަތާޝާގެ މޭޒު ކައިރީގައި ހުއްޓުނެވެ. "ހާދަ ދެރަވެފަހެން ހީވޭ ލަވް."

ނަތާޝާ އިނީ އިސްޖަހައިގެންނެވެ. އަހްލާމްގެ ޖުމްލަތަކުން އޭނާގެ ހިތަށް އަސަރުކުރީއެވެ. އަލީފް އޭނާއަށް ގެއްލިގެން ދަނީހެން ހީވަނީއެވެ. އޭނާ ދެ ލޯ ފަދައިން ލޯބިވާ އަލީފް ގެއްލިގެން ދާ ތަން ބަލަން ނަތާޝާ އަތް އުރާލައިގެން ހުންނާކަށް ބޭނުމެއް ނުވެއެވެ. އެހެނަސް އޭނާގެ ހަށީގައި އެކަމަށް އެކަށޭނެ ބާރެއް ނެތެވެ. އެކަން ކުރާނެ ގޮތުގެ އުކުޅެއް އޭނާއަކަށް ނުވިސްނުނެވެ.

"ނަތާ! ކޮން ޚިޔާލެއްގައިތަ؟ އަހަރެންނަށް ކިޔައިދީބަލަ! އޭރުން ހެލްޕެއް ވައްޓާލެވޭނީ!" ހިތުން މާ އޯގާތެރިވެގެން ލުކްޝާން މަސައްކަތްކުރީ ވެގެން އުޅޭ ގޮތެއް ނަތާޝާގެ ދުލުން އޭނާއަށް ކިޔައިދޭތޯއެވެ.

(ނުނިމޭ)